Roadha Mihaaru
"ހާލަތުން އަރައިގަނެ ތަރައްގީ ވެސް ލަހެއް ނުކުރާނަން"

ގައުމު ވައްޓާލާފައި އޮތީ އަނދަވަޅަކަށް، އިތުބާރުކުރައްވާ ތަރައްގީ ވެސް ލަހެއް ނުކުރާނަން: ރައީސް

18 ފެބުރުއަރީ 2024

ވެރިކަމާ އެމަނިކުފާނު ހަވާލުވެވަޑައިގަތް އިރު، ގައުމު އޮތީ އިގްތިސާދީ ވަރަށް ބޮޑު އަނދަވަޅެއްގެ ތެރެއަށް ވައްޓާލާފައި ކަމަށާއި އެކަމުން އަރައިގަނެ ލަސްނުކޮށް ތަރައްގީ ވެސް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ވެރިކަމާ އެމަނިކުފާނު ހަވާލުވެވަޑައިގަތް އިރު، ގައުމު އޮތީ އިގްތިސާދީ ވަރަށް ބޮޑު އަނދަވަޅެއްގެ ތެރެއަށް ވައްޓާލާފައި ކަމަށާއި އެކަމުން އަރައިގަނެ ލަސްނުކޮށް ތަރައްގީ ވެސް ގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބުވެވަޑައިގަތުމަށް ފަހު އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، މަރަދޫ ފޭދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ރައީސް ވަނީ އެމްޑީޕީގެ ފަސް އަހަރު ނިމުނުއިރު އިގްތިސާދީ ގޮތުން ގައުމު ވައްޓާލާފައި އޮތް ދަތި ހާލަތު ސިފަކޮށްދެއްވައިފަ އެވެ. މި ސަރުކާރު އައިއިރު، 120 ބިލިއަނެއްހާ ރުފިޔާގެ ދަރަނި ވާރުތަވެފައި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

120 ބިލިއަނަކީ އަޅުގަނޑުމެންނަށް ވާރުތަވެގެން އައި އިގްތިސާދީ ހާލަތު. އެކަން އެގޮތަށް ކުރި ފަރާތްތަކުން އެކަން އެގޮތަށް ނެތް ކަމަށް ދެއްކުމަކީ ހައިރާންވާ ކަމެއް. -- ރައީސް

މިއީ މިއިން ޒަމާނަކު ވެސް ރާއްޖެ ނުވެއްޓޭހާ ދަށް ހާލަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި ތަރައްގީ ވެސް ހުއްޓުމެއް ނެތި ގެންނަވާނެ ކަމުގެ ޔަގީންކަން ދެއްވައި ރައީސް އެދިވަޑައިގަތީ އެމަނިކުފާނަށް ރައްޔިތުން އިތުބާރު ކުރެއްވުމަށެވެ.

މަރަދޫ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް: އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމާ އެކު މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި. -- ފޮޓޯ | ރައީސް އޮފީސް

މަރަދޫ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ރައީސް: އިގްތިސާދީ ދަތި ހާލަތުން އަރައިގަތުމާ އެކު މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ވިދާޅުވީ އިގްތިސާދު މިހާ ދަށް ހާލަތަކަށް ވެއްޓުނީ، މިދިޔަ ސަރުކާރުން ދިޔައީ އެތައް ސަތޭކަ މިލިއަން ޑޮލަރުގެ ލޯނު ނަގަމުން ކަމަށެވެ.

"120 ބިލިއަނަކީ އަޅުގަނޑުމެންނަށް ވާރުތަވެގެން އައި އިގްތިސޯދީ ހާލަތު. އެކަން އެގޮތަށް ކުރި ފަރާތްތަކުން އެކަން އެގޮތަށް ނެތް ކަމަށް ދެއްކުމަކީ ހައިރާންވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުތަކަށް މަސައްކަތްކުރެވޭނީ ލޯނުތައް ނަގައިގެން ކަމަށާއި އެކަމަކު އޭގައި މައްސަލައަކީ ރައްޔިތުންނަށް މަންފާއެއް ނެތް ގޮތަށް އެކަން ކުރުން ކަމަށެވެ. މިދިޔަ ސަރުކާރުގައި ލޯންތައް ނަގާފައި ވަނީ ދިވެހި އެއްވެސް ރައްޔިތަކަށް ފައިދާއެއް ނެތް ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމަ ރާއްޖޭގެ އިގްތިސާދަށް ފައިދާއެއް ނެތް ތަނުގައި ރައްޔިތުން މުއްސަނޖެއް ނުވި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ލޯން އެހީގައި ޗައިނާ މޯލްޑިވްސް ބްރިޖުގެ މަޝްރޫއުއަކީ ދިވެހި އެތައް ބަޔަކަށް ފައިދާވާ ގޮތަށް އޭރުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުއެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ސަރުކާރުން ވެސް ލޯނުތައް ނަގާނީ މެދު ފަންތީގެ ވިޔަފާރިތަކަށް އާރޯކަން އަންނާނެ ގޮތަށް ކަމަށް ވިދާޅުވި އެވެ.

