Roadha Mihaaru
އެއްލާލައިފައި އޮއްވާ ފެނުނީބިދޭސީ އަންހެނެއްގެ ދަރިއެއް

އެއްލާލައިފައި އޮއްވާ ފެނުނީ ބިދޭސީ އަންހެނެއްގެ ދަރިއެއް ކަމަށް ބެލެވޭ

03 ޑިސެމްބަރ 2023

އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާ އޮތީ އެ ރަށުގައި ހުންނަ ގެސްޓް ހައުސްއަކުން އެއްލާލި ކޮތަޅެއްގެ ތެރޭގައި ކަން "މިހާރު" އެނގިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާ އޮތީ އެ ރަށުގައި ހުންނަ ގެސްޓް ހައުސްއަކުން އެއްލާލި ކޮތަޅެއްގެ ތެރޭގައި ކަން "މިހާރު" އެނގިއްޖެ އެވެ.

ދިގުރަށުން ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި، އެ ކުއްޖާ އަކީ އެ ރަށު ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކު ވިހެއި ކުއްޖެއް ކަމަށް ތުހުމަތު ކުރެވެ އެވެ. އެ ކުއްޖާ އޮތީ ކުނި އުކަން ބޭނުންކުރާ ކަޅު ކޮތަޅެއްގެ ތެރޭގަ އެވެ. އެއީ ފޫޅު ވެސް ނުކަނޑާ އޮތް ކުއްޖެކެވެ.

އެކަމަކު އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ފުލުހުން ކުރިން ބުނީ މި މައްސަލަ އެ އިދާރާ އަށް ރިޕޯޓްކުރީ މިއަދު ހެނދުނު ކަމަށެވެ. އޭރު އެ ކުއްޖާ މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން، ތަހުގީގަށް ފުލުހުންގެ ޓީމެއް ވެސް އެ ރަށަށް މިހާރު ވަނީ ގޮސްފަ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން "މިހާރު" އަށް މިއަދު ވިދާޅުވީ ކޮތަޅެއްގެ ތެރޭގައި އޮތް އެ ކުއްޖާ ފެނުނީ އެ ރަށު ކުނިގޮނޑުގައި މަސައްކަތް ކުރާ މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް މިއަދު ހެނދުނު 8 ޖަހާކަށް ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ކުއްޖާ އޮތީ ރަށުގެ ގެތަކުންނާއި ގެސްޓް ހައުސްތަކުން ނެގި ކުނި ކޮތަޅެއްގެ ތެރޭގަ އެވެ. ނަމަވެސް އެއީ ސީދާ ކޮން ގެއަކުން ނުވަތަ ގެސްޓް ހައުސްއަކުން ނެގި ކޮތަޅެއް ކަމެއް ނޭނގެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނަގަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.