Roadha Mihaaru
ދެވަނަ ލެގު އަދި އެބައޮތް: ތިއާގޯ ސިލްވާ

ދެވަނަ ލެގު އަދި އެބައޮތް: ތިއާގޯ ސިލްވާ

10 ޖެނުއަރީ 2024

މިޑްލްސްބަރާ (ޖެނުއަރީ 10) - އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި، ދެވަނަ ޑިވިޝަން ކުޅޭ މިޑްލްސްބަރާ އަތުން 1-0 އިން ބަލިވިއަސް، ދެވަނަ ލެގޮ އެބަ އޮތް ކަމާއި މިއީ މާޔޫސް ވާންވީ ވަގުތު ނޫން ކަން ،ޗެލްސީ ޓީމުގައި ހިމެނޭ އެންމެ ސީނިއާ ކުޅުންތެރިޔާ ތިއާގޯ ސިލްވާ ބުނެފި އެވެ.

މިޑްލްސްބަރާ (ޖެނުއަރީ 10) - އިނގިރޭސި ލީގް ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި، ދެވަނަ ޑިވިޝަން ކުޅޭ މިޑްލްސްބަރާ އަތުން 1-0 އިން ބަލިވިއަސް، ދެވަނަ ލެގޮ އެބަ އޮތް ކަމާއި މިއީ މާޔޫސް ވާންވީ ވަގުތު ނޫން ކަން ،ޗެލްސީ ޓީމުގައި ހިމެނޭ އެންމެ ސީނިއާ ކުޅުންތެރިޔާ ތިއާގޯ ސިލްވާ ބުނެފި އެވެ.

މިޑްލްސްބަރާގެ ދަނޑުގައި ޗެލްސީ ރޭ ބަލިވީ ފުރަތަމަ ހާފުގެ 37 ވަނަ މިނިޓުގައި ހޭޑެން ހެކެނީ ކާމިޔާބު ކޮށްދިން ގޯލުންނެވެ.

"މި މެޗުން ބަލިވުމުން އެންމެ ފުރަތަމަ އެންމެ އަސަރު ކުރާނެ މީހަކީ އަހަރެން. އެކަމަކު ދެވަނަ ލެގު އަދި އެބަ އޮތް، ފައިނަލަށް ދާން އަހަރެމެންނަށް ކުރެވެން އޮތް ކަމެއް ކުރާނަން. މިއީ އެންމެން ވަރަށް އެކުވެގެން މަސައްކަތް ކުރަންވީ ވަގުތެއް،" ތިއާގޯ ސިލްވާ މެޗަށް ފަހު އޭނާގެ އެކްސް އެކައުންޓުން ހިއްސާ ކުރި ޕޯސްޓުގައި ވެއެވެ.

މެޗުން ބަލިވުމުން ޗެލްސީގެ ސަޕޯޓަރުން ވަނީ ދަނޑުގައި ވަރަށް ބޮޑަށް ނުރުހުން ފާޅު ކޮށްފަ އެވެ. ނަމަވެސް އުމުރުން 39 އަހަރުގެ ބްރެޒިލް ޑިފެންޑަރު ސިލްވާ ވަނީ އެ ސަޕޯޓަރުން ގާތަށް ގޮސް ޓީމު ބަލިވުމުން މާފަށް އެދިފަ އެވެ. އަދި ސަޕޯޓަރުންގެ ފަރާތުން ލިބޭ ސަޕޯޓަށް ޝުކުރު ވެސް އަދާކުރި އެވެ.

މިދިޔަ ސީޒަންގައި ލީގުގެ 12 ވަނައިގައި ނިންމި ޗެލްސީ އަށް މި ސީޒަންގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތަކުން ފުރުސަތެއް ނުލިބުނެވެ. މި ސީޒަންގެ ލީގުގެ މެދަކާ ހަމައަށް އައި އިރު، ޗެލްސީ އަދި އޮތީ 10 ވަނައިގަ އެވެ. މިއާ އެކު އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތަކުން ފުރުސަތު ހޯދަން، މި ސީޒަންގެ ލީގް ކަޕާއި އެފްއޭ ކަޕް ކާމިޔާބު ކުރުމުގެ މުހިއްމު ކަމާ ގުޅޭގޮތުން ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ މީގެ ކުރިން ވާހަކަ ދައްކައިފަ އެވެ.

މިޑްލްސްބަރާ ވަނީ މިދިޔަ ހަފްތާ އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އެސްޓަން ވިލާ އަތުން ބަލިވެފަ އެވެ. ޗެލްސީ ވަނީ އެފްއޭ ކަޕްގެ ތިންވަނަ ބުރުން މޮޅުވެ ހަތަރުވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ޗެލްސީ ކުޅެން ޖެހެނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.

ލީގް ކަޕްގެ ދެވަނަ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ލިވަޕޫލް، އަމިއްލަ ދަނޑުގައި ފުލަމްއާ ދެކޮޅަށް ނުކުންނާނެ އެވެ.