Roadha Mihaaru
އާޒިމާ މާލޭ މޭޔަރު ކަމަށް ވާދަކުރައްވަނީ

ޕީޕީއެމް/ޕީއެންސީ ޓިކެޓުގައި އާޒިމާ މާލޭ މޭޔަރު ކަމަށް ވާދަކުރައްވަނީ

01 ނޮވެމްބަރ 2023

އަންނަ ޖެނުއަރީ މަހު ބާއްވާ މާލޭގެ މޭޔަރު ކަމުގެ ބައި-އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ނިންމަވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އަންނަ ޖެނުއަރީ މަހު ބާއްވާ މާލޭގެ މޭޔަރު ކަމުގެ ބައި-އިލެކްޝަންގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވަން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ނިންމަވައިފި އެވެ.

އާޒިމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މާލޭ ސަރަހައްދު ހަގީގީ މާނައިގައި ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަން ގަބޫލުކުރައްވާ ކަމަށާއި އެކަންކަމަށް އިސްނަގަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުން ރާއްޖޭގެ ހިންގުން ބަދަލު ވިޔަސް، ރައްޔިތުންގެ ބޭނުންތަކަށް ބަދަލު ނާންނަކަން ފާހަގަކުރައްވައު އާޒިމާ ވިދާޅުވީ، ހިންގުމުގެ އޮނިގަނޑު ވަރުގަދަ ކުރުމުގެ ބޭނުން ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށެވެ. ނަމަވެސް ކައުންސިލާއި ސަރުކާރާ ދެމެދު އޮތް ޖެއްސުންކުރުމާއި ޒުވާބުގެ ސަބަބުން މާލޭގެ ރައްޔިތުން ބޭނުންވާ ތަރައްގީއާއި ހިދުމަތްތައް މުޅިންހެން ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެއަކީ ހަގީގީ މާނައިގައި ދިވެހިރާއްޖޭގެ ވެރިރަށް ގޮތުގައި ތަރައްގީކުރެވޭނެ ގާބިލް، އެކަމަށް އެކަށޭނެ ތެދުވެރި ދިވެހި ދަރިއަކު މޭޔަރު ކަމަށް އިސްކުރުމަކީ ގްރޭޓާ މާލޭގެ ތަރައްގީއަށާއި ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައިވާނެ،" އެ ބަޔާނުގައި އޭނާ ވިދާޅުވެފައިވެ އެވެ.

މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރޭވުންތެރިކަމާ އެކު މަސައްކަތްކުރާނެ ކަމަށާއި މިހާރު މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާފައިވާ ސްޓެރެޓިޖިކް ޕްލޭން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން އާޒިމާ ވަނީ ދެއްވައިފަ އެވެ.

މާލޭގެ މޭޔަރުކަމުގެ އިންތިހާބު ބާއްވަން ޖެހުނީ އެ މަގާމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު މުއިއްޒު، މިދިޔަ މަހުގެ 30 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އެ ގޮނޑި ހުސްވާތީ އެވެ. އަންނަ މަހުގެ 17 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ހުވާކުރައްވާ މުއިއްޒު މިހާރު ހުންނެވީ ޗުއްޓީއެއް ނަންގަވައިގެންނެވެ. މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވަނީ އިއުލާން ކުރަައްވައިފަ އެވެ.