Roadha Mihaaru
ސިވިލިއަނުން ގެންނަނީ ވަކި މުއްދަތަކަށް: ރައީސް

އިންޑިއާގެ ސިވިލިއަނުން ގެންނަނީ ވަކި މުއްދަތަކަށް، މުޅި އުމުރަށް ރާއްޖޭގައި ތިބޭކަށް ނޫން: ރައީސް

21 މާޗް 2024

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ފަހު، އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ތިން އުޅަނދު ދުއްވަން އެ ގައުމުގެ ސިވިލިއަނުން ގެންނަނީ ވަކި މުއްދަތަކަށް ކަމަށާއި އެއީ ދާއިމީ ބައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ފަހު، އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ތިން އުޅަނދު ދުއްވަން އެ ގައުމުގެ ސިވިލިއަނުން ގެންނަނީ ވަކި މުއްދަތަކަށް ކަމަށާއި އެއީ ދާއިމީ ބައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

"އެގްރީމަންޓެއް ކުރެވިގެން ވަކި މުއްދަތަކަށް އެ ތަކެތި އޮޕަރޭޓްކުރަން. އެއްގޮތަކަށް ވެސް ޕާޕެޗުއަލްޓީ އަށް، އުމުރު ދުވަހަށް ކުރާ ކަމެއް ނޫން،" ރައީސް މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ދެއްވި ފުރަތަމަ އިންޓަވިއުގައި "މިހާރު" ގެ ނޫސްވެރިން ގާތު އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބ އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމުގެ ވައުދާ އެކު، ތިން ޕްލެޓްފޯމުގެ ތެރެއިން އައްޑޫ ގަމުގައި ހެލިކޮޕްޓަރު ދުއްވަން ތިބި އިންޑިއާގެ ސިފައިން ވަނީ މި މަހު ރާއްޖެ ދޫކޮށް ގޮސްފަ އެވެ. އެ މީހުންގެ ބަދަލުގައި މިހާރު ގަމުގައި ތިބީ އިންޑިއާގެ ސިވިލިއަނުންނެވެ.

ދެ ގައުމުން އެއްބަސް ވެފައި ވަނީ އިންޑިއާގެ ހުރިހާ ސިފައިން މި އަހަރުގެ މޭ 10 ގެ ކުރިން ފޮނުވާލުމަށް ފަހު، އެ މީހުންގެ ބަދަލުގައި އެ ގައުމުގެ ސިވިލިއަނުން ގެންނާށެވެ. އެއީ ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވުމަށެވެ.

ރައީސް ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވާލަން ކަމަށް ވާތީ ބެއްލެވީ އެންމެ ކުރު މުއްދަތެއްގައި އަދި އެންމެ އަވަހަށް އެކަން ކުރޭވެނެ މަގެއް ހޯދަން ކަމަށެވެ.

"އެއްގޮތަކަށް ވެސް މިލިޓަރީ މީހުން ބާލާފައި ސިވިލިއަނުންގެ ހެދުން ލަނީކީއެއް ނޫން. އެއީ ހަމަ މިލިޓަރީ މީހުންގެ ބަދަލުގައި މަދަނީ މީހުން ގެނައުން،" ރައީސް ވިދާޅުވި އެވެ.

ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން އިންޑިއާގެ ސިވިލިއަނުން ގެންނަނީ ކިހާ މުއްދަތަކަށް ކަމެއް ސަރުކާރުން އަދި ނުބުނެ އެވެ.

އިންޑިއާގެ ސިފައިން ފޮނުވާތީ ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ، ދިވެހި ސިފައިން އަމިއްލަ އަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ނިންމުމަކީ އިންޑިއާއާ ދުރުވުން ނޫން ކަމަށެވެ.

