Roadha Mihaaru
އިސްކަންދަރު ޕްރިންސިޕަލް ސައީދަށް ސްޓޭޓް މިނިސްޓަރުކަން

އިސްކަންދަރުގެ ޕްރިންސިޕަލް ސައީދު، އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުކަމަށް

14 ޑިސެމްބަރ 2023

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ހުސައިން ސައީދު، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ހުސައިން ސައީދު، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކޮށްފި އެވެ.

އެ މަގާމުގެ ފަތްކޮޅު އެރުވީ، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރާއްޖޭގައި މި ވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޕްރިންސިޕަލް، ސައީދު ވަނީ ތައުލީމީ ދާއިރާގައި 25 އަހަރު ހޭދަކުރައްވައިފަ އެވެ. އޭގެ އިތުރުން، އައްޑު އަތޮޅާއި އއ. އަދި މާލެ އަތޮޅުގެ އަތޮޅު ވެރިކަން ވެސް ކުރެއްވި އެވެ.

ހުޅުމާލޭގައި އެންމެ ފުރަތަމަ ހުޅުވި ސްކޫލު، ގާޒީ ސްކޫލުގެ ޕްރިންސިޕަލަކީ ވެސް ސައީދެވެ. އޭގެ ފަހުން، އައްޑޫ ފޭދޫ ސްކޫލާއި ރަސްދޫ ސްކޫލުގެ ޕްރިންސިޕަލްކަން ކުރެއްވި އެވެ. އިސްކަންދަރު ސްކޫލުގެ އިސްވެރިއެއްގެ ގޮތުގައި ހުންނަވައިގެން އޭނާ އެ ސްކޫލް ހިންގާތާ މިހާރު 13 އަހަރުވެއްޖެ އެވެ.

ސައީދު ވަނީ ޓީޗިން އިން ފުރަތަމަ ޑިގްރީ އަދި އެޑިއުކޭޝަން މެނޭޖްމަންޓް އިން މާސްޓާސް ހާސިލްކުރައްވައިފަ އެވެ.

ސައީދާއެކު އެޑިއުކޭޝަން މިނިސްޓްރީގައި، ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅުން އެބަތިއްބެވެ.

ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން މަހަކު 15،000ރ. ގެ އެލަވަންސާއެކު، މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.