Roadha Mihaaru
ކުއްޖާގެ މަންމަ ހޯދިއްޖެ؛ ހައްޔަރުކުރަނީ

ކުއްޖާގެ މަންމަ ހޯދިއްޖެ؛ ހައްޔަރުކުރުމުގެ މަސައްކަތް ކުރަނީ

03 ޑިސެމްބަރ 2023

އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މަންމަ ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަން އެނގިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އދ. ދިގުރަށުގެ ކުނިގޮނޑުން ފެނުނު ތުއްތު ކުއްޖާގެ މަންމަ ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަން އެނގިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން މިހާރު ވަނީ އެ އަންހެން މީހާ ހޯދައިފަ އެވެ.

ގޮނޑުން ފެނުނު ކުއްޖާގެ ހަށިގަނޑު މިހާރު އޮތީ އެ ރަށު ސިއްހީ މަރުކަޒުގަ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެއީ ދިގުރަށުގައި ހުންނަ ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކު ވިހެއި ކުއްޖެކެވެ. އެ ކުއްޖާ އޮތީ ކުނި އުކަން ބޭނުންކުރާ ކަޅު ކޮތަޅެއްގެ ތެރޭގަ އެވެ. އެއީ ފޫޅު ވެސް ނުކަނޑާ އޮތް ކުއްޖެކެވެ.

އެކަމަކު އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ފުލުހުން ކުރިން ބުނީ މި މައްސަލަ އެ އިދާރާ އަށް ރިޕޯޓްކުރީ މިއަދު ހެނދުނު ކަމަށެވެ. އޭރު އެ ކުއްޖާ މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން، ތަހުގީގަށް ފުލުހުންގެ ޓީމެއް ވެސް އެ ރަށަށް ވަނީ ގޮސްފަ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން "މިހާރު" އަށް މިއަދު ވިދާޅުވީ ކޮތަޅެއްގެ ތެރޭގައި އޮތް އެ ކުއްޖާ ފެނުނީ އެ ރަށު ކުނިގޮނޑުގައި މަސައްކަތް ކުރާ މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް މިއަދު ހެނދުނު 8 ޖަހާކަށް ހާއިރު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ކުއްޖާ އޮތީ ރަށުގެ ގެތަކުންނާއި ގެސްޓް ހައުސްތަކުން ނެގި ކުނި ކޮތަޅެއްގެ ތެރޭގަ އެވެ. ނަމަވެސް އެއީ ސީދާ ކޮން ގެއަކުން ނުވަތަ ގެސްޓް ހައުސްއަކުން ނެގި ކޮތަޅެއް ކަމެއް ނޭނގެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްޖާ ފެނުނީ ކުނި ކޮތަޅުތައް ގޮނޑަށް ގެންގޮސް، އެ އެއްޗެހި ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނަގަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.