Roadha Mihaaru
ބަލަނީ ހެލިކޮޕްޓަރާއި ޑޯނިއާ އަދިވެސް ބޭނުންކުރަން

މަޝްވަރާކުރީ ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުންކުރުން ހުއްޓާނުލައި ކުރިއަށް ގެންދަން: އިންޑިއާގެ އޮފިޝަލުން

04 ޑިސެމްބަރ 2023

ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މަޝްވަރާކުރީ ރާއްޖޭގައި މިހާރު ބޭނުންކުރާ އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުން ހުއްޓާނުލައި އަދިވެސް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މަޝްވަރާކުރީ ރާއްޖޭގައި މިހާރު ބޭނުންކުރާ އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުން ހުއްޓާނުލައި އަދިވެސް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެކި ނޫސްތަކަށް ބައެއް އޮފިޝަލުން މިހެން ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގެންދަން، ދުބާއީގައި ބޭއްވި ކޮޕް ސަމިޓްގެ ހަވާސާގައި ރައީސް ޑރ. މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބޭއްވެވި ބައްދަލުވުމުގައި އިންޑިއާއިން އެއްބަސްވެފައިވާ ކަމަށް ރައީސް ވިދާޅުވުމުންނެވެ.

މިކަމާ ބެހޭ ގޮތުން އިންޑިއާގެ ނޫސްތަކުން ސުވާލުކުރުމުން އެ ގައުމުގެ އޮފިޝަލުން ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވެފައިވަނީ ރާއްޖޭގައި އިންޑިއާގެ ވަސީލަތްތައް ބޭނުންކުރުމުގެ މުހިންމުކަން ރާއްޖޭން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބައްދަލުކުރައްވަނީ.

ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ) އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބައްދަލުކުރައްވަނީ.

"މި ވަސީލަތްތަކުގެ ބޭނުންތެރިކަން ރާއްޖޭން ވެސް ފާހަގަކުރި ... މި ވަސީލަތްތަކުގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަކާ މެދު ކުރާ މަޝްވަރާތައް އަދި ނުނިމޭ. މިކަން ކުރިއަށް ގެންދާނެ ގޮތެއް ނިންމާނީ ދެ ގައުމުން އެކުލަވާލަން ނިންމި ކޯ ގްރޫޕްގެ މަޝްވަރާއިން،" އިންޑިއާގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާގެ އެތައް ހާސް ސިފައިން އެބަތިބި ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ ރައީސް ޑރ. މުއިއްޒުގެ ކެމްޕޭނުން ބުނެފައިވެ އެވެ. ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މިހާތަނަށް އަދި އެނގިފައިވަނީ އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ތިބިކަމެވެ. އެއީ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ތިބޭ ސިފައިންގެ އަދަދެވެ. އެއީ ކުރީ ސަރުކާރުން ވެސް ބުނަމުން އައި ގޮތެވެ.

އިންޑިއާގެ އެހެން ނޫހެއް ކަމަށްވާ "ދަ ޕްރިންޓް" އަށް ވެސް އޮފިޝަލަކު ވިދާޅުވެފައިވަނީ އިންޑިއާގެ ވަސީލަތްތަކުގެ މުހިންމު ރާއްޖެ އާއި އިންޑިއާ އިން ވެސް ފާހަގަކުރި ކަމަށާއި އެއީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިވުމުގައި މުހިންމު ބައެއް ކަމަށް ދެ ފަރާތުން ވެސް ދެކޭ ކަމަށެވެ.

"ރާއްޖޭން ވެސް މި ވަސީލަތްތައް ބޭނުންކުރުން ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރި. ހަގީގަތުގައި މިއި ރާއްޖެ އާއި އިންޑިއާގެ ގުޅުން ރަމްޒު ކޮށްދޭ ކަމެއްގެ ގޮތުގައި ވެސް ދެ ގައުމުން ބަލައިގަނޭ. އެ ވަސީލަތްތައް ނުހުއްޓި ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާތައް ދަނީ ކުރިއަށް،" އޮފިޝަލް ވިދާޅުވި އެވެ.

ހިންދުސްޓާން ޓައިމްސް އިން ވެސް އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ މަޝްރާކުރީ އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކުރުން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތަކާ މެދު ކަމަށެވެ. އެކަމަކު އެ ވާހަކަ ދެއްކެވުނީ "ވަރަށް ކުޑަކޮށް" ކަމަށް ހިންދުސްތާން ޓައިމް އަށް އޮފިޝަލް ވިދާޅުވި އެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ އިންޑިއާ ސިފައިން ފޮނުވާލަން ވެ ވަޑައިގެންފައިވާ ވައުދާ ބެހޭ ގޮތުން ރައީސް ޑރ. މުއިއްޒު އިއްޔެ ވިދާޅުވީ އިންޑިއާ ސިފައިން އަނބުރާ ގެންދަން މަޝްވަރާތަކުގައި އިންޑިއާގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމުން އިންޑިއާ ސިފައިން ބޭލޭނެ. އަދި ވަރަށް އަވަހަށް އެކަން ހާސިލްވުން އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ނަތީޖާއަކީ. އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް މި ގެންދެވޭ ޑިމޮކްރެޓިކް އުސޫލުގެ ތެރެއިން ހަމަ ވަރަށް އަވަހަށް އެކަން ހާސިލް ވެގެން ދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މިކަން ކުރެވޭނެ ތާރީހެއް ކަނޑައެޅޭނީ އެ ކޮމިޓީގެ މަޝްވަރާއިން ކަމަށް ވެސް ރައީސް ޑރ މުއިއްޒު ވިދާޅުވި އެވެ.