Roadha Mihaaru
ޗައިނާ މާކެޓާ މެދު ކަންބޮޑުވާ ހިސާބަކަށް އަދި ނުދޭ

ޗައިނާގެ ޓޫރިސްޓުން މަދުވެއްޖެ އެކަމަކު ކަންބޮޑުވާން ޖެހޭ ހިސާބަކަށް ނުދޭ

17 ފެބުރުއަރީ 2017

ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންގެ 25 ޕަސެންޓް އެ ގައުމުން ހިއްސާކުރެ އެވެ. އެހެންވެ ޗައިނާއަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިންމު މާކެޓެކެވެ. އެކަމަކު މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގެ ޓޫރިސްޓުންގެ އަދަދު ވަނީ މަދުވާން ފަށައިފަ އެވެ. އޭގެ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. ރާއްޖެ ޒިޔާރަތްކުރާ ޓޫރިސްޓުންގެ 25 ޕަސެންޓް އެ ގައުމުން ހިއްސާކުރެ އެވެ. އެހެންވެ ޗައިނާއަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިންމު މާކެޓެކެވެ. އެކަމަކު މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގެ ޓޫރިސްޓުންގެ އަދަދު ވަނީ މަދުވާން ފަށައިފަ އެވެ. އޭގެ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ.

ޗައިނާއިން ރާއްޖެއަށް މިދިޔަ އަހަރު އައި ޓޫރިސްޓުންގެ އަދަދު ގާތްގަނޑަކަށް ނުވަ ޕަސެންޓް ދަށެވެ. މިއީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް މިދިޔަ އަހަރު ލިބުނު ވަރަށް ބޮޑު ހީނަރުކަމެކެވެ. އެ ހީނަރުކަން ކުރިމަތިވާން މެދުވެރިވި ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ ރިސޯޓްތަކުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމެވެ. ގެސްޓް ހައުސްތަކުން ވެސް އަގުތައް މާ ބޮޑަށް ކުޑައެއް ނުކުރެ އެވެ. އެހެންވެ ވާދަވެރި އެހެން މާކެޓްތަކުން އޭގެ ފައިދާ ނަގަނީ އެވެ.

ރާއްޖެއާ އެންމެ ވާދަވެރި އަވަށްޓެރި ސްރީ ލަންކާގެ އަމާޒަކީ ވެސް ޗައިނާއިން ވީހާވެސް ގިނަ ޓޫރިސްޓުން ގެނައުމެވެ. އޭގެ ނަތީޖާ ވެސް ދަނީ ފެންނަމުންނެވެ. އެގޮތުން 2015 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު އެ ގައުމަށް ޒިޔާރަތްކުރި ޗައިނާގެ ޓޫރިސްޓުންގެ އަދަދު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ. ހަމަ އެގޮތަށް މޮރިޝަސް އަދި ސީޝެލްސްގެ އަމާޒަކީ ވެސް އެއީ އެވެ. އެ ގައުމުތަކުން ބޭނުންވަނީ ރާއްޖެއަށް ވުރެ ހެޔޮ އަގުގައި ޗައިނާގެ ގިނަ ޓޫރިސްޓުން ގެންދާށެވެ. އޭގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރުކުރަމުން ދާ ކަމަށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.

"މިހާރު" އާ ވާހަކަދައްކަވަމުން މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ ޗައިނާ މާކެޓް ކުރިއަރަމުން އައި މިންވަރަށް މިހާރު ކުރިއަރަމުން ނުދާ ކަމަށެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ރިސޯޓްތަކުގެ އަގުތައް ތިރި ނުކުރުމާއި އެހެން މާކެޓްތައް ރާއްޖެއަށް ވުރެ ހެޔޮވުމުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. "ވާދަވެރި ގިނަ މާކެޓްތަކުން އަންނަނީ ޗައިނާއަށް އަމާޒުކުރަމުން. ލަންކާ އާއި މޮރިޝަސް އަދި ސީޝެލްސް ފަދަ ގައުމުތަކުން ދަނީ އަގުތައް ތިރިކުރަމުން. ނަމަވެސް ރާއްޖެއަކުން އެ މިންވަރަކަށް އަގުތައް ތިރިއެއް ނުކުރޭ،" ނަޒީރު ވިދާޅުވި އެވެ.

"ޗައިނާ މާކެޓަކީ އެއްގޮތަކަށް ވެސް ދޫކޮށްލެވޭނެ ތަނެއް ނޫން. އަޅުގަނޑުމެން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަން އެބަ ޖެހޭ. އަދިވެސް އަޅުގަނޑުމެންނަށް އެއީ އެންމެ މުހިންމު އެއް މާކެޓް: ނަޒީރު

