Roadha Mihaaru
ނެޓްބޯޅަ ވައިޑީޕީ ޕްރޮގްރާމް މަހިބަދޫ އަށް

ނެޓްބޯޅަ ވައިޑީޕީ ޕްރޮގްރާމް މަހިބަދޫ އަށް

15 ފެބުރުއަރީ 2017

އދ. މަހިބަދޫގައި ނެޓްބޯޅަ އިތުރަށް ފުޅާކުރުމަށް މަހިބަދޫ ސްޕޯޓްސް ކްލަބާއި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގުޅިގެން ވައިޑީޕީ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އދ. މަހިބަދޫގައި ނެޓްބޯޅަ އިތުރަށް ފުޅާކުރުމަށް މަހިބަދޫ ސްޕޯޓްސް ކްލަބާއި ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ގުޅިގެން ވައިޑީޕީ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

މިއީ ކްލަބަކާ ގުޅިގެން ނެޓްބޯޅަ ފުޅާކުރުމަށް އަތޮޅު ތެރޭގައި ފަށާ ފުރަތަމަ ހަރަކާތެވެ. ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގައި މަޝްހޫރުކަން ހޯދާފައިވާ މަހިބަދޫ އިން ވަނީ ނެޓްބޯޅައިން ވެސް އެންމެ މަތީ ފަންތީގައި ހަރަކާތްތެރިވުމުގެ ޕްލޭނަކާ އެކު އެކެޑަމީ އެއް ފަށަން ވެސް ވަނީ ނިންމައިފަ އެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބްގެ ރައީސް އިސްމާއިލް ފާއިޒް ވިދާޅުވީ އެ ކްލަބުގެ އަމާޒަކީ ގައުމީ ފެންވަރުގެ ނެޓްބޯޅަ ކުޅުންތެރިން މަހިބަދޫ އިން އުފެއްދުން ކަމަށެވެ.

"އަމާޒަކީ އެކެޑަމީ އިން ފެންވަރު ރަނގަޅު ކުޅުންތެރިން އުފެދި ގައުމީ ފެންވަރުގައި އެ ކުޅުންތެރިންނަށް ކުޅެވޭނެ މަގެއް ތަނަވަސްކޮށްދިނުން. އެކެޑަމީ ފަށާނީ ވެސް 103 ކުދިންނާ އެކު،" ފާއިޒު ވިދާޅުވި އެވެ.

ނެޓްބޯލް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީން ވިދާޅުވީ ނެޓްބޯޅަ މުޅި ރާއްޖެ އަށް ފުޅާކުރުމަށް އެ އެސޯސިއޭޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އުއްމީދުކުރަނީ އިތުރު ރަށްތަކުން ވެސް ވައިޑީޕީ ހަރަކާތްްތައް ހިންގުމަށް އިސްނަގާނެ ކަމަށެވެ.

"މަހިބަދޫގައި އެކަޑަމީ އެއް ހުޅުވިގެން ދިއުމުން ނެޓްބޯޅަ އަށް ފައިދާ ކުރާނެ. އަޅުގަނޑުގެ އުއްމީދަކީ މުސްތަގުބަލުގައި އިތުރު ރަށްތަކުން ވެސް ނެޓްބޯޅަ ކުރިއަށް ގެންދަން ވައިޑީޕީ ހަރަކާތްތަކެއް ފެށުން،" ޝާޒްލީން ވިދާޅުވި އެވެ.

ރާޢްޖޭގެ ފުޓްބޯޅައާ ހާއްސަ ގުޅުމެއް އޮންނަ މަހިބަދޫ އަށް ނިސްބަތްވާ ގިނަ ކުޅުންތެރިންތަކެއް ވަނީ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެފަ އެވެ. މިހާރު ވެސް ގައުމީ ފުޓްބޯޅަ ޓީމުގައި މަހިބަދޫ އަށް ނިސްބަތްވާ ގިނަ ކުޅުންތެރިން އެބަތިއްބެވެ. އަދި ފުރަތަމަ ޑިވިޝަނުގެ އެކި ކްލަބްތަކުގައި ވެސް މަހިބަދޫ އަށް ނިސްބަތްވާ ކުޅުންތެރިން ގިނަ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގު (ޓޮމް) އާއި ގޯލްކީޕަރު އިމްރާން މުހައްމަދު އުފެއްދި މި ކްލަބުން ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވެސް ދެ އަހަރު ވާދަކޮށްފަ އެވެ.

މަހިބަދޫ އަށް ނިސްބަތްވާ ކުޅުންތެރިންނަށް ޓޮމް އާއި އިމްރާންގެ އެހީތެރިކަން އަބަދު ވެސް ފޯރުކޮށްދެ އެވެ. ފުޓްބޯޅައިން ކުޅުންތެރިންނަށް އެހީތެރިވުމަށް ފަހު ޓޮމްގެ އިސްނެންގެވުމާ އެކު އުފެއްދި ކްލަބުން މިހާރު މަހިބަދޫގައި ފުޓްބޯޅަ އެކެޑެމީއެއް ހިންގާތާ މިވީ ދެ އަހަރެވެ.

ނެޓްބޯޅައިން ވެސް ކުރިއަށްދާން މަހިބަދޫ މަސައްކަތް ފަށާފައިވާއިރު، މަހިބަދޫ ސްޕޯޓްސް ކްލަބަކީ މިދިޔަ އަހަރުގެ ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމެވެ.