Roadha Mihaaru
"ކަނޑު އަމިއްލައަށް ބެލެހެއްޓުމާ ދެކޮޅުވުން ލަދުވެތި"

ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމާ ދެކޮޅު ހެދުމަކީ ލަދުވެތިކަމެއް: ރައީސް

06 ފެބުރުއަރީ 2024

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ދިވެހިން އަމިއްލަ އަށް ބަލަހައްޓާ ވާހަކަ ދެއްކެމުން، އެކަމާ ދެކޮޅު ހަދައި ޖޯކު ޖެހުމަކީ ލަދުވެތި ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ދިވެހިން އަމިއްލަ އަށް ބަލަހައްޓާ ވާހަކަ ދެއްކެމުން، އެކަމާ ދެކޮޅު ހަދައި ޖޯކު ޖެހުމަކީ ލަދުވެތި ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިއްޔެ ވިދާޅުވީ، އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެއްގަމާއި ވަޔާއި ކަނޑުގެ މަގުން ވެސް ރާއްޖެ ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލްކަން ރާއްޖޭގައި ވަރުގަދަ ކުރަންޖެހެ އެވެ. އަދި އެ ކަން އެ ގޮތަށް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަން ފަށައިފިން. ރާއްޖޭގެ 900،000 އަކަކިލޯ މީޓަރުގެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ،" މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން، އިއްޔެ މެންދުރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވި ބައެއް މެމްބަރުން ސަރުކާރަށް ފާޑުވިދާޅުވި އެވެ. އެންމެ ބޮޑަށް އެކަމަށް ފާޑުވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.

އީވާ ވިދާޅުވީ، ދިވެހި އަސްކަރިއްޔާ ވަރުގަދަކޮށް، ބޮޑު ހަތިޔާރު ނަގައިގެން ރާއްޖޭގެ ބޯޑަރުތައް ނުބެލެހެއްޓޭނެ ކަމަށާއި އެކަމުގެ ސަބަބުން ގެއްލުން ވާނީ ހަމަ ރާއްޖެ އަށް ކަމަށެވެ.

"ދިވެހިރާއްޖެ އަކީ ސުލްހަވެރިކަމާ އެކު މުދަލާއި މީހުންނާއި ތަކެއްޗާއި ދަތުރު ކުރަން ޖާގަ ދީގެން އަޅުގަނޑުމެންގެ ބޯޑަރު ބަލަހައްޓައިގެން އަޅުގަނޑުމެން ތިބި ބައެއް. އެ ސުލްހަވެރި ކަމަށް އަލުން އަނބުރާ ރޫޖުއަ ވެގެން ނޫނިއްޔާ ބޯޑަރު ސެކިއުރިޓީ ކަށަވަރެއް ނުކުރެވޭނެ،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި "ބޮޑު ހަތިޔާރަކާ އެކު އަޅުގަނޑުމެންނަކަށް ބޯޑަރު ނުބެލެހެއްޓޭނެ." އެވެ.

ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ތ. ވޭމަންޑޫގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވާ 970،000 އަކަކިލޯމީޓަރުގެ ސަރަހަައްދު މިއިން ޒަމާނެއްގައި ބެލެހެއްޓިފައި ނެތް ކަމަށެވެ.

ރައީސް މުއިއްޒު ވޭމަންޑޫގެ މީހުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.

ރައީސް މުއިއްޒު ވޭމަންޑޫގެ މީހުންނާ މިރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.

އެ ސަރަހައްދު އެއީ ދިވެހިން އިގުތިސޯދީ ފައިދާ ހޯދަން އޮތް ސަރަހައްދު ކަމަށާއި ނަމަވެސް މިހާތަނަށް އެކަށީގެންވާ ގޮތެއްގައި އެ ސަރަހައްދުގައި މަސްވެރިކަން ކުރެވިފައި ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެ ހިސާބަށް މަސްވެރިކަން ފުޅާކޮށް، ފުރިހަމަ ނަފާ ހޯދަން ފެށިއްޖެ ނަމަ ޓޫރިޒަމަށް ވުރެ ފައިދާ ކުރާނެ ކަމަށް ވިދާޅުވި އެވެ.

