Roadha Mihaaru

އާޒިމާ، ސަރުކާރާ ގުޅިގެން މާލޭގެ ތަސައްވުރު ބަދަލުކޮށްލާނެ!

04 ޖެނުއަރީ 2024

ގިނަ ބަޔަކު އާއިޝަތު އާޒިމާ ޝަކޫރު ދަންނަނީ ކުރީގެ ބަންޑާރަ ނައިބުގެ ގޮތުގަ އެވެ. މަޝްހޫރުވެފައި ވެސް އޮތީ އެ ގޮތަށެވެ. ކުޅަދާނަ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ. ބޮޑެތި، އެހާމެ އުނދަގޫތައް ނިންމެވި ވަޒީރެއްގެ ގޮތުގަ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ގިނަ ބަޔަކު އާއިޝަތު އާޒިމާ ޝަކޫރު ދަންނަނީ ކުރީގެ ބަންޑާރަ ނައިބުގެ ގޮތުގަ އެވެ. މަޝްހޫރުވެފައި ވެސް އޮތީ އެ ގޮތަށެވެ. ކުޅަދާނަ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ. ބޮޑެތި، އެހާމެ އުނދަގޫތައް ނިންމެވި ވަޒީރެއްގެ ގޮތުގަ އެވެ.

އުމުރުން އެންމެ 17 އަހަރުން ފެށިގެން އާޒިމާ ވަނީ އެކި ގޮތް ގޮތުން ގައުމަށް ހިދުމަތް ކުރައްވައިފަ އެވެ. މާފަންނު އަތޮޅު އޮފީހުން ފެށި ގައުމީ ހިދުމަތުގައި ފުޅާކުރައްވައި އާޒިމާ ވަނީ ތިން ރައީސެއްގެ ވެރިކަމުގައި ވަޒީރުކަން ކުރައްވައިފަ އެވެ.

ފާއިތުވީ 30 ވަރަކަށް އަހަރު ދުވަހު ގައުމީ ހިދުމަތުގައި ދެމި ހުންނަވައި ލިބުނު ތަޖުރިބާ އާއި ހުނަރުގެ އަލީގައި މިއަދު އާޒިމާ ނުކުންނަވައި ހުންނެވީ މާލޭގެ މޭޔަރުގެ މަގާމަށެވެ. އިޖުތިމާއީ މަސައްކަތްތަކަށް އޮތް ލޯތްބާ އެކު، ރައްޔިތުންނާ ގާތުން ބޮޑެތި ހިދުމަތްތަކެއް ކުރެއްވުމުގެ އަޒުމުގަ އެވެ.

ބަދަލުކުރަން ޖެހެނީ މުޅި މާލެ!

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓުގައި މާލޭ މޭޔަރު ކަމަށް ވާދަކުރުމަށް ނިޔަތް ގަނެ، އާޒިމާ ނުކުމެވަޑައިގެންނެވިއިރު ފެނިވަޑައިގަތީ ހައްތަހާ ވެސް މައްސަލަތަކެވެ. ކޮންމެ ދާއިރާއަކަށް ވަކިން ބެއްޔަސް ބަޔަކު އިހުމާލުވެ ފެއިލް ވެފައިވާ ތަނެވެ. ހައްލުކުރަން ޖެހޭ ބޮޑެތި މައްސަލަތެކެވެ.

"މާލެއަކީ ރާއްޖޭގެ ހުރި އެންމެ ބޮޑެތި މައްސަލަތަކުގެ ފެށުން އަދި ނިމުން. މާލެ އިން ފަށައިގެން މާލެ އިން ނިންމައިގެން ނޫނީ ރާއްޖޭގެ އެއްވެސް ތަނެއްގެ މައްސަލަތައް ހައްލެއް ނުވާނެ. ގެދޮރަށް ބެލިޔަސް ޓްރާންސްޕޯޓަށް ބެލިޔަސް ރަށުގެ ވެއްޓަށް ބެލިޔަސް އިޖުތިމާއީ މައްސަލަތަކަށް ބެލިޔަސް ރައްކާތެރިކަމަށް ބެލިޔަސް މިއިން ކޮންމެ ކަމެއް ވެސް،" އާޒިމާ "މިހާރު" އަށް ވިދާޅުވި އެވެ.

