Roadha Mihaaru

މަސްވެރިންނަށް ނުދީ ހުރި ފައިސާ ލޯނެއް ނަގައިގެން ނަމަވެސް ހަމަޖައްސާނަން: ރައީސް މުއިއްޒު

ސަރުކާރުފެ މަސް ކުންފުނި، މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ، ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ލޯނެއް ނަގައިގެންވިޔަސް މަސްވެރިންގެ ފައިސާ ހަމަޖަައްސަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

01 ފެބުރުއަރީ 2024

ސަރުކާރުފެ މަސް ކުންފުނި، މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ، ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިފްކޯއަށް ކިރުވާ މަހަށް ފައިސާ ނުލިބޭތާ ގިނަ ދުވަސް ވެފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިފްކޯ އަށް ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދީ، ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ، އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް "ރައީސްގެ ޖަވާބު" ނަމުގައި ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އޭގައި އާންމުން ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަނީ ރައީސް އެވެ.

މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމާ ގުޅޭގޮތުން ހދ. ނޮޅިވަރަންފަރު، ހިޖުރަ، އަބްދުލްޣަނީ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ މިހާތަނަށް މަސްވެރިންނަށް ނުދީ ހުރި، ހުރިހާ ފައިސާ ވީހާ ވެސް އަވަހަކަށް ހަވާލުކޮށް ނިންމުމަށް ކަމަށެވެ.

"ދުއިސައްތަ ހަތްދިހަ މިލިއަން ވަރަކަށް ރުފިޔާ މިހާރު ވެސް އެބައޮތް މަސްވެރިންނަށް ދޭން. އެހެންވެ، އެ ފައިސާ ދިނުމުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދެވޭ. މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް އެ ފައިސާ ވަރަށް އަވަހަށް ހަވާލުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް ވަރަށް އަވަހަށް ދެވޭނެ ކަމަށް. ހުރިހާ މަސްވެރިންނަށް ދޭން ހުރި ފައިސާ ވަރަށް އަވަހަށް އިރާދުކުރެއްވިއްޔާ ހަވާލު ކުރުމުގެ މަސައްކަތް މި ކުރަނީ."

އެ އަށް ފަހު، ކުރިއަށް އޮތްތަނުގައި ކަންކަން އިންތިޒާމު ކުރާނީ މަސްވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ނުދެވި ގިނަދުވަސް ހޭދަވާން ނުޖެހޭ ގޮތަށް ކަން ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަނެއްހާ ރުފިޔާ ހަވާލުނުކޮށް ހުއްޓެވެ. ރައީސްގެ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، ދެ ފަހަރެއްގެ މަތިން މިހާތަނަށް 200 މިލިއަން ރުފިޔާ މަސްވެރިންނަށް ސަރުކާރުން ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަކު، އަދިވެސް މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެވި ހުރިކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް އޮފީހުން ބުނީ ރައީސަށް ރައްޔިތުންގެ ފަރާތުން ހުށަހަޅާ ސުވާލުތަކަށް، މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް، ވަގުތު ލިބިވަޑައިގަންނަވާ ވަރަކުން ރައީސް މުއިއްޒު ޖަވާބުދެއްވަމުން ގެންދަވާނެ ކަމަށެވެ.

ވީޑިއޯ މެދުވެރިކޮށް، އާންމުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސްގެ އޮފީހުގެ ރަސްމީ އެކައުންޓުތަކުން ކޮންމެ ދުވަހަކު ވެސް އާންމުކޮށް ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.