Roadha Mihaaru
"ކާމިޔާބުކަމާއެކު ސަރުކާރު ހިންގަން މަޖިލިސް ބޭނުންވޭ"

ކާމިޔާބުކަމާ އެކު ސަރުކާރެއް ހިންގަން މަޖިލިސް ބޭނުންވޭ: ރައީސް

22 މާޗް 2024

ކާމިޔާބު ކަމާ އެކު ސަރުކާރެއް ހިންގަން ބޭނުން ނަމަ ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު އެ އިރެއްގައި އޮންނަ ސަރުކާރަކަށް ވަރަށް މުހިންމު ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކާމިޔާބު ކަމާ އެކު ސަރުކާރެއް ހިންގަން ބޭނުން ނަމަ ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު އެ އިރެއްގައި އޮންނަ ސަރުކާރަކަށް ވަރަށް މުހިންމު ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، މިދިޔަ ބުދަ ދުވަހު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގަ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގެ މީޑިއާ އަކަށް ދެއްވި ފުރަތަމަ އިންޓަވިއު އެވެ.

ރައްޔިތުންގެ މަޖިލިހުގެ މަސައްކަތަކާއި އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ގާނޫނުއަސާސީ އޮތް ގޮތުން އެ އިރެއްގައި އޮންނަ ސަރުކާރަކަށް ރައްޔިތުންގެ މަޖިލިސް ވަރަށް މުހިންމު ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެން ކުރަން ހުރި ބައިވަރު ކަންކަން ގުޅިފައި ހުރީ ލެޖިސްލޭޓިވް އެޖެންޑާއާ. ބައިވަރު ބިލްތައް އަލަށް ހުށަހަޅައިގެން ގާނޫނު ހަދަން މި އުޅެނީ. މިސާލަކަށް އަޅުގަނޑުމެންގެ ހައުސިން ދާއިރާގައި ރިއަލް އެސްޓޭޓް ދާއިރާ، ކޮންސްޓްރަކްޝަން ދާއިރާ، މި ކަހަލަ ދާއިރާއަކުން އަޅުގަނޑު ތައާރަފު ކުރަން ބޭނުންވާ އާ ގާނޫނެއް [ފާސްކުރުން]. އެކަން މަޖިލިހުން ނުކޮށްދެންޏާ އަޅުގަނޑު ބޭނުންވި ކަންތައް ނުވީ. ރައްޔިތުންނަށް އަޅުގަނޑު ވީ ވައުދު ނުފުއްދުނީ،" ރައީސް ވިދާޅުވި އެވެ.

"މިސާލަކަށް 20 އަހަރުގެ މާސްޓަޕްލޭން ހަދާ ވާހަކަ އަޅުގަނޑު ދެންނެވީ ގާނޫނެއް ހަދައިގެން. މިސާލަކަށް ރައްޔިތުންގެ މަޖިލިހުން އެކަން ނުކޮށްދެނީ. ނުކޮށްދީފިއްޔާ އެކަން ވެސް ނުވީ."

ރައީސް މުއިއްޒު ވިދާޅުވީ، ދައުލަތުގެ ބަޖެޓްގެ ހާލަތު ވެސް ހަމަ އެ ގޮތް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ސުޕަ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ އަށް ލިބުމަކީ އުންމީދެކެވެ. އަދި އެ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ އަޣުލަބިއްޔަތު ސަރުކާރަށް ނުވަތަ ޕީޕީއެމް/ޕީއެންސީ އަށް ދީފި ނަމަ އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ ޔަގީންކަން ބޮޑުވާނެ ކަމަށެވެ.