ރާއްޖޭގެ ގިނަ ރިސޯޓްތަކެއް ހިންގާ ކްރައުން އެންޑް ޗަމްޕާ ކޮމްޕެނީގެ އެއް ހިއްސާދާރު ވިދާޅުވީ ޗައިނާގެ ޓޫރިސްޓުން އަންނަ މިންވަރު މާ ބޮޑަށް އިތުރުނުވި ނަމަވެސް މިހާރު ހުރި މިންވަރުގައި ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ހިފެހެއްޓޭނެ ކަމަށެވެ. "އަޅުގަނޑުމެންނަށް އެބަ ފެނޭ މިހާރު ޗައިނާގެ ރިޕީޓާސް އިތުރުވަމުން އަންނަ ތަން. ޗައިނާ މާކެޓް ހިފެހެއްޓޭނެ އިތުރު ގޮތްތައް ވެސް ބަލަން އެބަ ޖެހޭ،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫރަޕްގެ އެންމެ މުހިންމު މާކެޓް، ރަޝިޔާ ހީނަރުވި ވަގުތު އެތަން ފޫބެއްދުނީ ޗައިނާގެ ސަބަބުން ކަމަށެވެ.

"ޗައިނާ މާކެޓާ މެދު އަދިވެސް އުއްމީދު އެބަ އޮތް. އެތަނުން ގިނައިން އަންނަނީ ހަނީމޫނަށް އަންނަ މީހުން. އެ މީހުންނަށް އަދިވެސް އެންމެ ކަމުދަނީ ރާއްޖެ ކަމަށް ސާވޭތަކުން ދައްކާ،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ބައެއް ރިސޯޓްތަކުން ޗައިނާ ޓޫރިސްޓުންނަށް ހާއްސަ ޕެކޭޖްތައް ހަދައި، އެ ގައުމުގައި ރާއްޖެ ޕްރޮމޯޓްކުރަން ގިނަ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ސަބަބުން ޗައިނާއިން އަންނަ ޓޫރިސްޓުން ކުރިޔަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

"ޗައިނާ މާކެޓަކީ އެއްގޮތަކަށް ވެސް ދޫކޮށްލެވޭނެ ތަނެއް ނޫން. އަޅުގަނޑުމެން މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަން އެބަ ޖެހޭ. އަދިވެސް އަޅުގަނޑުމެންނަށް އެއީ އެންމެ މުހިންމު އެއް މާކެޓް،" އޭނާ ވިދާޅުވި އެވެ.

މާލެ ކައިރީގައި ހިންގާ ރިސޯޓެއްގެ އިސް އޮފިޝަލަކު ވިދާޅުވީ ޗައިނާ މާކެޓް މިދިޔަ އަހަރު ދަށްވި ނަމަވެސް މި އަހަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މި އަހަރު އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ޗައިނާގައި ޕްރޮމޯޓްކުރުމަށް ވީހާވެސް ގިނަ ފެއާތަކުގައި ބައިވެރިވުން. އަޅުގަނޑުމެން ބޭނުން ވަނީ ޗައިނާގެ މުއްސަނދިން ވީހާ ވެސް ގިނައިން ގެންނަން. އޭރުން ރިސޯޓަށް ލިބޭ އާމްދަނީ އިތުރުވާނީ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ ޗައިނާ ޓޫރިސްޓުން ވެސް ޔޫރަޕުން އަންނަ މީހުންނާ އެއްވަރަކަށް ރިސޯޓްތަކުގައި ހަރަދުކުރާކަން ފާހަގަކުރެވޭ ކަމަށެވެ.

"އެ މީހުންގެ ސްޓައިލް ޔޫރަޕް މީހުންނާ ތަފާތު. އެކަމަކު ކިތަންމެ ބޮޑު ހަރަދެއް ކުރަން ޖެހުނަސް އެ މީހުން ޖެހިލުމެއް ނުވޭ. މިތަނަށް އަންނަ ޗައިނާގެ ވަރަށް ގިނަ މީހުން މޫދު ކުޅިވަރަށާއި އެނޫން ވެސް އެކި ހަރަކާތްތަކަށް ވަރަށް ބޮޑު ހަރަދެއް ކުރޭ،" އޭނާ ވިދާޅުވި އެވެ.

ޗައިނާއިން މިދިޔަ އަހަރު އައި ޓޫރިސްޓުންގެ އަދަދު މަދުވުމުން ރިސޯޓްތަކުގެ އާމްދަނީއަށް އޭގެ އަސަރު ކުރިކަން އިންޑަސްޓްރީގެ ވަރަށް ގިނަ ފަރާތްތަކުން ފާހަގަކުރެ އެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޗައިނާއިން ރާއްޖެ އައިސްފައި ވަނީ 324،326 ޓޫރިސްޓުންނެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.8 ޕަސެންޓް ދަށް އަދަދެކެވެ. އެކަމަކު ޗައިނާގެ މާކެޓާ މެދު އަދި ކަންބޮޑުވާން ޖެހޭ ކަމަކަށް އިންޑަސްޓްރީގެ ތަޖުރިބާކާރުން ދެކެވަޑައެއް ނުގަންނަވަ އެވެ. އެ ގައުމުގެ ޓޫރިސްޓުންގެ އަދަދު މިހާރަށް ވުރެ އިތުރުކުރެވޭނެ ކަމުގެ އުއްމީދު އެ ފަރާތްތަކަށް އެބަ އޮތެވެ.