Roadha Mihaaru
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަނީ

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަނީ

10 ޑިސެމްބަރ 2023

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ މި އެމްބަސީ ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެޑައިގަތުމަށް ފަހު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީ އަށް ވަޑައިގެން އެ ގައުމުގެ ސަރުކާރާ އެކުގައި ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

މި އެމްބަސީ ހުޅުވަން ނިންމާފައި ވަނީ ތުރުކީގެ ވެރިރަށް އަންކާރާގައި ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"ތުރުކީގައި އެމްބަސީއެއް ހުޅުވަން ނިންމެވި ނިންމުމުގައި މުހިންމު ކަންތައްތަކަކަށް އިޝާރަތްކުރައްވާފައިވޭ. އޭގެ ތެރެއިން އެއް ކަމަކީ ރާއްޖެ އާއި ތުރުކީއާ ދެމެދުގައި އޮތް ޒަމާންވީ ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކޮށް، އާ ހަރުފަތަކަށް ގެންދިއުން،" އޭނާ ވިދާޅުވި އެވެ.

މި އެމްބަސީ ހުޅުވުމާ އެކު ތުރުކީގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުތަކުގައި ދާ ދިވެހިންނަށް ކޮންސިއުލާ ސާވިސް ދިނުމަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ތުރުކީގެ ރައީސް އުރުދުޣާންއާ ބައްދަލުކުރައްވަނީ: ރާއްޖޭގެ އެމްބަސީއެއް އެ ގައުމުގައި ހުޅުވަން ސަރުކާރުން މިހާރު ވަނީ ނިންމައިފައި.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ތުރުކީގެ ރައީސް އުރުދުޣާންއާ ބައްދަލުކުރައްވަނީ: ރާއްޖޭގެ އެމްބަސީއެއް އެ ގައުމުގައި ހުޅުވަން ސަރުކާރުން މިހާރު ވަނީ ނިންމައިފައި.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނި ގޮތުގައި، މި އެމްބަސީ ހުޅުވަން ނިންމީ ތުރުކީ އަކީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ މުދާ ރާއް ޖެއަށް އެތެރެކުރާ ގައުމަކަށް ވެފައި، ރާއްޖެ އަށް އެތެރެ ކުރަން ޖެހޭ އެހެނިހެން މުހިންމު ސާމާނު ވެސް ފަސޭހަކަމާ އެކު ލިބެން ހުރި ގައުމަކަށް ވާތީ ކަމަށެވެ. އަދި ތުރުކީގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ކުރިއަރުވައި ރާއްޖޭގެ އުފެއްދުންތައް ތުރުކީ އަށް އެކްސްޕޯޓް ކުރުމަށް ވެސް އިތުރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭތީ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ތުރުކީ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ގައުމުގެ ސަރުކާރާ އެކު ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކުރައްވައިފަ އެވެ.

ތުރުކީގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތައުލީމު ހާސިލުކުރަމުން ދިއުމާއި އެ ގައުމަށް ދާ ދިވެހި ޓޫރިސްޓުންގެ އަދަދު ވެސް ވަރަށް ބާރަށް އިތުރުވަމުން ދިއުމަކީ މި އެމްބީސީ ހުޅުވަން ނިންމި ސަބަބެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ތުރުކީއާ އެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ މެއި 28، 1979 ގަ އެވެ.