Roadha Mihaaru
ހުދުމުހުތާރުކަން އާލާވިޔަ ނުދޭން ދާނީ ކުރިއަށް:ފައްޔާޒު

ފައްޔާޒުގެ ޝުކުރާ އެކު ވިދާޅުވީ، ހުދުމުހުތާރުކަމާ ދެކޮޅަށް އެމްޑީޕީ ދާނީ ކުރިއަށް ކަމަށް

29 ޑިސެމްބަރ 2023

އެމްޑީޕީން ރޭ ވަކިވެ، ވެރިކަންކުރާ ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންނެވި 12 މެމްބަރުންނަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ޝުކުރު އަދާކުރައްވައި، ހުދުމުހުތާރުކަން ރާއްޖޭގައި އާލާވިޔަ ނުދޭނެ ކަމުގެ ޔަގީންކަން ދެއްވައިފި އެވެ.

އެމްޑީޕީން ރޭ ވަކިވެ، ވެރިކަންކުރާ ޕާޓީ ޕީއެންސީއާ ގުޅިވަޑައިގެންނެވި 12 މެމްބަރުންނަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ޝުކުރު އަދާކުރައްވައި، ހުދުމުހުތާރުކަން ރާއްޖޭގައި އާލާވިޔަ ނުދޭނެ ކަމުގެ ޔަގީންކަން ދެއްވައިފި އެވެ.

"މިރޭ އެމްޑީޕީއާ ވަކިވެދިޔަ މަޖިލިސް މެމްބަރުން ޕާޓީގައި ކޮށްދެއްވި މަސައްކަތަށް ޝުކުރު ދަންނަވަން. މި ދަނޑިވަޅު ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތާއިގެން މާތް ﷲ ގެ ވާގިފުޅާ އެކު އެމްޑީޕީ ދާނީ ކުރިއަށް،" އެމްޑީޕީގެ އެންމެ ފަހުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު ރޭ ކުރެއްވި ޓުވީޓެއްގައި ވެ އެވެ.

އިދިކޮޅު އެމްޑީޕީ ދޫކުރައްވައި ޕީއެންސީއާ ގުޅިވަޑައިގެންނެވި 12 މެމްބަރުންގެ ތެރޭގައި އެންމެ ފަހުގެ ދެ ބައި އިލެކްޝަންގައި ބޮޑު ހޭދައެއް އަދި ބުރަ މަސައްކަތްތަކާ އެކު އެ ޕާޓީ އަށް މަޖިލިސް ގޮނޑި ކާމިޔާބު ކޮށްދިން ދެ މެމްބަރަކު ވެސް ހިމެނެ އެވެ. އެއީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު (ރާޑޯ) އާއި ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝާޒެވެ.

އެމްޑީޕީގެ 12 މެމްބަރުންގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވެސް ޕީއެންސީއާ ރޭ ގުޅިވަޑައިގަތެވެ. އޭނާއަކީ ކުރިން އެމްޑީޕީގެ މެމްބަރަކަށް ވިޔަސް އެ ޕާޓީއާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެމްޑީޕީ ދޫކުރެއްވިތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ޕީއެންސީއާ އަލަށް ގުޅިވަޑައިގެންނެވި 13 މެމްބަރުން:

1- މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)

2- ފޭދޫ ދާއިރާގެ މުހައްމަދު ނިހާދު.

3- އިސްދޫ ދާއިރާގެ އަލީ ހަމީދު.

4- ކަނޑިތީމު ދާއިރާގެ އަބްދުﷲ ޝަހީމް އަބްދުލްހަކީމް.

5- ކުރެންދޫ ދާއިރާގެ އަބްދުލް ޣަނީ މުހައްމަދު.

6- މަތިވެރި ދާއިރާގެ ހަސަން ޒަރީރު.

7- މުލަކު ދާއިރާގެ އިބްރާހިމް ނަސީރު.

8- ނިލަންދޫ ދާއިރާގެ އަބްދުލް މުހުސިން ހަމީދު (ޖޭފޯ)

9- މާފަންނު ދެކުނު ދާއިރާގެ އާދަމް އަލީ (އާދަންކޮ)

10- ކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދު (ރާޑޯ)

11- ތޮއްޑޫ ދާއިރާގެ ހަސަން ޝިޔާން (ގިޓާ)

12- ގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒް.

13- މައްޗަންގޮޅި ދެކުނު ދާއިރާގެ އަހުމަދު ހައިތަމް.

ޕީއެންސީއާ އަލަށް ގުޅިވަޑައިގެންނެވި 13 މެމްބަރުންނާ އެކު، ރައްޔިތުންގެ މަޖިލިހުގެ މައިނޯރިޓީ ޕާޓީއަކަށް ވެސް ޕީއެންސީ ވާނެ އެވެ. މިހާރު މައިނޯރިޓީ ޕާޓީއަކީ ޑިމޮކްރެޓްސް އެވެ. އަދި ރޭގެ މި ބަދަލާ އެކު، ރައްޔިތުންގެ މަޖިލިހުގައި ބޮޑު އަޣުލަބިއްޔަތެއް ދަމަހައްޓަމުން އައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 44 އަށް ދަށްވީ އެވެ.