Roadha Mihaaru
މަސްވެރިންގެ ފޯނުތައް އަތުލައި ހެކި ނައްތާލި

އިންޑިއާ ސިފައިން ވަނީ މަސްވެރިންގެ ފޯނުތައް އަތުލައި ހެކި ނައްތާލާފައި

01 ފެބުރުއަރީ 2024

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް "އަސުރުމާ 3" ދޯންޏަށް އަރައި އިންޑިއާ ސިފައިން ވަނީ މަސްވެރިންގެ ފޯނުތައް އަތުލައި ހެކިތައް ނައްތާލާފައިވާ ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް "އަސުރުމާ 3" ދޯންޏަށް އަރައި އިންޑިއާ ސިފައިން ވަނީ މަސްވެރިންގެ ފޯނުތައް އަތުލައި ހެކިތައް ނައްތާލާފައިވާ ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮއްވައި އިންޑިއާގެ ކޯސްޓުގާޑުން އެ ދޯންޏަށް އަރައި މަސްވެރިންނާ ސުވާލުކުރީ އިއްޔެ މެންދުރު ފަހެވެ. ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމް އިން ކަށަވަރު ވަނީ ދޯނި އޮތީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި ކަމަށެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް މިއަދު ކިޔައިދިން ގޮތުގައި އިންޑިއާ ސިފައިން މަސް ދޯންޏަށް އަރައި، މަސްވެރިންނާ ވަނީ ސުވާލުކޮށްފަ އެވެ. ދޯންޏަށް އަރައި އިންޑިއާ ސިފައިން ދިވެހި މަސްވެރިންނާ ސުވާލުކުރަނިކޮށް، މަސްވެރިން ފޮޓޯތައް ނެގުމުން، އިންޑިއާ ސިފައިން ވަނީ އެ މީހުންނަށް މަޖުބޫރުކޮށް، ހުރިހާ ހެއްކެއް ފޮހެލާފައި ކަމަށް އެ މީހާ ބުންޏެވެ.

"އަސުރުމާ 3" ދޯނި އޮތް ތަން ޗާޓުން ފެންނަ ގޮތް

"އަސުރުމާ 3" ދޯނި އޮތް ތަން ޗާޓުން ފެންނަ ގޮތް

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިއްޔެ "މިހާރު" އަށް ބުނީ ރާއްޖޭގެ އުތުރު ކަނޑުގައި އޮތް ތިން މަސްދޯންޏަކަށް ބޭރުގެ ސިފައިން އެރި ކަމަށާއި އެ މީހުން އުޅުނީ ދޯނީގެ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން ކަމަށެވެ. އެއީ "އަސުރުމާ 3" އާއި "ނެރު 7" އަދި "މާހޯރަ 3" އެވެ.

އޭނާ ކިޔައިދިން ގޮތުގައި އިންޑިއާގެ ކޯސްޓްގާޑުން ފުރަތަމަ ދޯނި ކައިރިއަށް ފޮނުވީ ޑްރޯނެކެވެ. އޭރު އިންޑިއާ ކޯސްޓްގާޑުގެ ދެ ބޯޓު އެ ސަރަހައްދުގައި އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

އިންޑިއާގެ ސިފައިންގެ ހަ މީހަކު ދޯންޏަށް އަރައި ބިރު ދެއްކިއިރު، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. އެ ހާދިސާ ހިނގުމާ އެކު އެ ސަރަހައްދަށް އެމްއެންޑީއެފްގެ ކޯސްޓްގާޑެއް ފުރުވައިލި އެވެ. އެކަމަކު، ރާއްޖޭގެ ކޯސްް ގާޑަށް އެ ހިސާބަށް ފޯރީ ރޭ ވަރަށް ލަސްވި ފަހުންނެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންނާ ހަވާލާދީ އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ސިދާންތު ސިބާލް، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ދޯންޏަށް ބޭރުގެ ސިފައިންގެ ބަޔަކު އެރި ކަމަށް ބުނާ، ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދުގެ ތެރޭގައި އިންޑިއާ ސިފައިންގެ އުޅަނދެއް ނެތް ކަމަށެވެ.