މާލެ އަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މޭޔަރުގެ ދައުރު މުހިންމު ކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ، އެ މައްސަލަތައް ހައްލުކުރުމަށް އޭނާގެ ވިސްނުމާއި ތަސައްވުރެއް ގެންގުޅުއްވާ ކަމަށެވެ.

އާޒިމާގެ ކެމްޕެއިނު ރެލީއެއްގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އާޒިމާގެ ކެމްޕެއިނު ރެލީއެއްގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

"މާލޭގައި ނެތް އިސްކަން ނުދެންވީ ކަމެއް. ޖެހޭނީ ހުރިހާ ކަމެއް އެކުގައި ފޯކަސް ކޮށްގެން މަސައްކަތް ކުރަން ފަށަން."

އެންމެ ބޮޑު ވިސްނުމެއް އޭނާ ގެންގުޅުއްވަނީ ފެއިލްވެފައިވާ ގަވަނަންސް ނިޒާމު ނުވަތަ ހިންގުމުގެ އޮނިގަނޑު މުޅިން ބަދަލު ކުރާށެވެ. މިހާރު ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ އަސްލަކީ އެއީ ކަމުގައި އޭނާ ގަބޫލުކުރައްވަ އެވެ.

މުނިސިޕަލް ހިދުމަތްތަކުގެ ތަޖުރިބާ ވެސް ކުރައްވާފައިވާ އާޒިމާ ވިދާޅުވި ގޮތުގައި މިހާރު އޮންނަ ގޮތުން މުހިންމު ކަންކަން ނިންމަނީ ސީދާ ރައްޔިތުންގެ އެއްވެސް މަޝްވަރާއެއް ބައިވެރިވުމެއް ނެތި އެވެ. އޭގެ ބަދަލުގައި ރަށް ކުރިއަރުވާ ކޮމިޓީއެއް ނުވަތަ އެ ކޮންސެޕްޓުގެ ކޮމިޓީއެއް އޮތުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ދެކެވަޑައިގަންނަވަ އެވެ.

އާޒިމާ "މިހާރު" އަށް ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އާޒިމާ "މިހާރު" އަށް ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އާޒިމާ ގަބޫލުކުރައްވާ ގޮތުގައި މާލޭގެ ހާލަތު މިހާ ބޮޑަށް ގޯސްވީ، ތަރައްގީގެ ޕްލޭންތައް ސިޔާސީ ވިސްނުންތަކަކަށް ބަދަލުވުމުންނެވެ. އެއާ އެކު ގައުމު ތަރައްގީ ކުރާނެ ގޮތުގެ އޮނިގަނޑަށް ދޭންވީ ފޯކަސް ގެއްލުނީ އެވެ.

"މުޅި މާލެ އަށް އެކުގައި ޓޯޓަލް ސޮލިއުޝަނެއް، ޖުމުލަ ހައްލެއް ގެންނަން އެބަޖެހޭ. ޖުމުލަ ހައްލު ގެންނައިރުގައި ސަރުކާރުން ކުރަން ޖެހޭ ކަންތައްތަކާއި މެއިން ޕޮލިސީއާ އެކުގައި ގެނައީމާ މިއިން ރިޒަލްޓެއް ފެންނާނީ،" އާޒިމާގެ ތަސައްވުރު އޭނާ ހިއްސާ ކުރެއްވި އެވެ.

އާޒިމާގެ ކެމްޕެއިނު ރެލީއެއްގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އާޒިމާގެ ކެމްޕެއިނު ރެލީއެއްގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އޭނާ ވިދާޅުވީ އެ ވިސްނުމުގައި މާލޭގެ ތަރައްގީ އިސްކޮށްފި ނަމަ މިހާރު ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށެވެ.

"މި ވިސްނުން މާލެ އަށް ގެނެވޭނީ ޕޭވްމަންޓްތައް ވެސް ސާފުކޮށްގެން. ޓްރެފިކް މައްސަލަތައް ވެސް ހައްލު ކޮށްގެން. މަގުތައް ވެސް ހުޅުވާލެވިގެން. ކުޅޭ ތަންތަން ވެސް އުފެއްދިގެން. ލައިބްރަރީ ވެސް އުފެއްދިގެން،" އާޒިމާ ވިދާޅުވި އެވެ.

