Roadha Mihaaru
ޓޮމް އާއި މުފާގެ ވެސް ތާއީދު ލިސްޓުގައި ވެލެންސިއާ

ޓޮމް އާއި މުފާގެ ވެސް ތާއީދު ލިސްޓުގައި ވެލެންސިއާ

27 ޑިސެމްބަރ 2023

އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި ދެ ބޭފުޅުން ކަމަށްވާ، އެ އިދާރާގެ ކުރީގެ ރައީސް އަހްމަދު ތޯރިގު (ޓޮމް) އާއި މިހާރުގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމު (މުފާ) އަށް ތާއީދު ކުރާ ކްލަބްތަކުގެ ލިސްޓުގައި ކްލަބް ވެލެންސިއާ ހިމެނޭ ކަމަށް، އެ ދެ ކެންޑިޑޭޓުން ވެސް އިއުލާން ކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި ދެ ބޭފުޅުން ކަމަށްވާ، އެ އިދާރާގެ ކުރީގެ ރައީސް އަހްމަދު ތޯރިގު (ޓޮމް) އާއި މިހާރުގެ އެކްސްކޯ މެންބަރު މުފާވިޒު ހާޝިމު (މުފާ) އަށް ތާއީދު ކުރާ ކްލަބްތަކުގެ ލިސްޓުގައި ކްލަބް ވެލެންސިއާ ހިމެނޭ ކަމަށް، އެ ދެ ކެންޑިޑޭޓުން ވެސް އިއުލާން ކޮށްފި އެވެ.

އިންތިހާބުގައި ވާދަކުރަން، ފޯމު ހުށަހަޅާ ކެންޑިޓަކު، ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބްގެ އެންޑޯޒްމެންޓް ވެސް ހޯދަން ޖެހޭ ކަމަށް އެފްއޭއެމުން ބުނެ އެވެ.

އިންތިހާބަށް ފުރަތަމަ ކުރިމަތިލެއްވި، ތޯރިގު ފޯމު ހުށަހަޅުއްވަން ވަޑައިގެންނެވި އިރު އޭނާ އާ އެކު ވެލެންސިއާގެ އާ ޗެއާމަން ކުރީގެ ކުޅިވަރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން ވެސް ވަޑައިގަތެވެ.

ފޯމު ހުށަހެޅުއްވުމަށް ފަހު ތޯރިގު ވިދާޅުވީ، ފުރަތަމަ ޑިވިޝަނުން، ވެލެންސިއާގެ އިތުރުން މާޒިޔާ އާއި ޓީސީގެ ތާއީދު އޭނާ އަށް ލިބިފައިވާ ކަމަށެވެ.

އޭގެ ދޮޅު ގަޑިއިރު ފަހުން، ފޯމު ހުށަހަޅުއްވަން ވަޑައިގެންނެވި މުފާ އަށް ތާއީދު ކުރާ ކްލަބްތަކުގެ ލިސްޓުގައި ވެލެންސިއާ ވެސް ހިމެނެ އެވެ.

އޭނާ ވިދާޅުވީ، ފުރަތަމަ ޑިވިޝަނުން ހަ ކްލަބްގެ އެންޑޯޒްމެންޓް އޭނާ އަށް ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން، އެ ކްލަބްތަކަކީ؛ މާޒިޔާ އާއި ޓީސީ ފިޔަވައި އަނެއް ހަ ކްލަބެވެ. އެއީ އޭނާގެ އަމިއްލަ ކްލަބް އީގަލްސް، ދެން ވެލެންސިއާ، ޔުނައިޓެޑް ވިކްޓަރީ، ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް، ބުރު ސްޕޯޓްސް އެވެ.

އެކަމަކު، ވެލެންސިއާގެ ޗެއާމަން އަޒުމީން ވިދާޅުވީ ވެލެންސިއާގެ ބޯޑުގެ މެޖޯރިޓީ ރުހުމާ އެކު، އެ ކްލަބުން ތައީދު ކުރަނީ، ތޯރިގަށް ކަމަށެވެ.

"އަޅުގަނޑުމެން ބޯޑުގެ މެޖޯރިޓީ މެންބަރުންގެ ރުހުމާ އެކު ޓޮމް އަށް ތާއީދު ކުރުމަށް ވެލެންސިއާ އިން ވަނީ ނިންމާފަ." އަޒުމީން ވިދާޅުވި އެވެ.