އުޑާއި ބިމާހާ ތަފާތު، ރެ އާއި ދުވާލާހާ ތަފާތު ކަމެއް މަޖިލިހުގެ ސަޕޯޓް އޮތުމާއި ނެތުމަކީ،"--- ރައީސް

"ދެން ކިތަންމެ އުނދަގޫތަކެއް ކުރިމަތިވިޔަސް، އެހެން ކަހަލަ ގޮތަކަށް އަންނަ މަޖިލިހެއް [އިދިކޮޅަށް އަޣުލަބިއްޔަތު އޮންނަ] އަޔަސް އަޅުގަނޑު މަސައްކަތް ކުރާނީ އިރާދަކުރެއްވިއްޔާ ހަމަ މިދިޔަ 100 ވަރަކަށް ދުވަހު ކުރި ގޮތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްގެން ވީ ހުރިހާ ވައުދެއް ފުއްދަން. އެކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ރައީސް ވިދާޅުވި އެވެ.

މިހާރުގެ ރައްޔިތުންގެ މަޖިލިހުން އެއްވެސް އެހީތެރިކަމެއް ނުލިބޭ

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރަނީ އިދިކޮޅު އެމްޑީޕީން ކަމަށް ވާއިރު، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ މަޖިލިހުން "އެއްވެސް ސަޕޯޓެއް" ސަރުކާރަށް ނުލިބެ އެވެ. އޭގެ ސަބަބުން ވެސް ކަންކަން ލަސްވަމުންދާ ކަމަށް ވިދާޅުވި އެވެ.

އޭގެ ތެރޭގައި މުޅި ކެބިނެޓަށް ރައްޔިތުންގެ މަޖިލިހުން ރުހުން ނުލިބުމާއި މި ސަރުކާރު ބޭނުންވި ގޮތަށް މި އަހަރުގެ ބަޖެޓް ފާސްނުކުރެވުން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު މިދިޔަ ބުދަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް މުއިއްޒު މިދިޔަ ބުދަ ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އަޅުގަނޑު ވައުދުތައް ފުއްދަން ވެގެން ހުރިހާ ދާއިރާތަކަކަށް މަޝްރޫއުތައް [ބަޖެޓުގައި] ހުށަހެޅިން. އެކަމަކު އެ ބޭފުޅުން ބަދަލުތައް ގެނައީ. ބައެއް ކަންކަން [ބަޖެޓުގައި] ހިމެނީ އަނެއް ބައި ކަންކަން ނުހިމެނީ. ހިމެނި ކަންކަން ވެސް ފަށައިގަނެވޭ ވަރަކަށް ވެސް [ބަޖެޓުގައި ފައިސާ ޖަހާފައި] ނެތް،" ރައީސް ވިދާޅުވި އެވެ.

"ބައެއް ރަށްރަށުގައި އަޅުގަނޑު ހިމަނާފައި ހުރީ ބިން ހިއްކުން. އެކަމަކު، ބިން ހިއްކަން ހިމަނާފައި އޮވެދާނެ 10 މިލިއަން ނޫނިއްޔާ ފަސް މިލިއަން ރުފިޔާ. އަދި އެބައޮތް ބައެއް ތަންތާނގައި އެއް މިލިއަން ދެ މިލިއަން ވެސް ހިމަނާފައި."

ރައީސް ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފަށަން މި އަހަރުގެ ބަޖެޓުގައި ސަރުކާރުން ޖެހި ފައިސާ ވެސް އެމްޑީޕީގެ ބާރު އޮންނަ ރައްޔިތުންގެ މަޖިލިހުން އުނިކޮށްލީ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މިހާރު އޮތް ރައްޔިތުންގެ މަޖިލިހުގެ އެހީތެރިކަމާ އެކު ކުރިއަށް ދެވުނު ނަމަ މިދިޔަ 14 ހަފުތާގައި ސަރުކާރުން ކޮށްދެވުނު ކަންކަމަށް ވުރެ މާ ގިނަ ކަންކަން ކޮށްދެވުނީސް ކަމަށެވެ.

"އުޑާއި ބިމާހާ ތަފާތު، ރެ އާއި ދުވާލާހާ ތަފާތު ކަމެއް މަޖިލިހުގެ ސަޕޯޓް އޮތުމާއި ނެތުމަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.