"ހަމަ އެގޮތަށް ސާފު ތާހިރު ވެއްޓެއް ގާއިމްކޮށްގެން. މަގުތަކަކީ ރައްކާތެރި، ދަރިންނަށް އެކުގައި އުޅެވޭނެ ތަންތަނަށް ހެދިގެން. ޓްރާންސްޕޯޓަކީ ވެސް ކުދިންނަށް އެކަނި ދެވޭވަރުގެ އެއްޗަކަށް ހެދިގެން. މިހާ ބޮޑު ޗޭންޖެއް ގެންނަން ޖެހޭ."

ބޭނުންވަނީ "ސަރުކާރުގެ" މޭޔަރެއް!

ސަރުކާރާއި ސިޓީ ކައުންސިލްގެ ދެމެދުގައި ސިޔާސީ ތަފާތުވުންތަކުގެ ނަތީޖާ މާޒީ އިން އޮތީ ފެންނާށެވެ. މިއީ "ސަރުކާރުގެ" މޭޔަރަކަށް މިހާރު އިސްކަން ދޭން ޖެހޭ ކަމަށް އާޒިމާ ގަބޫލުކުރައްވާ އެއް ސަބަބެވެ. އެ ހިޔާލުތަފާތުވުންތަކުގައި ކޮންމެ ފަހަރަކު ވެސް އެންމެ ބޮޑު ގެއްލުމެއް ލިބޭ ބަޔަކަށް މާލޭގެ މީހުން ވުމެވެ.

"ގައުމީ ތަސައްވުރަކާއި ޕްލޭނެއް ކޮންމެ ވެރިކަމަކާ އެކީ ބަދަލުނުވާ އަންނަން ޖެހޭ. އަޅުގަނޑަށް ހަމަ ގަބޫލުކުރެވެނީ ބޮޑެތި މައްސަލަތައް ރާއްޖޭގައި މިހުރީ ގައުމީ ޕްލޭނެއް ތަސައްވުރެއް ނެތިފައި ސިޔާސީ ވިސްނުން ކުރިއަށް އެރުމުން ގައުމީ ވިސްނުމަށް ވުރެ، އޭގެ ތެރޭގައި މާލެ ތާށިވީ، 15 އަހަރު ވަންދެން ސަރުކާރާއި މާލޭ ސިޓީ ކައުންސިލާ ދޭތެރޭ ތަޅާފޮޅުމުގައި މި ދިޔައީ،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާގެ ކެމްޕެއިނު ހަރަކާތެއްގައި ރައީސް އާއެކު -- ފޮޓޯ: ކެމްޕެއިނު ޓީމް

އާޒިމާގެ ކެމްޕެއިނު ހަރަކާތެއްގައި ރައީސް އާއެކު -- ފޮޓޯ: ކެމްޕެއިނު ޓީމް

ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު ގިނަ މައްސަލަތައް ހައްލުކުރައްވަން ޕްލޭނަކާ އެކު ވަޑައިގެން މަސައްކަތް ކުރެއްވި ނަމަވެސް އެންމެ އެކަށީގެންވާ ނަތީޖާ ނުނެރެދެވުނު ސަބަބަކީ އެއީ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި އާޒިމާ މޭޔަރު ކަމަށް ވާދަކުރައްވަނީ ރައީސް ޑރ. މުއިއްޒުގެ ސްޓެރެޓެޖިކް އެކްޝަންގެ ޕްލޭންގެ ތަންފީޒު ނުވެ އޮތް ބައި ތަންފީޒު ކުރުމަށެވެ. އެއާ އެކު، "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގައި ހުރި ކަންކަމާއި އޭނާގެ އަމިއްލަ ތަޖުރިބާއާ އެކު، ގިނަ ކަންކަން ހާސިލް ކޮށްދެވޭނެ ކަމުގެ ޔަގީންކަން އާޒިމާ އަށް އެބައޮތެވެ.

އާޒިމާގެ މެނިފެސްޓޯގައި ހިމަނާ ބައެއް ކަންކަން:

- ރައްޔިތުންގެ ވިސްނުން ހިމަނައިގެން ތަރައްގީ ކުރެވޭ ގޮތަށް ހިންގުމުގެ ނިޒާމު ބަދަލުކުރުން.