މާނައަކީ އިގްތިސޯދު ދާނީ ކުރިއަށޭ. އެހެންވީމަ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދޭނީ މި މަސައްކަތަށް އިތުބާރުކުރެއްވުމަށް، މިކަން ކުރިއަށް ގެންދިއުމުގައި ފުރުސަތު ދެއްވައި އިތުބާރުކުރެއްވުމަށް. ތަރަައްގީ ކުރިއަށް ދާނެ. ލަހެއް ނުކުރާނަން -- މުއިއްޒު

އެމަނިކުފާނު ވިދާޅުވީ ލޯނު ނަގާއިރު އެ ފައިސާ ދިގު މުއްދަތަކަށް ބަހާލައިގެން ވީހާވެސް ލުއި ގޮތަށް ދެއްކޭނެ ގޮތެއް ވެސް ހޯއްދަވާނެ ކަމަށެވެ.

"ޗައިނާއާ އެކު [މި ސަރުކާރުން] މިވީ އެއްބަސްވުންތަކުގައި ވެސް މި ދެންނެވި ގޮތަށް ނޫން ގޮތަކަށް ނަގާނެ ލޯނެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އައްޑޫއަށް ވެވަޑައިގަތް އެންމެ ބޮޑު ވައުދު ކަމަށްވާ ބްރިޖުގެ މަސައްކަތުގެ ޑިޒައިން ނިމި އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ. އަދި ދައުރުގެ ފަހުކޮޅަށް މަޑުނުކުރައްވައި ވީއެންމެ އަވަހަކަށް އެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިގްތިސާދުގައި ބުންވަރު ޖައްސަމުން އިގްތިސޯދަށް ކުރިއެރުން ގެންނަމުން މަސައްކަތް ކުރިއަށް ގެންދާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު އައްޑޫގައި ކުދިންތަކަކާ ސަލާމްކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް މިއަދު އައްޑޫގައި ކުދިންތަކަކާ ސަލާމްކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިގްތިސާދީ ހާލަތު އޮތް ގޮތުން އުނދަގޫ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ އެވެ. ކެމްޕެއިން ދުވަސްވަރު ވައުދުވެވަޑައިގަތް ގޮތަށް ފައިސާ ޗާޕުކުރުން ހުއްޓާލުމަކީ އެމަނިކުފާނު އަދިވެސް ގަބޫލުކުރައްވާ ގޮތް ކަމަށާއި ފައިސާ ޗާޕުކުރުމަކީ ބޮލަށް ޖެހޭ ދަރަނި އިތުރުވެ އޭގެ ސަބަބުން ރައްޔިތުންނަށް އެތައް އުނދަގުލެއް ކުރާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދުބާއީގައި އޮތް ބައްދަލުވުމުގައި އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރެއްވި ކަމަށެވެ. ފައިސާ ޗާޕްކުރުން ހުއްޓާލުމުގެ ނިންމުމާ އެކު ވެސް އެ ބައްދަލުވުމުގައި ވެސް އެ ނިންމުމާ އެކު ވެސް ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ކަމަށް ރައީސް ވިދާޅުވި އެވެ. "މާނައަކީ އިގްތިސާދު ދާނީ ކުރިއަށޭ. އެހެންވީމަ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދޭނީ މި މަސައްކަތަށް އިތުބާރުކުރެއްވުމަށް، މިކަން ކުރިއަށް ގެންދިއުމުގައި ފުރުސަތު ދެއްވައި އިތުބާރުކުރެއްވުމަށް. ތަރަައްގީ ކުރިއަށް ދާނެ. ލަހެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ފައިސާ ޗާޕުކުރުން ހުއްޓާލުމާ އެކު އެކި ކަހަލަ ސަބްސިޑީތައް ދިނުން ރަނގަޅު ނިޒާމަކަށް ބަދަލުކޮށް އެންމެ ބޭނުންތެރި ފަރާތްތަކަށް އެކަން ހަމަޖައްސައި ރަނގަޅު އިންތިޒާމާކަށް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ސަރުކާރު ކުންފުނިތަކުގައި ހުރި ދަރަނީގެ މައްސަލައަށް ވެސް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އައްޑޫގެ އިތުރުން ފުވައްމުލަކާއި ގއ. އަދި ގދ.ގެ ބައެއް ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެ އެވެ.