Roadha Mihaaru
ގުޅީގެ އިހުތިސާސްގެ ތެރެއިން ފުށިދިއްގަރުފަޅު ވަކިކޮށްފި

ގުޅީގެ އިހުތިސާސްގެ ތެރެއިން ފުށިދިއްގަރުފަޅު ވަކިކޮށްފި

13 ޑިސެމްބަރ 2023

މާލެ ސަރަހައްދުގައި މުޅިން އާ ސިޓީއެއް ތަރައްގީކުރުމުގެ ގޮތުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފެށުމަށްޓަކައި ކ. ގުޅީގެ އިހުތިސާސްގެ ތެރެއިން އެ ފަޅު ވަކިކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލެ ސަރަހައްދުގައި މުޅިން އާ ސިޓީއެއް ތަރައްގީކުރުމުގެ ގޮތުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފެށުމަށްޓަކައި ކ. ގުޅީގެ އިހުތިސާސްގެ ތެރެއިން އެ ފަޅު ވަކިކޮށްފި އެވެ.

ގުޅިއާ ވަރަށް ކައިރީގައި އޮތް އޮންނަ ފުށިދިއްގަރު ފަޅު އޮންނަނީ ގުޅީގެ އިހުތިސާސްގެ ތެރޭގަ އެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން މިއަދު ވަނީ އެ ފަޅު ގުޅީގެ އިހްތިސާސް އިން ވަކިކޮށްފަ އެވެ.

ފުށިދިއްގަރު ފަޅަކީ ރައީސް ޑރ. މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދީގެން ތަރައްގީ ކުރަން ނިންމާފައިވާ ތަނެކެވެ. މި ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ.

އެކަމަކު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މި ސަރުކާރުން އެދިގެން 400 މިލިއަން ރުފިޔާ ހިމަނާފައި އޮތް ނަމަވެސް، ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫއު އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީ އަށް ހިމަނައިފަ އެވެ.

ފުށިދިއްގަރުފަޅަކީ މާލެއާ ބްރިޖުން ގުޅާލެވޭ ވަރަށް ވުރެ ދުރުގައި އޮތް ތަނެއް ކަމާއި އެތަން ތަރައްގީ ކުރާނީ މާލެ ނައިސް ވާނެ މިންވަރަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައި ވަނީ މި ސަރުކާރުގެ އެންމެ އުއްމީދީ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅަކީ 20 އަހަރުގެ ޕްލޭނެއްގެ ދަށުން މާލެއާ ވަކިން އޮންނަ ސިޓީއެއްގެ ގޮތަށް ތަރައްގީ ކުރާ ތަނެއް ކަމަށާއި އެތަން ތަރައްގީ ކުރުމުން މާލެ ނައިސް، ހިދުމަތް ލިބޭނެ ތަނަކަށް ވާނެ ކަމަށެވެ.

އެ މަޝްރޫއު ފެށުމަށް ބިން ހިއްކަން ވަރަށް ހަވާލުކުރާނެ ކަމަށް އެނގިފައި ވެ އެވެ.

ނަމަވެސް، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިސް މެންބަރުން ގެންދަނީ ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ މި ވަގުތަށް މުހިންމު މަޝްރޫއެއް ނޫން ކަމަށާއި މާލެ ރައްޔިތުންނަށް ގޯތި ދީފައިވާ ގުޅިފަޅާއި ގިރާވަރަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދީ، އެ ތަންތަން ތަރައްގީކުރުން މާ މުހިންމު ކަމަށް ވިދާޅުވެފަ އެވެ.