- ތައުލީމާއި ތަމްރީންގެ ޕްރޮގްރާމްތަކެއް ފަށައި ވަޒީފާ ފަހިކޮށްދިނުން.

- ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އޮކިއުޕޭޝަން އާއި އަންހެނުންގެ ވަޒީފާ ފުރުސަތުތައް.

- 24 ގަޑިއިރު ހިދުމަތް ދޭ ވެޓް ސެންޓަރެއް ހަދައި، މަގުމަތިން ބުޅާ ރައްކާތެރިކަމާއެކު ނެގުން.

- ދިވެހިރާއްޖޭގެ މާމެލާމެލީގެ ބަގީޗާއެއް ތަރައްގީކުރުން.

- ޕާކުތައް ތަޅުލާފައި ހުންނަން ހުރުން ދޫކޮށްލުން.

- މާލޭގެ ރެކްރިއޭޝަނަލް ކުޅިވަރުތަކަށް ޕްލޭނެއް އެކުލަވާލުން.

- ޕަބްލިކް ލައިބްރަރީއެއް ހުޅުވުން.

އާޒިމާ އަށް އޮތް ޔަގީންކަމަކީ ރައީސް ޑރ. މުއިއްޒު އެކުލަވާލާފައި އޮތް ޕްލޭން، ސަރުކާރާ ގުޅިގެން އޭގެ އެންމެ ފުރިހަމައަށް ހާސިލް ކޮށްދެވޭނެ ކަމެވެ.

"އަޅުގަނޑު މިހުރީ ރައީސްގެ އަރިހުގައި، މުޅި ރާއްޖޭގެ މެނިފެސްޓޯ އެކުގައި ތަންފީޒުކުރަން. އަޅުގަނޑަށް މި ފުރުސަތު ދެއްވާ ތިބޭފުޅުންނަން ތަފާތު ދައްކަން. އަޅުގަނޑުމެން މިތިބީ ކޮމިޓެޑް ޓީމެކޭ ނިކުމެ،" މިހާރުގެ ރައީސް ޑރ. މުއިއްޒާ އެކު، އެއް ކެބިނެޓުގައި މަސައްކަތް ކުރެއްވި އާޒިމާ ވިދާޅުވި އެވެ.

މިއީ މީހުންގެ މީހެއް، ނަތީޖާ ދައްކާނެ!

އެންމެ އާދައިގެ ވަޒީފާއިން ފަށައިގެން މިއަދާ ހަމައަށް އައިރު، އާޒިމާ ސިފަ ކުރައްވަނީ އޭނާއަކީ އާދައިގެ، މީހުންނާ ގުޅޭ މީހެއްގެ ގޮތުގަ އެވެ. އަބަދުވެސް ނިކަމެތިންގެ ހައްގުގައި ނުވަތަ "ވީކް" މީހުންގެ ހައްގުގައި ފަސްޖެހުމެއް ނެތި ތެދުވި، އަދި ކުރިއަށް އޮތް ތަނުގައި ވެސް ތެދުވާނެ ބޭފުޅެއްގެ ގޮތުގަ އެވެ.

މޭޔަރު ކަމުގައި ހިދުމަތް ކުރައްވަން ޝައުގު އުފެދުނު އެއް ސަބަބަކީ ވެސް އިޖުތިމާއީ މަސައްކަތްތަކަށް އޭނާގެ ހިތުގައި އޮތް ލޯތްބެވެ.

