Roadha Mihaaru
"ވާނުވާ ރިވިއު ނުކުރިޔަސް، ބަންދުން ދުލެއް ނުވާނެ"

ވާނުވާ ރިވިއު ނުކުރިޔަސް ބަންދުން ދުލެއް ނުވާނެ، އިހުމާލުވި މީހުންނަށް ފިޔަވަޅު އެޅޭނެ: ސުޕްރީމް ކޯޓު

29 ޑިސެމްބަރ 2020

ޝަރީއަތް ނިމެންދެން "ވާނުވާ" ގައިި ތިބޭ މީހުންގެ ބަންދު ރިވިއު ނުކުރިޔަސް، އެ މީހުން ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށާއި އެކަމަކު އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރީއަތް ނިމެންދެން "ވާނުވާ" ގައިި ތިބޭ މީހުންގެ ބަންދު ރިވިއު ނުކުރިޔަސް، އެ މީހުން ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށާއި އެކަމަކު އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން "ވާނުވާގައި" ތިބޭ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން އެއްފަހަރު ރިވިއުކުރަން ޖެހޭނެ އެވެ. ނަމަވެސް ބަންދު ރިވިއު ނުކޮށްފިި ނަމަ، ދެން ވާނެ ގޮތެއް ގާނޫނަކު ނޯވެ އެވެ. ހައި ކޯޓުން ދާދިފަހުން ނިންމި ތިން މައްސަލައެއްގައި ހުކުމްކުރީ "'ވާނުވާ" ބަންދު ރިވިއު ނުކުރިޔަސް، އެ މީހަކު ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށެވެ. އެކަމަކު އޭގެ އަނެއްކޮޅަށް ވެސް ހައި ކޯޓުން އެފަދަ މައްސަލަައެއް ނިންމި އެވެ.

ބަންދު ރިވިއު ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި ތިން މައްސަލަ ތިން މީހެއްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ މީހުން ބަންދުގައި ބޭތިއްބެނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުން ކުރެ ހާލަތެއް މެދުވެރިވެގެން ކަމަށް ވާއިރު، ބަންދު ރިވިއު ނުކުރާ ކަމަށް ބުނެ ބަންދުން ދޫކުރަން ޖެހުމަކީ ގާނޫނު މަގްސަދެއް ނޫން ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން ބަންދު ކުރަން ނެރޭ އަމުރު ބާތިލް ނުކުރަނީސް، އޮޓަމެޓިކުން އެ މީހުން ބަންދުން ދޫވާނެ ކަމަށް ޖިިނާއީ އިޖްރައާތުގެ ގާނޫނު މާނަ ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

"އެ މާއްދާގައި ބުނާ އިޖްރައާތާ ޚިލާފްވާ ހާލަތުގައި އެ މީހަކު އޮޓަމެޓިކުން ބަންދުން ދޫވާނެ ކަމަށް ބަލާ ނަމަ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ކޮށްފައިވާ އަމުރުގެ ބާރު ކެނޑިގެން ދާނެ." ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ގާނޫނުގައި ބުނާ އިޖްރައާތާ ޚިލާފްވާ ކޮންމެ ފަހަރަކު މުޅި މައްސަލަ ބާތިލްވެ، ބަންދުގައި ހުންނަ މީހާ ދޫކޮށްލަން ޖެހޭނެ ހާލަތެއް ނޫން ކަމަށާއި ބައެއް އިޖްރައާތުތައް ރަނގަޅު ކުރުމުގެ ފުރުސަތު އޮންނަ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ގިނަ އިޖްރައާތުތަކަކީ މުޅި މައްސަލައަށް އަސަރު ނުކުރާނެ ފަދަ އިޖްރައާތުތަކެއް ކަމަށާއި "ވާނުވާ" ރިވިއު ކުރުމަކީ ވެސް އެފަދަ އިޖްރައާތެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެކަމަކު ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެކަން ކުރުމުގައި އިހުމާލުވި ފަރާތަކާ މެދު ފިޔަވަޅު އެޅިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

"އެކަމެއް ކުރަން ތިބި ބައެއްގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރުމުގައި އެކަންކަމަށް ފިޔަވަޅު އެޅިދާނެ. އެއީ ފުލުހުން ކަމުގައި ވިޔަސް، ޕަބްލިކް ޕްރޮސެކިއުޓަރުން ކަމަށް ވިޔަސް އަދި މައްސަލަ ބަލާ ފަނޑިޔާރުން ކަމުގައި ވިޔަސް މަސައްކަތުގެ ފެންވަރު ބެލުމުގައި އެކަންކަމަށް ބެލެވިދާނެ. އަދި ތައުދީބީ ފިޔަވަޅު ވެސް އެޅިދާނެ." ހުކުމުގައިވެ އެވެ.

ހުކުމަށް ތާއީދު ކުރެއްވުމާ އެކު، ފަނޑިޔާރު ހުސްނުއްސުއޫދު އިތުރަށް އިއްވެވި ރައުޔުގައިވަނީ "ވާނުވާ" ރިވިއު ކުރުމަށް ގާނޫނުގައި ހިމެނީ ބަންދުގައި ތިބޭ މީހުންގެ ހާލަތު ބަލައި، ބަންދު ދަމަހައްޓަން ޖެހޭ ސަބަބެއް އޮތްތޯ ބެލުމަށް ކަމަށާއި އެކަން ނުކޮށްފި ނަމަ، ބަންދުން ދޫކުރުމަކީ ގާނޫނުގެ މަގްސަދު ނޫން ކަމަށް އެ ރައުޔުގައިވެ އެވެ. މާއްދާއިން އިލްތިޒާމް އުފަންވަނީ ދައުލަތުގެ މައްޗަށް ކަމަށެވެ. އަދި އެކަން ކުރެވޭނީ އެވަރުގެ ވަސީލަތްތައް ތަނަސްވެގެން ކަމަށާއި އެކަމަކު 300 އެއްހާ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކުން އެއްފަހަރު ރިވިއު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ފަނޑިޔާރު ސުއޫދުގެ ރައުޔުގައިވެ އެވެ.

"ކްރިމިނަލް ކޯޓުގެ 10 ވަރަކަށް ގާޒީން ކްރިމިނަލް ކޯޓުގައި އޮތް ދެ ހާހެއްހާ މައްސަލާގެ ޝަރީއަތުގެ އިޖްރައާތުތައް ފުރިހަމަ ކުރަމުން އއަދި އަލަށް ކުށުގެ ތުހުމަތުގައި ގެނެވޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަމުން 30 ދުވަހުގެ ތެރޭގައި ބަންދު މުއްދަތު މުރާޖާ ކުރުމަކީ ބޮޑު ގޮންޖެހުމެއް." ފަނޑިޔާރު ސުއޫދުގެ ރައުޔުގައިވެ އެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދުގެ އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.