Roadha Mihaaru
ސިފައިން އެރި މައްސަލާގައި ގައްސާން ހާޒިރުކުރަނީ

މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލާގައި ގައްސާން މަޖިލީހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2024

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ރާއްޖޭގެ ތިން މަސް ދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން އެރި މައްސަލާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ރާއްޖޭގެ ތިން މަސް ދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން އެރި މައްސަލާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ހުށަހަޅައިފި އެވެ.

މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ސުވާލު ކުރުމުގެ ނޯޓިސްގައި ވަނީ އެކަން ހިނގާފައިވަނީ ރާއްޖޭގެ އިގްތިސޯދީ ހާއްސަ ސަރަހައްދު ތެރޭގައިތޯ ޑިފެންސް މިނިސްޓްރީއަށް ކަށަވަރުވެފައިވޭތޯ އާއި އެކަމުގެ ތަފްސީލް ހޯދުމަށެވެ.

އަދި، އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ވެސް ސުވާލުކުރަން ހުށަހަޅާފައިވެ އެވެ.

މި މައްސަލާގައި ޑިމޮކްރެޓްސް އިން ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ އެ މައްސަލައިގެ މައުލޫމާތު ސަރުކާރުގެ މުއައްސަސާތަކުން ހިއްސާ ނުކުރާތީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށެވެ. އޭނާ ވަނީ އެ މައްސަލައަށް ސަރުކާރުން އެކަށީގެންވާ ސަމާލުކަން ނުދީ، ތިބޭ ކަމުގެ ތުހުމަތުކޮށް، އެއީ ސަރުކާރުން ޒިންމާއިން ރެކުން ގޮތުގައި ސިފަ ކުރައްވައި، ވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.

މިދިޔަ ބުދަ ދުވަހު ހއ. ދިއްދޫގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ، އދ. މަހިބަދޫ 'އަސުރުމާ 03' ނަމަކަށް ކިޔާ ބޯޓަކަށް އިންޑިއާ ކަނޑުގެ ސިފައިން ހަތިޔާރާ އެކު އެރި ކަމުގެ ރިޕޯޓުން އެ ދޯނިން ކުރި އެވެ. އޭގެ ފަހުން 'މޮހޮރާ 3' އަދި 'ނިރު 7' ނަމަކަށް ކިޔާ ދެ ދޯންޏަކަށް ވެސް އިންޑިއާ ސިފައިން އެރި މައްސަލަ ފެންމަތިވި އެވެ.

މަސްބޯޓުތަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޑިފެންސް މިނިސްޓްރީން ބުނީ ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ އިންޑިއާ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމްތަކުންކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި އިންޑިއާ ކަނގެ ސިފައިން އަރާފައިވަނީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށް ޑިފެންސްގެ ބަޔާނުގައި ބުންޏެވެ.

އެހެންވެ އިންޑިއާ ސިފައިން ހިންގި އެ އޮޕަރޭޝަންގެ ތަފްސީލް ހޯދުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި ދަންނަވާފައިވާ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ނަމަވެސް، މައްސަލައިގެ ތަފުސީލު ލިޔުމަކުން ދިނުމަށް ދިވެހި ސަރުކާރުން ރަސްމީކޮށް އެދުނުތާ 48 ގަޑިއިރަށް ވުރެ ގިނައިރު ވީ އިރު ވެސް އިންޑިއާ ސަރުކާރުން ޖަވާބުދާރީ ވެފައިނުވެ އެވެ.