"އެ ގޮތަށް ބަޔަކު ޕިޗް ކުރަން، ޕޯޓްރޭ ކުރަން އުޅުމަކީ ވަރަށް ދެރަކަމެއް. އިންޑިއާ އިން ވެސް އަމިއްލަ އަށް ނޫންތޯ އިންޑިއާގެ ސަރަހައްދު ބަލަހައްޓާނީ. އަދި އެހެން ގައުމަކުން ވެސް. އަޅުގަނޑުމެންގެ ސަރަހައްދު މިއޮތް ހާ ދުވަހު އިންޑިއާ އާއި އެކި ގައުމުތަކުގެ އެހީތެރިކަމާ އެކީގައި ބެލެހެއްޓުނުކަމީ ހަމަ އަޅުގަނޑު ޝުކުރުވެރިކަމާ އެކު ފާހަގަކުރާ ކަމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެކަމަކު، ރައީސް ވިދާޅުވީ ރާއްޖެއަކީ މިނިވަން ގައުމަކަށް ވާތީ، އެ މިނިވަންކަމުގެ ފުރިހަމަ އިހުސާސް ވާން ބޭނުންފުޅުވާ ކަމަށެވެ. ވިދާޅުވީ އެއީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށެވެ.

އެއްގޮތަކަށް ވެސް މިލިޓަރީ މީހުން ބާލާފައި ސިވިލިއަނުންގެ ހެދުން ލަނީކީއެއް ނޫން. އެއީ ހަމަ މިލިޓަރީ މީހުންގެ ބަދަލުގައި މަދަނީ މީހުން ގެނައުން،"--- ރައީސް

"އަނެއްކާ އެކަމަށް އަޅުގަނޑު ވައުދު ވެސް ވެފައި އޮންނާނީ. އެހެންވީމާ އަޅުގަނޑުމެން މި ސަރަހައްދު އަމިއްލަ އަށް ބަލަހައްޓަން ފެށުމާއި އަޅުގަނޑުމެން އަމިއްލަ އަށް އަޅުގަނޑުމެންގެ ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުލޭނެ ގޮތް ގާއިމްކުރުމާއި އަޅުގަނޑުމެންގެ ގައުމުގައި އުފެއްދޭ ހުރިހާ ކާބޯތަކެއްޗެއް ބޭރުން ގެނައުމުގެ ބަދަލުގައި ގައުމުގައި ފުޑް ސެކިއުރިޓީ ގާއިމްކޮށް، އިމްޕޯޓް ކުރަން އެ ކުރާ ހަރަދު ކުޑަކުރުމާއި މި ކަންކަމަކީ އެހެން ގައުމަކާ ދުރުވުމެއް ނޫން. އެއްވެސް ހާލަތެއްގައި ދުރުވުމެއް ނޫން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިއްޔެ "މިހާރު" އާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް މުއިއްޒު އިއްޔެ "މިހާރު" އާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް ވިދާޅުވީ، އެއީ ދިވެހިންގެ މިނިވަންކަން ކަށަވަރު ކުރަން ސަރުކާރުން ކުރާ ކަމެއް ކަމަށާއި އެއީ އިންޑިއާއާ ދުރުވުން ނުވަތަ ޗައިނާއާ ކައިރިވުން ކަމަށް ދައްކަން އުޅުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަނިކުފާނު ކުރައްވާހާ ވެސް މަސައްކަތްޕުޅަކީ ދިވެހިން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތް ހޯއްދަވައި ދެއްވުމެވެ.

"އެއްވެސް ގައުމަކަށް ހުރިހާ ކަމެއް އަމިއްލައަކަށް ނުކުރެވޭނެ، އެންމެ ބޮޑު ގައުމަށް ވެސް. އެމެރިކާ އިން ވެސް އެހެން ގައުމުތަކަށް ޑިޕެންޑުވާން ޖެހޭ. ޗައިނާ އިން ވެސް، އިންޑިއާ އިން ވެސް ޖެހޭ. އެކަމަކު، އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ކުރެވޭތޯ ބެލުން ނޫންތޯއޭ ދިވެހިންނަށް ހައްގު މިންވަރަކީ،" ރައީސް ވިދާޅުވި އެވެ.