"ރާއްޖޭގައި މިހުރި އިޖުތިމާއީ މަސައްކަތްތަކަކީ އަޅުގަނޑުގެ ހިތާ ވަރަށް ގާތް މައްސަލަތަކެއް. އަޅުގަނޑު އަލެއް ނުވާނެ އިޖުތިމާއީ މަސައްކަތްތަކަކަށް. އަޅުގަނޑަކީ ރާއްޖޭގައި މީހުންނަށް އަތް ލާން ނުކުރެވުނު އެންމެ އުނދަގޫ މައްސަލަތަކުގައި ވެސް ވަކާލާތު ކުރި މީހެއް،" ޖެންޑާ މިނިސްޓަރު ކަން ވެސް ކުރެއްވި އާޒިމާ ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ވަކީލެއްގެ ގޮތުގައި އާޒިމާ ކޯޓަށް ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީޕީއެމް/ޕީއެންސީގެ ވަކީލެއްގެ ގޮތުގައި އާޒިމާ ކޯޓަށް ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ސްކޫލް ކުދިން މޫނު ބުރުގާ އެޅުން މަނާކޮށް، ސަރުކާރުން އެ ދުވަސްވަރު ހިފެހެއްޓި ސްޓޭންޑާ ދެކޮޅަށް ތެދުވެވަޑައިގަތުމެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ ގޮތުގައި ފުރަތަމަ ނެންނެގި ސްޓޭންޑަކީ އެ ހައްގު ދަރިވަރުންނަށް ލިބެން ހޯއްދަވައި ދެއްވުމެވެ. އެ ނިންމުމުގެ ސަބަބުން ފުރައްސާރަ އާއި މަލާމާތް ކުރިމަތިވި ނަމަވެސް، އެއީ އާޒިމާ ފަހުރުވެރިވާ ފަދަ ނިންމުމެކެވެ.

"އެ ދުވަހު އަޅުގަނޑު ދިވެހި އަންހެނުންގެ ހައްގުގައި އެ ޑިސިޝަން ނެގީމާ، ކިތައް އަންހެނުން މިއަދު އިތުރަށް އެ ތައުލީމު ހާސިލް ކުރެވުނީ. އަންހެނުން އެ ތިބީ ވަޒީފާތަކުގައި. އަޅުގަނޑު އަބަދުވެސް ވީކެސްޓް މީހުންނާ އެކީގައި ސްޓޭންޑް އަޕް ކުރަން،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވާ ގޮތުގައި، މާލޭ މޭޔަރުގެ ގޮތުގައި ވެސް އޭނާ ވާނީ ރައްޔިތުންނާ ގުޅޭ، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ބޭފުޅަކަށެވެ. ނަތީޖާ ނެރެދެއްވާނެ ވެރިއަކަށެވެ.

"އަޅުގަނޑަކީ ރިޒަލްޓް އޮރިއެންޓެޑް މީހެއް. ހިދުމަތް ކުރަން ކެރޭ މީހެއް. ސައުވީސް ގަޑިއިރު ހިދުމަތް ކުރާނެ މީހެއް. އެންމެ ހާއްސަކަމަކަށް ވާނީ އަޅުގަނޑަކީ ތެދުވެރިއެއް. އަޅުގަނޑުގެ ކޮރަޕްޝަންގެ މައްސަލައެއް ހިޔާނާތުގެ މައްސަލައެއް ފައިސާގެ މައްސަލައެއް ނޯންނާނެ. އަޅުގަނޑުގެ ބަދުއަހުލާގީ މައްސަލައެއް އެހެން މައްސަލައެއް ނޯންނާނެ. އަޅުގަނޑަކީ ސާފު މީހެއް،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާއަށް ކަންކަން ކުރެވޭނެ ކަމުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އޭނާ ގަބޫލުކުރައްވަނީ ބަންޑާރަ ނައިބު ކަމުގެ މަގާމުގައި ހުންނަވައި ގައުމުގެ ބޮޑެތި ހައްސާސް މައްސަލަތަކުގައި ހޯއްދަވާފައިވާ ކާމިޔާބީތަކެވެ؛ ފެހި ގާނޫނު އަސާސީ ތަސްދީގު ކުރުމުގެ އުނދަގޫ މަސައްކަތެވެ. ޖީއެމްއާރު އަތުން އެއާޕޯޓު އަނބުރާ ހޯދައިދިނުމެވެ. ޔޫއެން ސެކިއުރިޓީ މަޖިލީހުގައި ކުރިއަށް ދިޔަ މައްސަލައިގައި ރާއްޖެއަށް ފިޔަވަޅު ނާޅައި ސަލާމަތް ކޮށްދެވުމެވެ.

މި ހުރިހާ ތަޖުރިބާއާއި ކާމިޔާބީއާ އެކު، އާޒިމާ މިއަދު އެދެނީ ސަރުކާރާ ގުޅިގެން މާލެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މާލޭ ރައްޔިތުން އޭނާއަށް އިތުބާރުކޮށްދިނުމަށެވެ.