Roadha Mihaaru
ފުރަތަމަ އަންހެން ފޮރިން ސެކްރެޓަރީއަކަށް އިނާޔާ

ފޮރިން ސެކްރެޓަރީގެ މަގާމު ފުރަތަމަ ފަހަރަށް އަންހެންބޭފުޅަކަށް

12 ޑިސެމްބަރ 2023

ރާއްޖޭގެ ފޮރިން ސެކްރެޓަރީއަކަށް ފުރަތަމަ ފަހަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންހެންބޭފުޅަކު މިއަދު ހަމަޖައްސަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ ފޮރިން ސެކްރެޓަރީއަކަށް ފުރަތަމަ ފަހަރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންހެންބޭފުޅަކު މިއަދު ހަމަޖައްސަވައިފި އެވެ.

އެ މަގާމަށް އައްޔަން ކުރެއްވީ 22 އަހަރު ވަންދެން ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ މއ. ރެސްޓިން ހައުސް ފާތިމަތު އިނާޔާ އެވެ. އޭނާ ވަނީ 1996 އިން 2018 އަށް ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވައިފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އެވެ. އަދި މިދިޔަ މަހުގެ 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުއިއްޒުގެ މި ސަރުކާރުގައި ވެސް އިނާޔާ މިހާތަނަށް ހުންނެވީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ.

ސިންގަޕޫރާއި ތައިލެންޑުގެ ނޮން ރެސިޑެންޝަލް ސަފީރަކަށް ވެސް އޭނާ ހުންނެވި އެވެ. އަދި ޓްރާސްންސްޕޭރެންސީ މޯލްޑިވްސްގައި އިނާޔާ މަސައްކަތް ކުރެއްވި އެވެ.

ފޮރިން ސެކްރެޓަރީގެ މަގާމުގެ ލިޔުން އިނާޔާއާ ހަވާލު ކޮށްދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުއިއްޒެވެ.

އިނާޔާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީން އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް އެފެއާޒް އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ އިނާޔާ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ކަމަށެވެ.

އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަކީ މި ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިނާޔާއަކީ އާރުޑީސީގެ އާ މެނޭޖިން ޑިރެކްޓަރު އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރުގެ އަނބިކަނބަލުންނެވެ.

ފޮރިން ސެކްރެޓަރީގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހުމަދު ލަތީފް (ސީވިޑް) އެވެ.