Roadha Mihaaru
ކުރިއަށް އޮތް ދެތިން މަސް އުނދަގޫ ވެދާނެ: ރައީސް

ކުރިއަށް އޮތް ދެ ތިން މަސް އުނދަގޫވެދާނެ، ރައީސް އެދިވަޑައިގަތީ ހަގީގަތް ގަބޫލުކުރަން

06 ފެބުރުއަރީ 2024

ކުރިއަށް އޮތް ދެ ތިން މަސް ވެގެންދާނީ އިގްތިސޯދީ ގޮތުން ވަރަށް އުނދަގޫ، ހައްސާސް ދުވަސްވަރަކަށް ކަން ފާހަގަކުރައްވައި، އެ ހަގީގަތް ރައްޔިތުން ގަބޫލުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އައިޝަތު ނުޒުހާ ތ. ގުރައިދޫން އައިޝަތު ނުޒުހާ

ކުރިއަށް އޮތް ދެ ތިން މަސް ވެގެންދާނީ އިގްތިސޯދީ ގޮތުން ވަރަށް އުނދަގޫ، ހައްސާސް ދުވަސްވަރަކަށް ކަން ފާހަގަކުރައްވައި، އެ ހަގީގަތް ރައްޔިތުން ގަބޫލުކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ތ. ގުރައިދޫގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ގައުމުގެ އިގްތިސޯދީ ހާލަތު އޮތީ މީގެ ކުރިން ދުވަހަކު ނުދާހާ ދަށަށް ގޮސްފައި ކަމަށާއި "ވާރުތަވީ މުޅިން ހަލާކު ކޮށްލައި ދަރަނިވެފައިވާ" އިގްތިސޯދެއް ކަމަށެވެ.

އެއާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާލަތު ވެސް އޮތީ އެހާ ދަށުގައި ކަމަށާއި ކުންފުނިތައް ވެސް ދަރަނިވެ، ސަލާމަތުން އޮތީ ދެ ތިން ކުންފުންޏެއް ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ހާލަތު މިހާ ބޮޑަށް ބޮއްސުން ލައިގެން ދިޔައީ މިސްމެނޭޖުމަންޓުގެ ސަބަބުން ކަމަށާއި އެ ކަންކަން ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށެވެ.

އެއީ ހަގީގަތް ނޫން ކަމަށް ގަބޫލުކޮށްގެން ކުރިއަށް ގޮސްގެން ލިބޭނެ މޮޅެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް މިއޮތް ދެ މަހެއްހާ ދުވަސް، ދެތިން މަސް ދުވަސް އެންމެ އުނދަގުލީ ކަން ދިމާކުރި ގޮތުން. އަޅުގަނޑުމެންގެ އާމްދަނީގެ ކަންކަން ވަރުގަދަ ކުރަން ޖެހިފައި އޮތް މި ދަނޑިވަޅުގައި އެންމެ ހައްސާސް ވަގުތު މިއީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިގްތިސޯދީ ހާލަތު ރަނގަޅުކުރުމަށް މި ސަރުކާރުން ނިންމާފައިވާ ކަންކަން ކުރަމުން އަންނަ ކަމަށާއި އެއާއެކު މި އަހަރު ދެ ވަނަ ކުއާޓަރު ނިމި، ޖުލައިގެ ފަހަށް "މާ ބޮޑަށް ފަސޭހަ ވެގެން" ދާނެ ކަމަށެވެ.

އެމަނިކުފާނުގެ އަމާޒަކީ ހަގީގީ މާނައިގައި ދެމެހެއްޓެނެވި ގޮތުގައި ތަރައްގީ ގެނައުމަށް ކަމަށާއި އޭރުން ރަނގަޅު ނަތީޖާ ނުކުންނާނެ ކަން ފާހަގަކޮށް ރައީސް އެދިވަޑައިގެންނެވީ އެ ހަގީގަތާ ކުރިމަތިލާށެވެ.

"އިންތިހާބެއް ބޯމަތީގައި އޮތީމާ،އެ ހަގީގަތްތައް އެއީ ނޫން ކަަމަށް ބަލާފައި ކުރީގައި އާންމުކޮށް ފެންނަ ބީދައިން ކަޑަ ޖަހައިފިއްޔާ އެ ނުވާނެ ނަތީޖާ ނުކުންނާނެ ކަމަކަށް. ހަގީގީ މާނައިގައި ތަރައްގީ ގެނެސްދޭން އަޅުގަނޑު ބޭނުން ވަނީ،" ރައީސް ވިދާޅުވި އެވެ.

އެހެންކަމުން ރަށްރަށުގައި ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތައް ވެސް އިގްތިސޯދީ ހާލަތު ރަނގަޅުވަންދެން ތަރުތީބުކޮށްލަން ޖެހޭ ކަމަށާއި އެންމެ އިސްކަން ދޭން ޖެހޭނީ އެންމެ މުހިންމު ކަންކަމަށް ކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ، އެ މަޝްރޫއުތައް ނިންމާނީ ރަށު ކައުންސިލް މެދުވެރިކޮށް ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.