Roadha Mihaaru
އުރީދޫ ކަލަންޑަރުގައި އަތޮޅުތެރޭގެ ދުވުމެއް!

އުރީދޫ ކަލަންޑަރުގައި އަތޮޅުތެރޭގެ ދުވުމެއް!

27 ޑިސެމްބަރ 2023

"އަތޮޅު ދުވުން" ނަމުގައި ގޭމެއް ހިމަނައިގެން އުރީދޫން 2024ގެ ކަލަންޑަރު ނެރެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

"އަތޮޅު ދުވުން" ނަމުގައި ގޭމެއް ހިމަނައިގެން އުރީދޫން 2024ގެ ކަލަންޑަރު ނެރެފި އެވެ.

ކޮންމެ އަހަރަކު ވެސް ޓެކްނޮލޮޖީގެ އެހީގައި ތަފާތު ކަންތައްތަކެއް ކަލަންޑަރުގައި ހިމަނަމުން އަންނަ އުރީދޫ އިން މި އަހަރުގެ ކަލަންޑަރުގައި ހިމެނި ގޭމަކީ ރާއްޖޭގެ އުތުރުން ދެކުނަށް ދުވެވޭ "އެންޑްލެސް ރަނާ" ޖޯންރާގެ ގޭމެކެވެ. މި ގޭމު ކުޅެވޭނީ ކަލަންޑަރުގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭންކޮށްގެންނެވެ.

ކަލަންޑަރުގެ ވީޑިއޯއެއް

މި ގޭމު ފަރުމާކޮށްފައި ވަނީ ކޮންމެ މަހަކު އާ ލެވަލްއެއް އަންލޮކް ވާ ގޮތަށެވެ. އަދި ކަލަންޑަރުގައި ހިމެނޭ ސިއްރު އާޓްވޯކުތައް ހޯދައިގެން ސްކޭންކުރުމުން ބޯނަސް ލެވަލްއެއް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.

ޖުމްލަ 12 ލެވަލް ހިމެނޭ މި ގޭމުގެ ކޮންމެ ލެވަލްއެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެ އެވެ. ރާއްޖޭގެ އެކި ރަށްތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ގޭމަކީ "ހަސަނަށް ފޯނެއް"ގެ ނަމުގައި އުރީދޫން ހެދި މަޝްހޫރު އިސްތިހާރާ ގުޅުވާފައިވާ ގޭމެކެވެ. މި ގޭމުން ފެންނަނީ އެ އިސްތިހާރުގައި އުޅޭ "ރާއި"ގެ ކެރެކްޓަރެވެ.

އުރީދޫގެ ކަލަންޑަރުގައި ހިމެނޭ ގޭމަކީ ދިވެހި ކުންފުންޏެއް ކަމަށްވާ ލޫޕްކްރާފްޓުގެ އުފެއްދުމެކެވެ.

މި ފަށާ އާ އަހަރަށް އުރީދޫ އިން ފަރުމާކޮށްފައިވާ ކަލަންޑަރު ލޯންޗުކޮށްދެއްވީ ދިވެހި ބަހާއި ތާރިހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރެވެ. މިނިސްޓަރު ވަނީ އުރީދޫއިން ރާއްޖެ އާއި ދިވެހިންގެ ފަންނީ ހުނަރުތައް ކުރިއަރުވަން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައިފަ އެވެ. އަދި މި ގޭމަކީ ރަށްރަށުގެ މައުލޫމާތު ލިބި، ގުޅުން ބަދަހިވެގެން ދިއުމަށް މަގުފަހިވާނެ ގޭމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ މި ކަލަންޑަރަކީ އެ ކުންފުނިން ޒުވާނުންނާއި ޓެކްނޮލޮޖީ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ތައްޔާރުކޮށް ނެރުނު ކަލަންޑަރެއް ކަމަށެވެ. އަދި މީގައި ހިމެނޭ ގޭމަކީ ދިވެހި ޒުވާނުންގެ މަސައްކަތްކަން ފާހަގަކުރެއްވި އެވެ.

މި ގޭމާ ގުޅޭ ގޮތުން ލޫޕްކްރާފްޓްގެ ސީއީއޯ މުހައްމަދު ޝަމްހީލް ވިދާޅުވީ އެ ގޭމަކީ އޯޑިއަންސަށް ޝައުގުވެރި ގޭމަކަށް ހެދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ގޭމުން އުރީދޫގެ އުފާވެރިކަމާއި އެކުވެރިކަން ރަމްޒުކޮށްދޭން މަސައްކަތްކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އުރީދޫން ކޮންމެ އަހަރަކު ވެސް ތަފާތު ކަލަންޑަރުތަކެއް ނެރެ އެވެ. މި އަހަރަށް ހާއްސަކޮށް ނެރުނު ކަލަންޑަރަކީ އޭއާރު ފީޗާއެއް ހިމަނައި މާމެލާމެއްޔާއި ދަނޑުވެރިކަމަށް ހާއްސަކޮށް ނެރުނު ކަލަންޑަރެކެވެ.