Roadha Mihaaru
ކޮރަޕްޝަންގެ ދައުވާއާ އެކު މުބާރާތުގެ ޑީލް ރިވިއުކުރަނީ

ސިންގަޕޫރުގެ ކުރީގެ މިނިސްޓަރަށް ކޮރަޕްޝަންގެ ދައުވާ ކުރުމުން މުބާރާތުގެ ޑީލް ރިވިއު ކުރަނީ

06 ފެބުރުއަރީ 2024

ސިންގަޕޫރު (ފެބްރުއަރީ 6) - ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރަށް ކޮރަޕްޝަންގެ ދައުވާ އުފުލުމާ ގުޅިގެން، ފޯމިއުލާ ވަން "އެފްވަން" ގްރޯން ޕްރީ މުބާރާތް އެ ގައުމުގައި ބާއްވަން ނިންމާފައިވާ އެގްރީމަންޓް މުރާޖާ ކުރަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ސިންގަޕޫރު (ފެބްރުއަރީ 6) - ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރަށް ކޮރަޕްޝަންގެ ދައުވާ އުފުލުމާ ގުޅިގެން، ފޯމިއުލާ ވަން "އެފްވަން" ގްރޯން ޕްރީ މުބާރާތް އެ ގައުމުގައި ބާއްވަން ނިންމާފައިވާ އެގްރީމަންޓް މުރާޖާ ކުރަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްރަމަނިއަމް އިސްވަރާން ވަނީ 27 ދައުވާއެއް އޭނާގެ މައްޗަށް އުފުލުމާ ގުޅިގެން މިދިޔަ މަހު މަގާމުން އިސްތިއުފާ ދީފަ އެވެ. ގިނަ ދައުވާތަކަކީ ކޮރަޕްޝަންގެ ދައުވާތަކަށް ވެފައި ކަންކަން ތަހުގީގު ކުރެވެމުން ދާއިރު ވެސް، އިންޑިއާގެ ޓެމިލްނާޑޫ އަށް އުފަން އިސްވަރާން ވަނީ އެ ދައުވާތަކަށް އިންކާރު ކޮށްފަ އެވެ.

ކުރީގެ މިނިސްޓަރުގެ އިތުރުން މި ކޮރަޕްޝަން މައްސަލައިގައި މެލޭޝިއާގެ ބިލިއަނަރު ވިޔަފާރިވެރިޔާ އޮންގް ބެންގް ސެންގް ވެސް ހިމެނެ އެވެ. އޭނާ އަކީ ފޯމިއުލާ ވަން ނައިޓް ރޭސިން 2008 ވަނަ އަހަރު ސިންގަޕޫރަށް ތައާރަފް ކުރުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތެވެ. ކޮރަޕްޝަންގެ ތުހުމަތުތަކުގެ އަލީގައި އެފްވަން ރޭސިން އެގްރީމަންޓްގެ ޝަރުތުތައް މުރާޖާ ކުރަމުން ދާކަމަށް ސިންގަޕޫރުގެ މިނިސްޓަ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީ، ގްރޭސް ފޫ ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ހާމަ ކުރައްވައިފަ އެވެ.

"މިހާތަނަށް އެފްވަން ކޮންޓްރެކްޓުގައި އަދި އެނޫން ވެސް ކޮންޓްރެކްޓެއްގައި ސަރުކާރަށް ގެއްލުންވާ ގޮތަށް ސްޓްރަކްޗާ ކުރެވިފައި ހުރި އެއްވެސް ކަމެއް ފާހަގަ ކުރެވިފައެއް ނެތް،" މިނިސްޓަރު ފޫ ވިދާޅުވި އެވެ.

މިނިސްޓަރު ފޫ ވިދާޅުވި ގޮތުގައި 2022 ވަނަ އަހަރުގެ ރޭހުގެ ކަންކަން މުރާޖާ ކުރަން ހަވާލު ކުރެވިފައި ވާނީ ސިންގަޕޫރުގެ ޓޫރިޒަމް ބޯޑާ އެވެ. ޓޫރިޒަމް ބޯޑުން ވަނީ އޮންގް އާއެކު ސިންގަޕޫރު ޖީޕީ ނައިޓް ރޭސް ބާއްވަން 2007 ވަނަ އަހަރު ކޮންޓްރެކްޓުގައި ސޮއި ކޮށްފަ އެވެ. މި ކޮންޓްރެކްޓް ވަނީ 2012، 2017 އަދި 2022 ވަނަ އަހަރު އާކޮށްފަ އެވެ. އެންމެ ފަހުން އާކުރީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ.

"ހުރިހާ ސަރުކާރެއްގެ ކޮންޓްރެކްޓް އަހަރެމެން މުރާޖާ ކުރާނަން، އެހެނަސް ސިންގަޕޫރު އެފްވަން ގްރޯން ޕްރީ ކުރިއަށް ގެންދާނަން. މިއަހަރުގެ މުބާރާތުގެ ތައްޔާރީތައް މިހާރު ވެސް ވަނީ ފެށިފަ،" މިއަހަރުގެ މުބާރާތާ ގުޅޭގޮތުން ފޫ ވިދާޅުވި އެވެ.

ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްވަރާން އަށް ކުރެވުނު ތުހުމަތުތަކުގެ ތެރޭގައި އޮންގް އަތުން ރިޝްވަތުގެ ފައިސާ ލިބުނު ކަން ހިމެނެ އެވެ. މީގެ ތެރޭން ބައެއް ފައިސާތައް އޮންގްގެ ޕްރައިވެޓް މަތިންދާބޯޓުގެ ހަރަދުތަކާއި، އިސްވަރާން ލަފާ ދީފައިވާ ގޮތުގެ މަތިން ސިންގަޕޫރު ގްރޯންޕްރީގެ ޓިކެޓް ވިއްކާފައި ވާކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

ސިންގަޕޫރަކީ ފާއިތުވި 10 ވަރަކަށް އަހަރުތެރޭގައި ދުނިޔޭގެ ބޮޑު މާލީ މަރުކަޒަކަށް ވަނީ ވެފަ އެވެ. އަދި އެ ގައުމަކީ ދުނިޔޭގެ އެންމެ ކޮރަޕްޝަން މަދު ގައުމުގެ ގޮތުގައި މަޝްހޫރު ވެފައިވާ ގައުމެކެވެ.