Roadha Mihaaru
ސާޖިދާގެ ލިސްޓަކަށް ފްލެޓް ދޭން އުޅޭ ވާހަކަ ދޮގުކޮށްފި

ފަސްޓް ލޭޑީ ސާޖިދާގެ ލިސްޓަކަށް ފްލެޓް ދޭން އުޅޭ ވާހަކަ ރައީސް ދޮގުކުރައްވައިފި

06 ފެބުރުއަރީ 2024

އެއްވެސް ނުފޫޒެއް ފޯރުވައިގެން ރައްޔިތުންގެ ހައްގެއް އުނިވާ ގޮތަށް އަމަލު ކުރަން މި ސަރުކާރުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމުގެ ޔަގީން ކަން އަރުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އެއްވެސް ނުފޫޒެއް ފޯރުވައިގެން ރައްޔިތުންގެ ހައްގެއް އުނިވާ ގޮތަށް އަމަލު ކުރަން މި ސަރުކާރުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމުގެ ޔަގީން ކަން އަރުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިފާނު އެ ޔަގީންކަން ދެއްވީ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބޭނުންވާ ލިސްޓަކަށް ފްލެޓްތައް ބަހާލުމަށް އުޅޭ ކަމުގެ އަޑުތައް ފެތުރޭ ކަމާއި އޭގެ ހަގީގަތް އޮޅުން ފިލުވަން "ރައީސްގެ ޖަވާބު" ޕްލެޓްފޯމުގައި އާންމު މީހަކު ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެއީ ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދަން ބަޔަކު ކުރާ މަސައްކަތުގެ ތެރެއިން އުފެދިފައި އޮތް ސުވާލެއް ކަމަށެވެ. އެހެންވެ، ދެއްވަން ބޭނުންފުޅުވާ ޔަގީން ކަމަކީ، ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނު ވިޔަސް، އަނބިކަނބަލުން ސާޖިދާ ވިޔަސް، ރައްޓެއްސެއް ވިޔަސް، ސަރުކާރުގެ މަގާމުގައި ހުންނެވި ބޭފުޅެއް ވިޔަސް ނުފޫޒު ފޯރުވައިގެން މި ސަރުކާރުގައި ރައްޔިތުންގެ އެއްވެސް ހައްގަކަށް އަރައިނުގަނެވޭނެ ކަމެވެ.

"އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނަން. އެއީ ގެދޮވެރިކަމުގެ ފްލެޓެއް ވިޔަސް އަދި އެހެން ކަހަލަ ހައްގެއް ކަމަށް ވިޔަސް އެ ހައްގަކުން މަހުރޫމް ކުރަން އެއްވެސް ކަމެއް ނުކުރާނެ. އެފަދަ ކަމެއް ކުރުމަށް އަޅުގަނޑު ޖާގައެއް ވެސް ނުދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުގައި ހުރިހާ ކަމެއް ވެސް ކުރާނީ އިންސާފުވެރިކޮށް ހަމަހަމަކޮށް ދެފުށް ފެންނަ ގޮތަށް ކަމަށާއި އެ ކަންކަމަށް ނުފޫޒު ފޯރުވަން ޖާގަ ނުދިނުމާ އެކު، އެފަދަ ކަމެއް ކުރާ ނަމަ އެ މަނިކުފާނު ވަގުތުން އިސްވެ ފިޔަވަޅު އަޅާނެ ކަމަށެވެ.

"މިހާރު ނެރޭ ލިސްޓް ނޫނީ އެ ކަހަލަ ކަމަކާ ގުޅޭ ގޮތުން އެ ދައްކާ ވާހަކައަކީ އެއްގޮތަކަށް ވެސް ހަގީގަތެއް ހިމެނޭ ކަމެއް ނޫން. އެއީ ދޮގު ވާހަކަތަކެއް ފަތުރައިގެން ފިތުނަ އުފައްދަން ދައްކާ ވާހަކަތަކެއް،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 މީހުންގެ ލިސްޓް އާއްމުކުރުމާ އެކު، ގިނަ ބަޔަކު ވަނީ ޝަކުވާ ކޮށްފަ އެވެ. ދިރިއުޅުމުގެ ހާލަތު ނުބަލައި ޕޮއިންޓް ދީފައި ހުރި އިރު، ސައްހަ ނޫން މައުލޫމާތު ހުށަހެޅި ގިނަ ބަޔަކަށް ވެސް ފްލެޓް ދީފައިވާ ކަމުގެ ތުހުމަތު ކުރި އެވެ. އެ މައްސަލަ އޭސީސީން ބަލަން ފަށައި، މި ލިސްޓަށް ފްލެޓް ދިނުން ހުއްޓުވި އެވެ.

އޭސީސީގެ ތަހުގީގު ލަސްވެ، ފްލެޓްތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީ އަށް ގޮތެއް ނުނިމި ވަނިކޮށް އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފްލެޓްތައް ދޫކުރުން ކުރިއަށް ގެންދަން އަލުން ހުއްދަ ދީފަ އެވެ. އޭސީސީން ހައުސިން މިނިސްޓްރީ އަށް އެންގީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާންކުރި ފްލެޓް ދޫކުރުމުގައި ވަކި ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ކުރިއަށް ގެންދިއުމަށެވެ.