Roadha Mihaaru
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މީހަކު ހައްޔަރަށް

ފުލުހެއްގެ ގައިގައި ސައިކަލަކުން ޖައްސައި ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި

04 ޖެނުއަރީ 2020

ގަވައިދާ ޚިލާފަށް ސައިކަލަކަށް ގިނަ އަދަދެއްގެ މުދާ އަރުވައިގެން ދިޔަ މީހަކު، ހުއްޓުވަން މަސައްކަތް ކުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލަން އުޅުނު މީހަކު މާލޭގައި މިއަދު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގަވައިދާ ޚިލާފަށް ސައިކަލަކަށް ގިނަ އަދަދެއްގެ މުދާ އަރުވައިގެން ދިޔަ މީހަކު، ހުއްޓުވަން މަސައްކަތް ކުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލަން އުޅުނު މީހަކު މާލޭގައި މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ޗާންދަނީ މަގުގެ ފިހާރައެއްގެ ކުރިމަތިން އެ ފިރިހެން މީހާ ސައިކަލްގައި ގިނަ އަދަދެއްގެ މުދާ ހިފައިގެން ދަަނިކޮށް، މަޑުކުރަން ފުލުހުން އެންގި އެންގުމަށް ތަބާނުވުމުން ހުއްޓުވި ކަމަށެވެ. ދެ މީހަކު ތިބި އެ ސައިކަލް ދުއްވަން އިން މީހާގެ މައުލޫމާތު ދޭން އެންގުމުން އެކަމަށް ވެސް އިންކާރުކޮށް، ފުލުސް މީހާއާ ހުތުރު ބަހުން މުއާމަލާތް ކުރި ކަމަށް ފުލުހުން ބުނެ އެވެ.

އުމުރުން 34 އަހަރުގެ އެ ދިވެހި މީހާ ވަނީ ފުލުސް މީހާގެ ގައިގައި ސައިކަލުން ޖެއްސުމަށް ފަހު ފިލަން ވެސް މަސައްކަތް ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި، އެ މީހާ ހައްޔަރު ކުރުމުގެ އިތުރުން، ގަވައިދާ ޚިލާފަށް ސައިކަލްގައި މުދާ އުފުލި މައްސަލއިގައި އޭނާގެ ލައިސަންސް ވެސް ވަނީ ހިފަހައްޓައިފަ އެވެ.

ފުލުހުން، މީޑިއާއާ ހިއްސާ ކޮށްފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރި މީހާ ދިޔައީ ހަތް ބަސްތާ ފިޔާ ސައިކަލަށް އަރުވައިގެންނެވެ. ސައިކަލްގެ ހުންގާނާއި މަޑިއާ ދެމެދު ހުންނަ ހުސްބައިގައި ފަސް ބަސްތާ ޖަހާފައިވާއިރު، ފަހަތުގައި އިން މީހާ ހުރީ ދެ ބަސްތާ ހިފަހައްޓައިގެންނެވެ.