Roadha Mihaaru
ބުޅާ ޝެލްޓާ އަޅަން ބިން ހަވާލުކޮށްފި

މާލޭގައި އުޅޭ ބުޅާތައް ބަދަލުކުރަން ކައުންސިލަށް ހުޅުމާލެއިން ބިން ހަވާލުކޮށްފި

09 ފެބުރުއަރީ 2024

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ހަދާ ފެސިލިޓީއަށް ބޭނުންވާ ބިން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ހަދާ ފެސިލިޓީއަށް ބޭނުންވާ ބިން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެނިމަލް ވެލްފެއާ މިނިސްޓްރީން އެ ބިން މާލޭގެ މޭޔަރު އާދަމް އާޒިމްއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބިން ހަމަޖައްސާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮންނަ ހިޔާ ޓަވަރުތަކާ ދިމާލުން އޮންނަ ބިމަކުންނެވެ.

މޭޔަރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އާޒިމް ވަނީ ބުޅަލުގެ މައްސަލަ ހައްލުކުރުމަށް ވެޓް ކްލިނިކެއްގެ އިތުރުން ޒަރޫރީ ހިދުމަތްތަކާ އެކު އެކަށީގެންވާ ސަރަހައްދެއް ތަރައްގީކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރުން މިހާރަށް މައްސަލައަށް ފިޔަވަޅު އެޅުމަށް އިންތިހާބުވާތާ ފުރަތަމަ ދެތިން މަސް ދުވަސް ތެރޭގައި ވަގުތީގޮތުން ވަކި ސަރަހައްދެއް ހާއްސަ ކުރުމަށް ފަހު، ބުޅާތައް ނިއުޓާ ކުރަން ފެށިދާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ އޭގެ ނަޖިހުން އާންމުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ވެސް ވަނީ ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްގެން ވެސް އޭރު އެ މަސައްކަތަށް ޝައުގުވެރިކަން ބަޔަކު ފާޅުނުކުރިޔަސް، ފަހުން އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އެކަމަކު އެ މަސައްކަތަށް ފަހުން ވީ ގޮތެއް ނޭނގެ އެވެ. މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ނުވިހާ ގޮތަށް ހަދައި ބުޅާތައް ވަކި ތަނަކަށް ބަދަލުކުރުމަށް 1.9 މިލިއަން ރުފިޔާގެ ބަޖެޓެއް ވެސް ކައުންސިލުން ކަނޑައެޅި އެވެ.

"ވެލްފެއާ ފޯ އައިލެންޑް ކެޓްސް" (ޑަބްލިޔުއައިސީ) އިން ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދުގެ މަގުތަކުގައި 3000 އަށްވުރެ ގިނަ ބުޅާ އުޅޭނެ އެވެ. ޑަބްލިޔުއައިސީ އިން ލަފާކުރަނީ އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަަމަ އެ އަދަދު 9000 އަށް އިތުރުވާނެ ކަމަށެެވެ.