Roadha Mihaaru

ކިލޯއަކަށް ވުރެ ބަރުނަމަ އެންމެ މަތީ ރޭޓުގައި މިފްކޯއަށް މަސް ގަންނަން ނިންމައިފި

ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް ގަންނަ ކަޅުބިލަމަހުގެ ތެރެއިން ރަނގަޅު އަގު ލިބޭ، ސައިޒުގެ މަހަކީ 1.5 ކިލޯއަށް އޮތްއޮތުން ބަދަލުކޮށް ކިލޯއަކަށް ވުރެ ބަރުނަމަ އެންމެ މަތީ ރޭޓުގައި މަސް ގަންނަން ނިންމައިފި އެވެ.

ކިލޯއަކަށް ވުރެ ބަރުނަމަ މަތީ ރޭޓުގައި މަސް ގަަންނަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

13 ޑިސެމްބަރ 2025

ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް ގަންނަ ކަޅުބިލަމަހުގެ ތެރެއިން ރަނގަޅު އަގު ލިބޭ، ސައިޒުގެ މަހަކީ 1.5 ކިލޯއަށް އޮތްއޮތުން ބަދަލުކޮށް ކިލޯއަކަށް ވުރެ ބަރުނަމަ އެންމެ މަތީ ރޭޓުގައި މަސް ގަންނަން ނިންމައިފި އެވެ.

އެ ބޮޑު ބަދަލު އިއުލާން ކުރެއްވީ ރ. ދުވާފަރުގައި މިރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

"މިހާތަނަށް މިފްކޯ އާއި ފިޝަރީޒް މިނިސްޓްރީއާ އެކީގައި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން މިއަދުން ފެށިގެން ގެންނަ މައިގަނޑު އެެއް ބަދަލަކީ ދޮޅު ކިލޯގެ ބަދަލުގައި އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް އެންމެ މަތީ ރޭޓުގައި މަސް ގަންނަ ގޮތަށް ބަދަލުކުރުން،" ރައީސް ވިދާޅުވި އެވެ.

މިފްކޯއިން މިހާރު ކަޅުބިލަމަހާއި ކުދި ކަންނެއްޔަށް ދޭ އެންމެ ބޮޑު އަގަކީ ކިލޯއަކަށް 16 ރުފިޔާ އެވެ. އަދި ކުދިމަސް ކަމަށް ބަލާ މިންގަނޑަކީ 1.5 ކިލޯއަށް ވުރެ ލުއިވުމެވެ.

"އެންމެ މަތީ ރޭޓޭ މި ދެންނެވީ 16ރ. އަށް މިހާރު މި ގަންނަ ގަތުން، އަދި އެވެސް ވަރަށް މުހިންމު ބަދަލެއް މި ގެންނަނީ، އެންމެ ދަށްވެގެން 16ރ. އަށް ގަންނަ ގޮތަށް މިފްކޯ އިން މާދަމާއިން ފެށިގެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.

"މާނައަކީ މިފްކޯއަށް އެ ދުވަހަކު 17ރ. އަށް ގަނެވެންޏާ، 18ރ. އަށް ގަނެވެންޏާ އެ ބޭފުޅުން އަދި އެއަށް ވުރެ މައްޗަށް ވެސް ގަނެވެންޏާ މިފްކޯ އިން ކަނޑައަޅާނެ އެ ވަގުތަކު ގަނެވޭނެ އެންމެ މަތީ އަގު. އެންމެ ދަށްކޮށް 16ރ. [މަސް ގަންނާނީ]."

ކުދިމަސް ކަމަށް ބަލާ މިންގަނޑު މަތިކޮށްފައި އޮތުމުން މަސްވެރިންގެ ޝަކުވާ ބޮޑެވެ. ރައީސް މަސްވެރިންނާ ބައްދަލު ކުރެއްވުމަށް މިއަދު ދުވާފަރުގައި ބޭއްވި ޖަލްސާގައި ވެސް މަސްވެރިން ވަނީ އެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގދ. ފަރެސްމާތޮޑާ ކެޔޮޅަކު އެ ބައްދަލުވުމުގައި ބުނީ، އެއް ކިލޯއަށް ވުރެ ބަރު މަހަކީ ރަނގަޅު އަގު ދޭ ކެޓަގަރީ ކަމަށް އަމިއްލަ ކުންފުނިތަކުން ވެސް ބަލާ ކަމަށެވެ.

މަސްވެރިންގެ ދުވަހަށް ދުވާފަރަށް ގޮސް ހުރި އައްޑޫ ދޯންޏެއްގެ ކެޔޮޅަކު ބުނީ 1.5 ކިލޯއިން ދަށަކީ ކުދިމަސް ކަމަށް މިފްކޯ އިން ކަނޑައަޅާފައި ވާއިރު، ކުދިމަސް ކިލޯއަކަށް ދެނީ އެންމެ ހަތް ރުފިޔާ ކަމަށެވެ. މަސްދޯނިފަހަރު ދޫކޮށް ދިވެހިން އެހެން މަސައްކަތްތަކަށް އެނބުރެނީ މަސްވެރިކަމުން ލިބޭ އާމްދަނީ ދަށްކަމުން ކަމަށް އޭނާ ބުންޏެވެ.