Roadha Mihaaru
ސިފައިން ނެތި އެއާކްރާފްޓް އޮޕަރޭޓްކުރެވޭނެ ގޮތް ހޯދަނީ

އިންޑިއާ ސިފައިން ބޭލިޔަސް ހެލިކޮޕްޓަރާއި ޑޯނިއާ އޮޕަރޭޓް ކުރެވޭނެ ގޮތެއް ހޯދަނީ

15 ޖެނުއަރީ 2024

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް ކުރި ނަމަވެސް، ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން މަޝްވަރާކުރަމުން އަންނަ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް ކުރި ނަމަވެސް، ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން މަޝްވަރާކުރަމުން އަންނަ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެހެން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޮމިޓީ" ގެ އިއްޔެގެ ބައްދަލުވުމަށް ފަހު އެވެ. ބަޔާނުގައި ބުނީ އިންސާނީ އެހީތެރިކަމަށާއި މެޑިކަލް ބޭނުންތަކަށް އޮޕަރޭޓްކުރާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ހައްލެއް ހޯދުމަށް ދެ ގައުމުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް، ބައްދަލުވުމަށް ފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި މިކަން ފާހަގަކޮށްފައެއް ނެތެވެ.

އިއްޔެގެ ހެނދުނުން ފެށިގެން ވަރަށް ގިނައިރު ވަންދެން ބޭއްވި ދެ ގައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ ބައްދަލުވުމަށް ފަހު، ދިވެހި ސަރުކާރުން ބުނީ އިންޑިއާގެ ސިފައިން ރާއްޖެއިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ދެ ގައުމުން ވެސް އެއްބަސްވާ ކަމަށެވެ.

ނަމަވެސް، ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމް އިއްޔެ ވިދާޅުވީ ވައިގެ އުޅަނދުތައް ދުއްވުމުގައި މިލިޓަރީ މީހުން ތިބި ނަމަ، ރާއްޖެ ދޫކޮށް ދާންޖެހޭނެ ކަމަށާއި އެކަމަކު ސިވިލް މީހުން އެކަމުގައި ތިބުން އެންމެ ރަނގަޅު ކަމަށެވެ.

އެ ގޮތަށް މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިމިފައިވާ ކަމަށް ބުނަން އަދި އަވަސް ކަމަށާއި، ބަލި މީހުން އުފުލުމުގެ ހިދުމަތް އިންޑިއާގެ އުޅަނދުތަކުން ނުކުރެވޭ ނަމަ، ދިވެހި ސަރުކާރުން އެކަން ހަމަޖައްސާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ އެއާ އެމްބިއުލާންސްގެ ހިދުމަތް އަންނަ މާޗް މަހު ފަށަން ނިންމަވައި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަން ހާމަކުރައްވައިފަ އެވެ.

އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތަށް އިންޑިއާއިން އެއްބާރުލުން ދޭނެ ކަން ހާމަކޮށްފައިވާއިރު، އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ވަނީ އިންޑިއާ އަށް ހުށަހަޅުއްވައިފަ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ދުބާއީގައި ބޭއްވި ކޮޕް ސަމިޓްގެ ހަވާސާގެ ތެރެއިން ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުރެއްވި މަޝްވަރާތަކަށް ފަހު ރައީސް ވިދާޅުވެފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ. އެހެންވެ، އެ ކަމަށް އެއްވެސް ދުލެއް ނުދެއްވައި ރައީސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އެ ބައްދަލުވުމަށް ފަހު ވެސް އިންޑިއާގެ ނޫސްތަކުން އޭރު ބުނެފައިވާ ގޮތުގައި ދެ ގައުމުގެ ވެރިން ވެސް މަޝްވަރާކުރެއްވީ ސިފައިން އަނބުރާ ގެންދިޔަ ނަމަވެސް، ރާއްޖޭގައި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރުން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތަކާ މެދުގަ އެވެ. މި އެއާކްރާފްޓްތަކުގެ މުހިންމުކަން ރާއްޖޭން ވެސް ގަބޫލުކުރާ ކަމަށް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ އޭރު ނޫސްތަކުން ބުނެފައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ ކަމަކެވެ.