Roadha Mihaaru
ސްޓޭޓް މިނިސްޓަރު ފަހުމީ 4 ދުވަސްތެރޭ ވަކިކޮށްފި

އައްޔަން ކުރެއްވިތާ ހަތަރު ދުވަސް ފަހުން ސްޓޭޓް މިނިސްޓަރު ފަހުމީ މަގާމުން ވަކިކޮށްފި

24 ނޮވެމްބަރ 2023

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ފަހުމީ ހަސަން އައްޔަން ކުރެއްވިތާ ހަތަރު ދުވަސް ފަހުން އޭނާ މިއަދު މަގާމުން ވަކިކޮށްފި އެވެ.

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ފަހުމީ ހަސަން އައްޔަން ކުރެއްވިތާ ހަތަރު ދުވަސް ފަހުން އޭނާ މިއަދު މަގާމުން ވަކިކޮށްފި އެވެ.

ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިނިއުކޭޝަންސް، އިބްރާހިމް ހަލީލް ވަނީ ފަހުމީ މަގާމުން ވަކިކުރިކަން "މިހާރު" އަށް މިރޭ ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް ވަކިކުރި ސަބަބެއް ވިދާޅެއް ނުވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ފަހުމީ އައްޔަން ކުރެއްވީ މިދިޔަ ހޯމަ ދުވަހު އެވެ.

ފަހުމީ އަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސަކަށް އޭނާ ހުންނެވި އިރު، އެތަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެ ކޮމިޝަންގެ ރައީސް ކަމާއި މެމްބަރު ކަމުން ވަކިކުރި ބޭފުޅެކެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން 2013 ވަނަ އަހަރު އެ ކޯޓުން ނިންމީ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ހުރިހާ އިޖުރައާތެއް ބާތިލް ކަމަށެވެ. އެހެންވެ، ގެއްލުމުގެ ބަދަލު ހޯދަން ފަހުމީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި ދައުލަތުން ބަދަލު ހޯއްދެވި އެވެ.

ސީއެސްސީގެ ރައީސްކަމުން ވަކިކުރެއްވި ފަހުން އޭނާ ހުންނެވީ ރާއްޖެއިން މެލޭޝިއާ އަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރުގެ މަގާމުގަ އެވެ.

މި ސަރުކާރުން އޭނާ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރުމުން، އޭނާ އަށް ތުހުމަތު ކުރާ ޖިންސީ ގޯނާގެ މައްސަލައިގެ ސަބަބުން އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ.