Roadha Mihaaru
ބުޅާތައް ބަދަލުކުރަން ފަރުކޮޅުފުށީގައި ފެސިލިޓީއެއް

ފަރުކޮޅުފުށީގައި ފެސިލިޓީއެއް އަޅައި މާލޭގައި އުޅޭ ބުޅާތައް ބަދަލުކުރަނީ

21 ޖެނުއަރީ 2024

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގެ ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގެ ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް ހެދުމަށް މިހާރު ބިން ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި ތަން ގާއިމް ކުރާނީ އެނިމަލް ވެލްފެއާ މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލްއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕެޓް ކެއާ ފެސިލިޓީ ގާއިމްކޮށް ފަރުކޮޅުފުށިން ކަނޑައެޅި ބިމުން ބައެއްގައި ކެޓް ސެންޓަރެއް މާލެ ސިޓީ ކައުންސިލުން ގާއިމްކޮށް މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ބަދަލުކޮށް ކެޓް ޝެލްޓާގެ ހިދުމަތް ގާއިމް ކުރަން ވަނީ ނިންމައިފައި،" ނާޒިމް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން ވެސް އަމިއްލަ ހަރަދުގައި ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދުމަށް ނިންމައި އިއުލާން ކުރި އެވެ. ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް އޭރު ނުލިބުނަސް، ފަހުން އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ނަމަވެސް ފަހުން އެކަމުގައި ވީގޮތެއް ނޭނގެ އެވެ. ކައުންސިލުން އޭރު ނިންމީ މާލޭ މަގުމަތީގައި އުޅޭ ބުޅާތައް ނުވިހާ ގޮތަށް ހަދައި ބުޅާތައް ބަލަހައްޓަން މަސްވެރިންގެ ޕާކުގައި ވަގުތީ ފެސިލިޓީއެއް ހަދާށެވެ. އެކަމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލުން ކަނޑައެޅި އެވެ.

މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ އޭގެ ނަޖިހުން ރައްޔިތުންނަށް އުނދަގޫވާ ކަމުގެ ޝަކުވާއަކީ ބޮޑުވެފައިވާ މައްސަލައެކެވެ. ނިމިދިޔަ މާލެ ސިޓީ މޭޔަރުގެ އިންތިހާބުގެ ކެމްޕެއިންގައި ވެސް ވާދަކުރި ހުރިހާ ކެންޑިޑޭޓުން ވެސް މިފަދަ ފެސިލިޓީއެއް ގާއިމް ކުރަން ވައުދުވި އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި އަދި މޭޔަރު ކަމުގެ ހުވާ ކުރެއްވުމަށް ތައްޔާރުވަމުންދާ އެމްޑީޕީގެ އާދަމް އާޒިމް ބުޅަޅުގެ މައްސަލަ ހައްލުކުރަން ގެންގުޅުއްވާ ވިސްނުމަކީ ވެޓް ކްލިނިކެއްގެ އިތުރުން ޒަރޫރީ ހިދުމަތްތަކާ އެކު އެކަށީގެންވާ ސަރަހައްދެއްގައި ކެޓް ޕާކެއް ތަރައްގީކުރުމެވެ.

އާޒިމް ވިދާޅުވީ ބުޅަލުގެ މައްސަލަ ހައްލުކުރުމަށް، "ޕްރެކްޓިކަލީ ފެސިލިޓީ އިމްޕްލިމެންޓް" ކުރަން ގިނަ ވަގުތު ނަގާފާނެ ކަމަށެވެ. ނަމަވެސް މިހާރުން މިހާރަށް މައްސަލައަށް ފިޔަވަޅު އެޅުމަށް އިންތިހާބުވާތާ ފުރަތަމަ 3-6 މަސް ދުވަސް ތެރޭގައި، ބުޅަލުގެ މައްސަލަ ޕްރައޮރަޓައިޒްކޮށް، ވަގުތީގޮތުން ވަކި ސަރަހައްދެއް ހާއްސަ ކުރުމަށް ފަހު، ބުޅާތައް ނިއުޓާ ކުރަން ފެށިދާނެކަމަށް އޭނާ ވިދާޅުވި އެވެ.

"ވެލްފެއާ ފޯ އައިލެންޑް ކެޓްސް" (ޑަބްލިޔުއައިސީ) އިން ބުނާ ގޮތުގައި މާލެ ސަރަހައްދުގެ މަގުތަކުގައި 3000 އަށްވުރެ ގިނަ ބުޅާ އުޅޭނެ އެވެ. ޑަބްލިޔުއައިސީ އިން އެސްޓިމޭޓްކުރަނީ މާލެ ސަރަހައްދުގައި އުޅޭ ސްޓްރޭ ކެޓްތަކުގެ އަދަދު 3000 އިން 9000 އަށް އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ އިތުރުވެދާނެ ކަމަށެވެ.