Roadha Mihaaru
އިންތިހާބަށް މާލޭގެ ދެ ތަނެއްގައި 40 ޓެންޓު ޖަހަނީ

މަޖިލިސް އިންތިހާބަށް މާލޭގެ ދެ ސަރަހައްދެއްގައި ވޯޓުލާ މަރުކަޒުތައް ހަދަން 40 ޓެންޓު ޖަހަނީ

25 ޖެނުއަރީ 2024

އަންނަ މާޗު މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މާލޭގެ ދެ ސަރަހައްދެއްގައި ޓެންޓު ޖަހައިގެން 40 ވޯޓުލާ މަރުކަޒު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ މާޗު މަހު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މާލޭގެ ދެ ސަރަހައްދެއްގައި ޓެންޓު ޖަހައިގެން 40 ވޯޓުލާ މަރުކަޒު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އިއުލާންކޮށްފި އެވެ.

އީސީގެ އިއުލާނުގައި ބުނީ މި ފުރުސަތު ދޭނީ ބީލަން އުސޫލުން ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރަކާ ހަމައަށް އޮންނާނެ ކަމަށާއި ބީލަން ހުޅުވުން ވެސް އޮންނާނީ އެ ދުވަހު ކަމަށް އެ އިއުލާނުގައި ވެ އެވެ.

މި ފަހަރު މަޖިލިސް އިންތިހާބު ބާއްވަނީ ރޯދަ މަހުގެ ފުރަތަމަ ހަފުތާގަ އެވެ. އެއީ ސްކޫލްތަކުގެ އިމްތިހާނުތަކާ ދިމާވާ ދުވަސްވަރަށް ވާތީ، އިންތިހާބީ މަރުކަޒުތައް ހެދުމަށް ސްކޫލްތަކުގެ ހޯލުތައް ލިބުން ދަތިވާ ކަމަށް އީސީން ކުރިން ވެސް ބުނެފައި ވެ އެވެ.

މާލޭގައި ކުރިން ވެސް ޓެންޓު ޖަހައިގެން ވޯޓުލާ މަރުކަޒުތައް ހެދި އެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން 2021 ވަނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބަށެވެ. އެ ފަހަރު ގަލޮޅު ދަނޑާއި ދަރުމަވަންތަ ސްކޫލްގެ ބާ އިމާރާތާއި މާފަންނު ސްޓޭޑިއަމްގައި ވެސް ޓެންޓު ޖަހައިގެން ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ.

މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވާތީ، ބައެއް ޕާޓީތަކުން ވަނީ ރޯދަ މަހުގެ ފަހުން އެ އިންތިހާބު ބާއްވަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އިންތިހާބު އެގޮތަށް ފަސްކުރެވޭނީ އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް ވާތީ، އެމްޑީޕީން މިހާރު ވަނީ އެކަން ކުރަން މަޖިލީހަށް ހުށަހަޅައިފަ އެވެ.