Roadha Mihaaru

ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ފާސްކޮށްފި

ސަރުކާރު ހިންގާ ޕީއެންސީއާ އެކު މަސައްކަތް ކުރާ ޕީޕީއެމް އުވައިލަން އެ ޕާޓީގެ ސެނެޓުން ދެންމެ ފާސްކޮށްފި އެވެ.

ޕީޕީއެމް އުވާލަން އެ ޕާޓީގެ ސެނެޓުން ފާސްކޮށްފި
ނާޒިމް ހަސަން
ނާޒިމް ހަސަން

02 ޑިސެމްބަރ 2024

ސަރުކާރު ހިންގާ ޕީއެންސީއާ އެކު މަސައްކަތް ކުރާ ޕީޕީއެމް އުވައިލަން އެ ޕާޓީގެ ސެނެޓުން ދެންމެ ފާސްކޮށްފި އެވެ.

މިހާރު ކުރިއަށް ގެންދާ ޕީޕީއެމް ސެނެޓް ބައްދަލުވުމުގައި އެ ޕާޓީ އުވާލަން ހުށަހެޅުމުން އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުން ފާސްކުރީ ޕީޕީއެމް އުވައިލާށެވެ.

ބައްދަލުވުމުގެ ރިޔާސަތުގައި ތިއްބެވީ ދެ މިނިސްޓަރުން އަދި އެ ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ އަހުމަދު ޝިޔާމާއި މުހައްމަދު ޣައްސާން މައުމޫނެވެ.

ޕީޕީއެމް އުވައިލަން މަސައްކަތް ކުރާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެ ޕާޓީގައި ތިބި އާންމު މެންބަރުން ޕީއެންސީއަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔަ އެވެ. ސަރުކާރު ހިންގާ ޕީއެންސީއަށް 90،000 އެއްހާ މެންބަރުން މިހާރު ހަމަވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

ޕީޕީއެމް އުވާލާން ނިންމިއިރު އެ ޕާޓީގައި 2013-2018 އާ ހަމައަށް ވެސް ވެރިކަން ކުރި ޕާޓީ އެވެ.

ޕީޕީއެމް އުފެއްދީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރްޕީ ދެބައިވެ އުފެދުނު "ޒެޑް ޑީއާރްޕީ" ފެކްޝަނުގެ ތެރެއިންނެވެ. އެ ޕާޓީ އުފެއްދުމަށް ފަހު ބޭއްވި ޕްރައިމަރީގައި ޓިކެޓް ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.

ޔާމީންގެ ވެރިކަމުގައި މައުމޫނާ ހިޔާލު ތަފާތުވެ، ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިގެން ޕީޕީއެމުން އެ މަނިކުފާނު ބޭރުކުރި އެވެ. އަދި ޔާމީންގެ ފުލް ކޮންޓްރޯލާ އެކު 2016 ވަނަ އަހަރުން ފެށިގެން ޕީޕީއެމް ހިންގަމުން ދިޔަ އެވެ.

ނަމަވެސް، ވެރިކަން ގެއްލުމުން ޕީޕީއެމްގެ ބާރު އަނެއްކާވެސް މައުމޫނަށް ފުރޮޅިދާނެ ކަމުގެ ބިރު އޮތުމުން ޕީއެންސީގެ ނަމުގައި ޔާމީން އާ ޕާޓީއެއް އުފެއްދެވި އެވެ. ކޯޓުން މައްސަލަ ނިމުނު ގޮތުން ޔާމީނަށް ޕީޕީއެމްގެ ކޮންޓްރޯލް ދެމި އޮތްއިރު އެ މަނިކުފާނުގެ ލީޑަޝިޕްގެ ދަށުން ދެ ޕާޓީ ވެސް ގެންދެވީ ހިންގަމުންނެވެ.

އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެވޭނެ ގޮތް ޔާމީނަށް ނުވުމުން ޕީއެންސީގެ ޓިކެޓްގައި އެހެން ކެންޑިޑޭޓަކު ނެރެން ފުރުސަތު ދެއްވި އެވެ. ޕީއެންސީގެ ތެރޭގައި ބޭއްވި އިންތިހާބެއްގައި އެ ޓިކެޓް ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޕީޕީއެމްގެ ހަރަކާތްތައް އޮތީ ހުއްޓިފަ އެވެ. އޭގެ ބަދަލުގައި ކުޑަ ޕާޓީއެއްގެ ގޮތުގައި އޮތް ޕީއެންސީ ވަރުގަދަ ކުރުމުގެ މަސައްކަތް ފެށި އެވެ. މި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް ހުރިހާ ކެންޑިޑޭޓުން ނެރުނީ ޕީއެންސީގެ ނަމުގަ އެވެ.

ޔާމީން ޕީޕީއެމް އިސްތިއުފާ ދެއްވީ ޖަލުން ގެކޮޅަށް ބަދަލު ކުރެއްވި ފަހުން ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިންނެވެ.

ސިޔާސީ ޕާޓީއެއް އުވައިލާތާ ފަސް އަހަރުގެ ތެރޭގައި އެ ޕާޓީއެއްގެ ކުލަ އާއި ނިޝާން ބޭނުން ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މި ފަހުން ވަނީ އިސްލާހެއް ވެސް ގެނެސްފަ އެވެ.