Roadha Mihaaru
ޕީޕީއެމް/ޕީއެންސީގެ މާލޭ މޭޔަރުކަމުގެ ޓިކެޓް އާޒިމާއަށް

ވާދަވެރިއަކު ނެތުމުން ޕީޕީއެމް/ޕީއެންސީގެ މާލޭ މޭޔަރުކަމުގެ ޓިކެޓް އާޒިމާ އަށް

04 ޑިސެމްބަރ 2023

ވާދަވެރިއަކު ނެތުމުން މާލޭގެ މޭޔަރު ކަމަށް ޕްރައިމަރީއަކާ ނުލައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރަށް ޓިކެޓް ދޭން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވާދަވެރިއަކު ނެތުމުން މާލޭގެ މޭޔަރު ކަމަށް ޕްރައިމަރީއަކާ ނުލައި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރަށް ޓިކެޓް ދޭން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ނިންމައިފި އެވެ.

އެ ކޯލިޝަނުން ބުނީ މާލޭ މޭޔަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ އާޒިމާ އެކަނި ކަމަށެވެ.

މޭޔަރު ކަމުގެ ޓިކެޓް ހޯއްދަވަން ރޭ ފޯމު ހުށަހެޅުއްވުމަށް ފަހު، އާޒިމާ ވިދާޅުވީ، މޭޔަރު ކަމަށް ވާދަކުރައްވަނީ ދިވެހިންނަށް މިހާތަނަށް ކޮށްދެއްވި ހިދުމަތްތައް ކުރިއަށް ގެންދަން ކަމަށާއި މިއީ ސަރުކާރާ އެކުގައި މަސައްކަތް ކުރާނެ މޭޔަރަކު އިންތިހާބު ކުރަންވީ ވަގުތު ކަމަށެވެ.

"މިގަޑީގައި ސަރުކާރާ އެކީގައި މަސައްކަތް ކުރެވޭނެ ހީވާގި، މުރާލި، ކަންކަން ދަންނަ މީހަކު ގެނައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މާލޭގެ މައްސަލަތައް ހައްލުކުރުމަށް މުހިންމު ކަމެއް،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވި ގޮތުގައި މޭޔަރު ކަމަށް އިންތިހާބު ވެވަޑައިގެންފި ނަމަ ދެމިހުންނަވާނީ މާލޭގެ ކުރީގެ މޭޔަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ އަށް ގެންގުޅުއްވި ތަސައްވަރު ކާމިޔާބު ކުރެއްވުމުގަ އެވެ.

މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް މި މަހު 17 ގައި އިސްތިއުފާ ދެއްވުމުންނެވެ. އަދި ކައުންސިލްގެ ތިން މެމްބަރަކު އިސްތިއުފާ ދެއްވީ އެވެ.

މޭޔަރު ކަމުގެ އިތުރުން ހުޅުވާލީ މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ކަމަށް ކުރިމަތިލުމަށެވެ. އެ ގޮނޑިތަކަށް ވެސް ޕީޕީއެމް/ޕީއެންސީން ކުރިމަތިލާން ވަނީ ނިންމައިފަ އެވެ.

މާލޭގެ މޭޔަރާއި ހުސްވެފައިވާ އެހެން ގޮނޑިތަކަށް ކައުންސިލަރުން އިންތިހާބު ކުުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ލިބިފައި ވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށެވެ. އެ މަގާމަށް މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.