Roadha Mihaaru
ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރައްވައިފި

ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރައްވައިފި

25 ޑިސެމްބަރ 2023

ޕޮލިސް ކޮމިޝަނަރަކަށް އަލީ ޝުޖާއު މިއަދު އައްޔަންކުރައްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ޕޮލިސް ކޮމިޝަނަރަކަށް އަލީ ޝުޖާއު މިއަދު އައްޔަންކުރައްވައިފި އެވެ.

މިހާތަނަށް އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އުމުރުން 51 އަހަރުގެ ޝުޖާއު އަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލަށް ހުންނެވުމަށް ފަހު ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރު އެވެ. އޭނާ އެންމެ ފަހުން ހުންނެވީ މާލެ އޭރިއާގެ ކޮމާންޑަރުގެ ގޮތުގަ އެވެ.

ޝުޖާއުއަކީ ފުލުހުންނަށް ޒަމާނީ ތަމްރީނުތަކާއި މަތީ ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށް މިދިޔަ 18 އަހަރު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ހާއްސަކޮށް ފުލުހުންގެ ތަމްރީނުތައް އެމްކިއުގެ މިންގަނޑަށް ފައްތައިގެން ހިންގުމާއި ފުލުހުންގެ އިދާރާގައި ޑިގްރީ ޕްރޮގްރާމެއް ތައާރަފު ކުރުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވީ ޝުޖާއު އެވެ. އޭނާ އިސްވެ ތައާރަފުކުރި، ލޯ އެންފޯސްމަންޓަށް ހާއްސަ އެ ޑިގްރީ ޕްރޮގްމާގެ ތިން ބެޗު މިހާތަނަށް ވަނީ ނިންމައިފަ އެވެ.

ޝުޖާއު ވަނީ ޕޮލިސް އެކަޑެމީ އާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) ގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި ކުޑަކުދިން ގޭންގުތަކުގައި ބައިވެރިވާތީ އެކަން ހުއްޓުވުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމް ވެސް ހިންގެވި އެވެ.

ޝުޖާއު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓަ އޮފް މެނޭޖްމަންޓް ހާސިލު ކުރައްވައިފަ އެވެ. އޭނާއަކީ އެމެރިކާގެ ޔުނިވަސިޓީ އޮފް ވަޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277 ގެ އެފްބީއައި ގުރެޖުއޭޓެއް ވެސް މެ އެވެ.

ޝުޖާއު ފުލުހުންގެ ހިދުމަތުގައި 18 އަހަރު ވިޔަސް ސަރުކާރަށް މަސައްކަތް ކުރައްވާތާ 25 އަހަރު ވެއްޖެ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުގެ ލިޔުން އަލީ ޝުޖާއުއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނާއާ ރައީސް ޑރ. މުއިއްޒު ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ޕޮލިސް ކޮމިޝަނަރުގެ މަގާމުގެ ލިޔުން އަލީ ޝުޖާއުއާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭނާއާ ރައީސް ޑރ. މުއިއްޒު ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އާ ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރެއްވީ އެންމެ ފަހުން އެ މަގާމު ފުރުއްވި މުހައްމަދު ހަމީދު މިދިޔަ ނޮވެމްބަރު 15 ގައި ރިޓަޔާ ކުރެއްވުމުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް ފުލުހުންގެ އިދާރާ ހިންގުމުގައި އިސްކޮށް ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.

ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަން ކުރެއްވީ، ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޕޮލިސް ބޯޑުން އިންޓަވިއުކޮށް، އޭނާގެ މަސައްކަތްތައް ވަޒަންކުރުމަށް ފަހު އެވެ. ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު ކަނޑައަޅަނީ ގާނޫނުގައިވާ ގޮތުން ޕޮލިސް ބޯޑުން ވަޒަންކޮށް، މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ގާނޫނުގައިވާ ގޮތުގެ މަތިން ހޯމް މިނިސްޓްރީން ހުޅުވައިލުމުން ހުށަހެޅުއްވީ ޝުޖާއުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީނެވެ. ނަމަވެސް އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަށް ހާއްސަކޮށްގެން ޕޮލިސް ބޯޑުން ކުރިއްސުރެ އެކުލަވާލާފައިވާ ކްރައިޓީރިއާ އަށް ނަވީން ނުފެތޭތީ އޭނާގެ ނަން ވަކި ހިސާބަކުން ޑިސްކޮލިފައި ވީ އެވެ.