Roadha Mihaaru
ސަރުކާރާ ދެކޮޅަށް އެމްޑީޕީ/ޑިމޮކްރަޓްސް އެއްގަލަކަށް

ސަރުކާރާ ދެކޮޅަށް މަސައްކަތްކުރަން އެމްޑީޕީ އާއި ޑިމޮކްރަޓްސް އެއްބަސްވެއްޖެ

24 ޖެނުއަރީ 2024

އެމްޑީޕީ އާއި ދަ ޑިމޮކްރަޓްސް ޕާޓީ ގުޅިގެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީ އާއި ދަ ޑިމޮކްރަޓްސް ޕާޓީ ގުޅިގެން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ނިންމައިފި އެވެ.

އެމްޑީޕީގެ ތެރެއިން އިސް ބޭފުޅުންތަކެއް ވަކިވެ ވަޑައިގެން އުފެއްދެވި ޑިމޮކްރަޓްސް ޕާޓީން ނިމިދިޔަ ރިޔާސީ އިންތިހާބުގައި މަސައްކަތްކުރީ އެމްޑީޕީއާ ދެކޮޅަށެވެ. އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ވެސް ޑިމޮކްރަޓްސް ޕާޓީއާ ކުރިން ވަނީ ގުޅިވަޑައިގެންފަ އެވެ.

އެ ދެ ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ސަރުކާރުގެ އަމަލުތަކާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް މިހާރު އެބަހުރި ކަމަށެވެ. އަދި ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެނަމަ ވަރަށް ގިނަ ހައްގުތަކެއް ހިފަހައްޓާނެ ކަމަށް ބެލެވޭ ކަމަށާއި އެހެންވެ މަޖިލިސް ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި އެ ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"މިހެން މިކަންކަމުގެ ކަންބޮޑުވުން އޮތުމުގެ ސަބަބުން އަޅުގަނޑުމެން މި ނިންމީ މިކަންކަން މޮނީޓާކޮށް، ޒިންމާދާރު އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ހަންމަތަ ކުރުމާއި ހަމައެއާ އެކު މި ގައުމުގެ ޑިމޮކްރަޓިކް މުސްތަގްބަލް ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލިސް ތެރެއިން ގެނައުމަށް މަޖިލިސް ތެރޭގައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރުމަށް." ފައްޔާޒް ވިދާޅުވި އެވެ.

ޑިމޮކްރަޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ މި ސަރުކާރުގައި ސިޔާސީ ބޭފުޅުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރަމުންދަނީ ދިވެހިންނަށް ގެއްލުންވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ބޮޑަށް މި ސަރުކާރާ މެދު ކަންބޮޑުވާ ކަމަކީ ވަރަށް ނުރަނގަޅު ގޮތަކަށް މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށް، ބޮޑު ބާރަކާއި ރާއްޖޭގެ ސިޔާސަތު ޖެހޭގޮތަށް އަދި ޖެހިގަންނަ ގޮތަށް ބައްޓަން ކުރަމުންދާތީ އަދި އެގޮތަށް އަމަލު ކުރަމުންދާތީ." ހަސަން ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީ އާއި ޑިމޮކްރަޓްސް ގުޅިގެން ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.