Roadha Mihaaru
ވިޓަމިންސީ ގުޅައެއް 66 އަށް، ޒިންމާވާނެ ބަޔަކު ނުވި

ވިޓަމިން ސީ ގުޅައެއް 66ރ. އަށް ބިލްކުރި މައްސަލައިގައި ޒިންމާވާނެ ބަޔަކު ނުވި

31 ޑިސެމްބަރ 2018

އޭޑީކޭގެ ބޭސް ފިހާރަ އިން ދޮޅު ރުފިޔާ އަށް ވިއްކާ ވިޓަމިން ސީ ގުޅައަކަށް އާސަންދަ އިން 66ރ. ގެ ރޭޓުން ބިލް ކޮށްފައިވާ މައްސަލައެއް ފެންމަތިވެ އެއްބަޔަކު އަނެއް ބަޔަކަށް މިއަދު ތުހުމަތުކޮށްފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

އޭޑީކޭގެ ބޭސް ފިހާރަ އިން ދޮޅު ރުފިޔާ އަށް ވިއްކާ ވިޓަމިން ސީ ގުޅައަކަށް އާސަންދަ އިން 66ރ. ގެ ރޭޓުން ބިލް ކޮށްފައިވާ މައްސަލައެއް ފެންމަތިވެ އެއްބަޔަކު އަނެއް ބަޔަކަށް މިއަދު ތުހުމަތުކޮށްފި އެވެ.

ވިޓަމިންސީއެއް ކަމަށްވާ "ވިޓްސީ" 66ރ. އަށް އާސަންދައިގެ ދަށުން ވިއްކި ކަން އެނގިފައި ވަނީ އޭޑީކޭ ހޮސްޕިޓަލް ތެރޭގައި ހުންނަ އެ ތަނުގެ ބޭސްފިހާރަ އިން ބޭސް ގަތުމަށް ފަހު މީހަކު ސޯޝަލް މީޑިއާގައި ރިސީޓް އާންމު ކުރުމުންނެވެ.

މި ރިސީޓް އާންމުވުމާ އެކު އޭޑީކޭ ފާމަސޫޓިކަލް ކޮމްޕެނީން ނެރުނު ބަޔާނެއްގައި ބުނީ ވިޓްސީ ގުޅައެއް ވިއްކުމަށް ނިންމާފައިވާ 66ރ. އަކީ އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ އަގެއް ކަމަށެވެ. އާސަންދަ އިން ކަނޑައަޅާ އަގުތަކަށް ބަދަލު ގެނައުމުގެ ބާރު އޭޑީކޭ ފާމަސޫޓިކަލް ކޮމްޕެނީ އަށް ލިބިފައިނުވާ ކަމަށް އެ ބަޔާނުގައި ވެ އެވެ.

"މި ބޭސް ވިއްކަމުން ދަނީ އާސަންދަ ޕޯޓަލުން މި ބޭސް ވިއްކުމަށް ކަނޑައެޅިފައިވާ އަގުގައި ކަން ފާހަގަކުރަމެވެ. އާސަންދަ ޕޯޓަލްގައި ބިލް ކުރެވޭ އަގުތަކަކީ މި ކުންފުނިން ކޮންޓްރޯލް ކުރާ ނުވަތަ ބަދަލު ގެނެވޭ އަގުތަކެއް ނޫނެވެ،" އޭޑީކޭ ފާމަސޫޓިކަލް ކުންފުނިން ބުންޏެވެ.

އޭޑީކޭ ފާމަސޫޓިކަލް އިން ބުނީ ވިޓްސީގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބޭސް، ކުރީގެ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި އަގު ބޮޑުކޮށްފައިވާ ކަމަށެވެ.

"މި ފަދައިން ގިނަ އަދަދެއްގެ ބޭސް ބޮޑު އަގުގައި އާސަންދަ ކުންފުނިން އެޕްރޫވްކޮށް އާސަންދަ ޕޯޓަލް މެދުވެރިކޮށް ވިއްކުމަށް ވަނީ ހުއްދަ ދީފަ،" އޭޑީކޭ ފާމަސޫޓިކަލް އިން ބުންޏެވެ.

އެގޮތަށް އަގު ބޮޑުކޮށްފައިވާ ބޭސްތަކުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށް އެ މައްސަލަތަކަށް އަވަހަށް ހައްލެއް ހޯދުމަށް އެދިފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ނަމަވެސް އޭގެ ރައްދުގައި އާސަންދަ އިން ނެރުނު ބަޔާނުގައި ބުނީ 1.5ރ. އަށް ދޭ ވިޓްސީ ގުޅައެއް އާސަންދައިގެ ދަށުން 66ރ. އަށް ވިއްކަނީ އެ ޕޯޓަލްގައި އެ އަގަށް ވިއްކުމަށް ހިމަނާފައިވާތީ ކަމަށާއި އަގު ހިމަނަނީ ދެ ފަރާތުން ވެސް އެއްބަސްވެގެން ކަމަށެވެ.

އާސަންދަ އިން ބުނީ ވިޓްސީ ބޭހުގެ އަގަށް ބޮޑު ބަދަލެއް އައިސްފައި ވަނީ އޭޑީކޭ އިން ކުރިން ވިއްކި ވިޓަމިން ސީ ހުސްވުމުން، އެހެން ބްރޭންޑެއްގެ ވިޓަމިން ސީ، ކުރިން ބޭނުން ކޮށްފައި ނުވާ ކޯޑެއްގެ ދަށުން ވިއްކާތީ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ހައްލުކޮށްފައި ވާނެ ކަމަށް ވެސް އާސަންދަ އިން ބުންޏެވެ.

ނަމަވެސް އެ ބަޔާނުގައި ބުނީ ވިޓްސީ ބޭހުގެ އަގު ބޮޑުކަން އޭޑީކޭ ފާމަސޫޓިކަލް އިން އަންގާފައި ނުވާ ކަމަށެވެ. އެކަމަކު، މީގެ ކުރިން އެގޮތަށް އޭޑީކޭ ފާމަސޫޓިކަލް އިން އަންގައިގެން ބައެއް ބޭހުގެ އަގު އިސްލާހު ކޮށްފައިވާނެ ކަމަށް އާސަންދަ ކުންފުނިން ބުންޏެވެ.

"މިފަދަ ކަމެއް އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މި ކުންފުނީގެ ފަރާތުން އަޅާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން،" އާސަންދަ އިން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި ބޭހުގެ އަގު އާސަންދަ އިން ބޮޑުކުރި ކަމަށް އޭޑީކޭ ފާމަސޫޓިކަލް އިން ކުރި ތުހުމަތަށް އާސަންދަ ކުންފުނިން ވަކި އެއްޗެއް މިހާތަނަކަށް ނުބުނެ އެވެ.