Roadha Mihaaru

10 ޓަވަރުގެ ސްޓްރަކްޗާ ނިމިއްޖެ، ޖުލައި މަހަށް 11 ޓަވަރު ހަވާލުކުރެވޭނެ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ފްލެޓްތަކުގެ ތެރެއިން 10 ޓަވަރުގެ ސްޓްރަކްޗާ އެއްކޮށް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފަހި ދިރިއުޅުމުގެ 10 ޓަވަރުގެ ސްޓްރަކްޗާ ނިންމާލައިފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

01 ފެބުރުއަރީ 2024

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ ފްލެޓްތަކުގެ ތެރެއިން 10 ޓަވަރުގެ ސްޓްރަކްޗާ އެއްކޮށް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވިދާޅުވީ، ސަބް ސްޓްރަކްޗަރަލް މަސައްކަތްތައް ނިމިފައިވާ އިރު މިހާރު ހުރިހާ ޓަވަރެއްގައި ވެސް ކުރިއަށް ދަނީ ސުޕަ ސްޓްރަކްޗާގެ މަސައްކަތްތައް ކަމަށެވެ. ޖުލައި މަހުގެ ނިޔަލަށް 11 ޓަވަރު ނިންމައި އެފްޑީސީން ފްލެޓްތައް ސަރުކާރާ ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓަވަރުގެ ސްޓްރަކްޗާގެ ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތެއް 10 ޓަވަރުގައި މިހާރު ވަނީ ނިމިފައި. ކޮންމެ މަހަކު އަޅުގަނޑުމެންނަށް 30 ޝީޓު އެބަ އެޅޭ. މަސައްކަތް ކުރިއަށްދަނީ ޝެޑިއުލަށް ވުރެ މާ އަވަހަށް،" އޭނާ ވިދާޅުވި އެވެ.

އެފްޑީސީން 10 ޓަވަރުގެ މަސައްކަތް ނިންމާލި އިރު އެއީ ގާތްގަނޑަކަށް 1،200 އެޕާޓްމެންޓެވެ. އެތަނުގައި މިހާރު ކުރަމުން އަންނަނީ ފިނިޝިން މަސައްކަތެވެ. މި މަސް ނިމޭ އިރު ހަތަރު ޓަވަރުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ އެވެ. އެއީ 512 ފްލެޓް ކަމަށް އެފްޑީސީން ބުންޏެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގެ ތެރެއިން އެންބީސީސީ ކުންފުންޏާ ހަވާލުކޮށްގެން ހަދާ "އަމާން ދޯދި" ޓަވަރެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓްތަކުގެ ތެރެއިން އެންބީސީސީ ކުންފުންޏާ ހަވާލުކޮށްގެން ހަދާ "އަމާން ދޯދި" ޓަވަރެއް. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހަމްދާން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ޖުލައި މަހާ ހަމައަށް 11 ޓަވަރުގެ ހުރިހާ މަސައްކަތެއް ނިންމައި ހަވާލުކުރުމެވެ. އެފްޑީސީން މަސައްކަތް ކުރަނީ ޕްރޮޖެކްޓްގެ މަސައްކަތް ވީ އެންމެ އަވަހަށް ނިންމަން ކަމަށާއި، މަސައްކަތްތައް އަވަސް ކުރަން މިދިޔަ މަހު ވެސް 250 ލޭބަރުން އިތުރަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފްޑީސީން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 4،000 ފްލެޓް އަޅަމުންނެވެ. އެއީ 17-18 ބުރީގެ 32 ޓަވަރެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހިމެނޭ އިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެ އެވެ. އެފްޑީސީން ކުރިން ބުނެފައިވަނީ މި އަހަރު ނިމެންވާ އިރު ހުރިހާ ޓަވަރެއް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފަހި ދިރިއުޅުމުން އެ ފްލެޓްތައް އަޅަން ހަވާލުކޮށްފައި ވަނީ ދެ ކޮންޓްރެކްޓަރުންނާ އެވެ. އެގޮތުން "އަމާން އުދަރެސް"ގެ 16 ޓަވަރު ހަވާލުކުރީ ޖޭއެމްސީއާ އެވެ. އަދި "އަމާން ދޯދި" ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައި ވަނީ އެންބީސީސީއާ އެވެ.

އެ ފްލެޓުތައް އިމާރަތްކުރަން އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދާފައިވެ އެވެ. އެ ދެ ލޯނަށް ވެސް ސަރުކާރުން ވަނީ ސޮވެރިން ގެރެންޓީ ދީފަ އެވެ.