އެއީ ކޮންމެހެން ހިމާޔަތް ކުރަންޖެހޭ ސަރަހައްދެއް ކަމަށާއި މިނިވަންކަމާއި އިސްތިގުލާލު ސަލާމަތް ކުރުމަށާއި ސިޔާދަތީ ބާރުގެ ޔަގީންކަން ކަށަވަރުކުރުމަށް ވެސް އެތަން ބަލަހައްޓަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަން ކުރުމަށް އަޅުގަނޑުމެން ކުރަންވީ ކަމަކީ އެހެން ބައެއްގެ ކިބައިން އެހީތެރިކަމަށް އެދިގެން ބަޔަކު ލައްވައި އެ ސަރަހައްދު ބެލެހެއްޓުންތޯ ރައްޔިތުން އެދޭނެ ގޮތަކީ، ޔަގީން އެޔެއް ނޫން، އަޅުގަނޑުމެންގެ ގޯތީގެ ވަށާފާރުގެ އިންފާރުގެ އެތެރެ ބަލަހައްޓަން ޖެހޭނީ އެހެން ބަޔަކު އައިސްތޯ ނުވަތަ އަމިއްލަ އަށް އެ ކެޕޭސިޓީ ބިލްޑް ކޮށްގެންތޯ އެއީ އޮތް ސުވާލަކީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިކަމަށް ޖޯކު ޖަހައި ދެކޮޅު ހަދާ ވާހަކަ ދައްކާ މީހުންނަކީ ދިވެހި ވަންތަ، ގައުމު ދެކެ ލޯބިވާ ބައެއްތޯ ސުވާލު އުފައްދައި ރައީސް މުއިއްޒު ވަނީ އެއީ ލަދުވެތި ކަމެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

"ކޮންމެ ގޮތެއް ގައުމަށް ވިޔަސް ހެޔޮ ކަމަށް، އަދި އެ ގޮތަށް ކުރީގައި ވެސް މަސައްކަތް ކޮށްފައިވާ ކަން ސާބިތުވެފައިވާ ބަޔަކު އެފަދަ ވާހަކައެއް ދައްކަފާނެ،" ރައީސް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ގޯތީގެ ވަށާފާރުގެ އިންފާރުގެ އެތެރެ ބަލަހައްޓަން ޖެހޭނީ އެހެން ބަޔަކު އައިސްތޯ ނުވަތަ އަމިއްލަ އަށް އެ ކެޕޭސިޓީ ބިލްޑް ކޮށްގެންތޯ އެއީ އޮތް ސުވާލަކީ،"--- ރައީސް މުއިއްޒު

ރައީސް ވިދާޅުވީ، އެއްވެސް ގައުމަކާ ދެކޮޅުވާން ނޫޅުއްވާ ކަމަށާއި ސިޔާސަތަކީ ހުރިހާ ގައުމަކާ ވެސް ގުޅިގެން މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އިހުތިރާމް ކުރާ ހުރިހާ ގައުމަކާ ވެސް އެކުވެރިކަމާ އެކު ކުރިއަށް ވަޑައިގަތުން ކަމަށެވެ.

"އިގްތިސޯދީ ގޮތުން ފައިދާ ވާނެ ކަންކަން ކޮށްދޭ، އަޅުގަނޑުމެންގެ ދާހިލީ ކަންކަމާ ނުބެހޭ، އަޅުގަނޑުމެންނަކީ ކިތަންމެ ކުޑަ ގައުމެއް ވިޔަސް އެންމެ ބޮޑު ގައުމާ އެއްވަރަށް ހަމަހަމަކަން ގާއިމްކޮށްދޭ، އަޅުގަނޑުމެންގެ އިމަކީ އަޅުގަނޑުމެންގެ އިންކަން އެ އިމުގެ އެތެރެއަށް އެހެން ބައެއްގެ ނުފޫޒު ނުފޯރުވޭނެ ކަން ގަބޫލުކުރާ ކޮންމެ ބަޔަކާއެކީ އަޅުގަނޑުމެން ތިބޭނީ އެކުވެރިކަމުގެ ރޫހުގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ވަކި ގައުމަކާ ދުޝްމަންކަން ބާއްވަން އެ މަނިކުފާނު ނޫޅުއްވަ އެވެ. އެކަމަކު އެ ކަން އެ ގޮތަށް ދައްކަން ވަކި ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.