Roadha Mihaaru
ނަދީމްގެ މަރު: ބަންދު ނުކުރި އަމުރު ބާތިލްކޮށްފި

ނަދީމްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރި އަމުރު ބާތިލްކޮށް، އަލުން ގޮތް ނިންމަން އަންގައިފި

07 ޑިސެމްބަރ 2023

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި މީހުން އިސްތިއުނާފް މަރުހަލާގައި ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ބާތިލްކޮށް، ބަންދާ މެދު އަލުން ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގެ ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި މީހުން އިސްތިއުނާފް މަރުހަލާގައި ބަންދު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ބާތިލްކޮށް، ބަންދާ މެދު އަލުން ގޮތެއް ކަނޑައަޅަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.

ޖުލައި، 2017 ގައި މާލޭގެ ކެފޭއެއްގެ ތެރޭގައި ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް، މުހައްމަދު މަފާޒާއި ލ. ގަން ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒާއި ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިންގެ އިތުރުން ގއ. ގެމަނަފުށީ ހަވާސް މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އިސްތިއުނާފް މައްސަލަ ނިމެންދެން އެ މީހުން ބަންދުކުރަން ދައުލަތުން އެދުނަސް، ހައި ކޯޓުން ނިންމީ އެ މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ. އެހެންވެ، އެ ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރި ހުކުމްގައި ބުނީ އިސްތިއުނާފް މަރުހަލާގައި މީހުން ބަންދު ކުރެވޭނެ އިޖްރައާތެއް ގާނޫނެއްގައި ބަޔާންވެފައި ނެތް ކަމަށް ހައި ކޯޓުން މި މައްސަލާގައި ނިންމިޔަސް، ކޮން އިޖުރާއަތެއްކަން ހައި ކޯޓުން ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި އިސްތިއުނާފީ މަރުހަލާގައި ބަންދު ކުރަން އަމުރު ކުރާ ހާލަތުގައި އަމަލު ކުރަންޖެހޭ ގޮތް ވަކިން ގާނޫނެއްގައި އޮންނަން ޖެހޭ ސަބަބެއް ނުވަތަ މިހާރު ގާނޫނުގައި އުނިވަނީ ކޮން ކަމެއް ކަން ވެސް ހައި ކޯޓަށް ބުނެދެވިފައިނުވާ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

ސުޕްރީމް ކޯޓުން ބުނީ އިސްތިއުނާފީ މަރުހަލާގައި ބަޔަކު ބަންދުކުރަން ދައުލަތުން އެދޭ ހާލަތުގައި ވެސް އިސްތިއުފާނީ ކޯޓުން ރިއާޔަތް ކުރަން ޖެހޭނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތައް ކަމަށާއި ކޮންމެ މައްސަލައެއް ވެސް ބަލަން ޖެހޭނީ ވަކިން އެ މައްސަލައެއްގެ ވަށައިގެންވާ ހާލަތްތަކަށް ބަލައިގެން ކަމަށެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަކީ ތޫނު އެއްޗެހި ބޭނުންކޮށްގެން މާރާމާރީ ހިންގުން ކަމަށްވާއިރު، އެމީހުން ބަންދު ނުކުރުމަށް ހައި ކޯޓުން ނިންމުމުގައި މުޖުތަމައުއަށް އެމީހުންގެ ފަރާތުން އޮތް ނުރައްކަލާއި ކޯޓަށް ހާޒިރުކުރުމުގައި ހުރި ހުރަސްތަކަށް ވަކިވަކިން ބަލާފައިނުވާ ކަމަށް ހުކުމްގައި ފާހަގަކުރި އެވެ.

ހުކުމްގައި ބުނީ މައްސަލާގައި ތުހުމަތު ކުރެވޭ ކޮންމެ މީހެއްގެ މައްސަލާގައި އެމީހެއްގެ ސަބަބުން މުޖުތަމައުއަށް ނުރައްކާވާ ފަދަ ސަބަބެއް ނުވަތަ ހާލަތެއް އޮތްތޯ ވަކިން ވަޒަންކޮށް، އަލުން ހައި ކޯޓުން މައްސަލަ ބަލަންޖެހޭ ކަމަށެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.