Roadha Mihaaru
އެކްސިޑެންޓްތަކުގައި މިދިޔަ އަހަރު 146،000 މަރު

މަގުމަތީގެ އެކްސިޑެންޓްތަކުގައި އިންޑިއާގައި މިދިޔަ އަހަރު 146،000 މަރު

12 ޖޫން 2016

ނިއު ދިއްލީ (ޖޫން 12) - އިންޑިއާގައި މަގު މަތީގެ އެކްސިޑެންޓްތަކުގައި މިދިޔަ އަހަރު 146،133 މީހުން މަރުވެފައިވާ ކަމަށް ސަރުކާރުން އާއްމުކުރި ހިސާބުތަކުން ދައްކައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ޖޫން 12) - އިންޑިއާގައި މަގު މަތީގެ އެކްސިޑެންޓްތަކުގައި މިދިޔަ އަހަރު 146،133 މީހުން މަރުވެފައިވާ ކަމަށް ސަރުކާރުން އާއްމުކުރި ހިސާބުތަކުން ދައްކައިފި އެވެ.

އިންޑިއާގައި މަގުމަތީގެ އެކްސިޑެންޓްތައް މިދިޔަ އަހަރު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 4.6 ޕަސެންޓް އިތުރުވެފަ އެވެ. މަގުމަތީގައި މިދިޔަ އަހަރު ހިނގި 500،000 އަށް ވުރެ ގިނަ އެކްސިޑެންޓުގައި މަރުވި މީހުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނައީ 15-34 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

މަގު މަތީ އެކްސިޑެންޓް ހިނގުމަކީ އިންޑިއާގައި އާއްމު ކަމެކެވެ. ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނަނީ ޑްރައިވަރުންގެ ފަރުވާ ކުޑަވުމާއި މަގުތަކާއި ވެހިކަލްތައް ވެސް މަރާމާތު ނުކުރާތީ ކަމަށެވެ.

މަގުތަކުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައި. --ފޮޓޯ:އޭއެފްޕީ

މަގުތަކުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައި. --ފޮޓޯ:އޭއެފްޕީ

އިންޑިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިދިޔަ އަހަރު 146،133 މީހުން މަގު މަތީ އެކްސިޑެންޓްތަކުގައި މަރުވި އިރު އޭގެ ކުރީ އަހަރު މަރުވެފައި ވަނީ 139،671 މީހުންނެވެ. މިދިޔަ އަހަރު ވަނީ 501،423 އެކްސިޑެންޓް ހިނގައިފަ އެވެ. މިއީ ދުވާލަކަށް 1،374 އެކްސިޑެންޓެވެ. އޭގެ ކުރީ އަހަރު މަގުމަތީގައި ހިނގާފައި ވަނީ 489،400 އެކްސިޑެންޓެވެ. މަގު މަތީ އެކްސިޑެންޓްތަކުގައި މިދިޔަ އަހަރު ވަނީ 500،279 މީހުން ޒަޚަމްވެފަ އެވެ. އޭގެ ކުރީ އަހަރު އެކްސިޑެންޓްތަކުގައި ޒަޚމްވީ 493،474 މީހުންނެވެ.

"ގުދުރަތީ ހާދިސާއެއްގައި ނުވަތަ ޓެރަރިޒަމުގެ ސަބަބުން މަރުވާ މީހުންނަށް ވުރެ ގިނައިން މަގުމަތީގެ އެކްސިޑެންޓްތަކުގައި އިންޑިއާ އިން ދަނީ މީހުން މަރުވަމުން،" ޓްރާންސްޕޯޓް މިނިސްޓަރު

އިންޑިއާގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތަކުގައި ކޮންމެ ދުވަހަކު ވެސް 400 މީހުން މަރުވެ އެވެ. މަގު މަތީގެ އެކްސިޑެންޓްތަކުގައި މަރުވި 80 ޕަސެންޓް މީހުން މަރުވެފައި ވަނީ 13 ސްޓޭޓަކުންނެވެ. އޭގެ ތެރޭގައި ޓަމިލް ނާޑޫ، މަހާރަސްތުރާ، މަދިޔަ ޕްރަދޭޝް، ކަރުނާޓަކާ، ކެރަލާ އަދި އުއްތަރަ ޕްރަދޭޝް ހިމެނެ އެވެ. އިންޑިއާގައި މަގުމަތީ ހިނގާ ކޮންމެ 10 އެކްސިޑެންޓަކުން އަށް އެކްސިޑެންޓް ހިނގާފައި ވަނީ ޑްރައިވަރުގެ އިހުމާލުންނެވެ. މީގެ ތެރޭން 62 ޕަސެންޓް އެކްސިޑެންޓް ހިނގާފައި ވަނީ މާބާރަށް ދުއްވައިގެންނެވެ.

މަގު މަތީގެ އެކްސިޑެންޓްތަކުގައި މިދިޔަ އަހަރު ވަނީ 500،000 މީހުން ޒަޚަމްވެފައި. --ފޮޓޯ:ބީބީސީ

މަގު މަތީގެ އެކްސިޑެންޓްތަކުގައި މިދިޔަ އަހަރު ވަނީ 500،000 މީހުން ޒަޚަމްވެފައި. --ފޮޓޯ:ބީބީސީ

ޓްރާންސްޕޯޓް މިނިސްޓަރު ނިޓިން ގަދަރީ ވިދާޅުވީ މަގުތަކުގެ އިންފްރާސްޓްރަކްޗާ މިހާރުން މިހާރަށް ވެސް ރަނގަޅު ކުރަންޖެހޭ ކަމަށެވެ. އަދި އެއްކަމެއްގައި އިންޑިއާ އިން އެންމެ ގިނަ މީހުން މަރުވަމުން ދަނީ މަގުމަތީގެ އެކްސިޑެންޓްތަކުގައިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ގުދުރަތީ ހާދިސާއެއްގައި ނުވަތަ ޓެރަރިޒަމުގެ ސަބަބުން މަރުވާ މީހުންނަށް ވުރެ ގިނައިން މަގުމަތީގެ އެކްސިޑެންޓްތަކުގައި އިންޑިއާ އިން ދަނީ މީހުން މަރުވަމުން. މިއީ ސަމާލު ކަމަށް ނައިސް އޮތް ކަމެއް. މި މައްސަލަ އަށް ހައްލެއް ފެނޭތޯ ވޭތުވެދިޔަ ދެ އަހަރު ކުރި މަސައްކަތުން ވެސް އަދި އެދެވޭ ނަތީޖާއެއް ހޯދިފައެއް ނުވޭ،" ނިޓިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަގުތަކަށް ލުއި ހޯދުމުގެ ގޮތުން ހައިވޭ ނެޓްވޯކް 96،000 ކިލޯމީޓަރުން 200،000 ކިލޯ މީޓަރަށް ފުޅާކުރަން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ހަލާކުވެފައިވާ މަގުތައް މަރާމާތުކޮށް މަގުތަކުގެ ރައްކާތެރިކަމާ ބެހޭ ބިލެއް ޕާލަމެންޓަށް ހުށަހެޅުމަށް ވެސް ވަނީ ނިންމައިފަ އެވެ.