Roadha Mihaaru
ޖައުޝަން މަގާމުގައި ބެހެއްޓުމުން ޓޮމްގެ ނުރުހުން

ބައްސާމުގެ ޖެނެރަލް ސެކްރެޓަރީ ޖައުޝަން މަގާމުގައި ބެހެއްޓުމުން ޓޮމްގެ ނުރުހުން

11 ސެޕްޓެމްބަރ 2024

އެފްއޭއެމްގެ މައްސަލަތައް ހައްލުކުރުމަށް ފީފާ އިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީން، އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި، ކުރިން ވެސް އެ މަގާމު ފުރުއްވި މުހައްމަދު ޖައުޝަން ޝަރީފް (ޖައު) ބަހައްޓަން ނިންމެވުމުން އަހުމަދު ތޯރިގް (ޓޮމް) ފާޑުވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ މައްސަލަތައް ހައްލުކުރުމަށް ފީފާ އިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީން، އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި، ކުރިން ވެސް އެ މަގާމު ފުރުއްވި މުހައްމަދު ޖައުޝަން ޝަރީފް (ޖައު) ބަހައްޓަން ނިންމެވުމުން އަހުމަދު ތޯރިގް (ޓޮމް) ފާޑުވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސްކަން ކުރައްވާފައިވާ، ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޓޮމް އަކީ، ނޯމަލައިޒޭޝަން ކޮމިޓިން ކަންކަން ހަމަޔަކަށް އެޅުވުމަށް ފަހު ބާއްވާނެ އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ ކެންޑިޑޭޓެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ ޓޮމް ވަނީ އެފްއޭއެމްގެ އެންމެ ފަހުގެ އިންތިހާބުގައި ވެސް ވާދަކުރައްވައިފަ އެވެ. ނަމަވެސް ޓޮމް އަށް ގަވާއިދު ބުނާ އަދަދަށް ކްލަބްތަކުގެ ތާއީދު ނުލިބުނު ކަމަށް ބުނެ އޭނާގެ ކެންޑިޑެސީ ބާތިލްކުރީ އެވެ.

ބެލެވިފައި އޮތީ އެ ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށްޓަކައި ހަވާލުވި ނޯމަލައިޒޭޝަން ކޮމިޓީން ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ގެންނާނީ އެފްއޭއެމްގެ ކުރީގެ ހިންގުމާ އެއްވެސް ގުޅުމެއް ނެތް މީހެއް ކަމަށެވެ. އާއްމުންނާއި ފުޓްބޯޅަ ކޮމިއުނިޓީގެ އިތުބާރު ހޯދުމަށްޓަކައި ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ އަށް ވެސް އައްޔަންކޮށްފައި ތިބީ މުޅިން ވެސް އެފްއޭއެމްއާ ސީދާ ގުޅުން ނެތް މީހުންނެވެ.

އިއްޔެ ޖައުޝަން ވިދާޅުވީ ފީފާ އިންނާއި ކޮމިޓީގެ މެމްބަރުންނާއި، ޗެއާމަން އަހުމަދު ޒުހޫރު ވެސް، ކޮމިޓީއާ އެކު މަސައްކަތްކޮށްދޭން އެދިފައިވާ ކަމަށާއި އެހެންވެ އެ ދައުވަތު ގަބޫލުކޮށްފައިވާ ކަމަށެވެ.

"އެ އެންމެންގެ އެދުމުގެ މަތިން އަދި ފުޓްބޯޅަ އަށް މަސައްކަތްތަކެއް ކޮށްދިނުމުގެ ހެޔޮ ނިޔަތުގައި މި ވަގުތު އަދި އެފްއޭގައި އެބަހުރިން،" ޖައުޝަން ވިދާޅުވި އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ޓޮމް. --ފޮޓޯ: ރައްުޔިތުންގެ މަޖިލިސް

އެފްއޭއެމްގެ ކުރީގެ ރައީސް ޓޮމް. --ފޮޓޯ: ރައްުޔިތުންގެ މަޖިލިސް

އެކަމާ ގުޅިގެން ޓޮމް ތުހުމަތުކުރެއްވި ގޮތުގައި އެފްއޭއެމް އިން އެންމެ ފަހުން އިއުލާންކުރި ދެ އިންތިހާބު ވެސް އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ހުރިހާކަމެއް ކުރިއަށް ގެންދިޔައީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ޖައުޝަން ހުރެގެން ކަމަށެވެ.

"ކޯރަމް ހަމަނުވާ ޖަލްސާތަކުން ފެށިގެން ހެދި ހުރިހާ ހަޑިއެއްގައި (ޖައުޝަން) ވަނީ ބައިވެރިވެވިފައި. ބައްސާމުގެ ޖެނެރަލް ސެކްރެޓަރީ (މަގާމުގައި) ބަހައްޓައިގެން އެފްއޭއެމަށް ކުރެވޭނެ ނޯމަލައިޒިންއެއް އެއް ނުފެނޭ،" ޓޮމް ފޭސްބުކުގައި ލިޔުއްވި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު މިކަން ސިފަކުރީ، ބައްސާމް އެފްއޭއެމްގެ ރައީސްކަމުގައި ބެހެއްޓުން ފަދަ ކަމެއްގެ ގޮތުގަ އެވެ.

ޖައުޝަން އަކީ، ބައްސާމުގެ ދައުރުގައި ބައެއް ކަންކަމުގައި އެ އެސޯސިއޭޝަނަށް ގާނޫނީ ލަފާ ވެސް ދީފައިވާ ފަރާތެކެވެ. އަދި ފަހުން އެފްއޭއެމްގެ މައްސަލަ އެންމެ ގޯސްވި ވަގުތު، އިދާރީ ހިންގުމުގެ އެންމެ އިސް މީހަކަށް ހުރީ ވެސް އޭނާ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީ އަށް ފީފާ އިން ދީފައިވާ އެންމެ ބޮޑު އެއް މެންޑޭޓަކީ އެތަނުން ގެއްލިފައިވާ ފައިސާގެ ކަންކަން ބެލުމާއި، އިދާރީ ގޮތުން އެ އެސޯސިއޭޝަން ހަމަމަގަށް އެޅުވުމުގެ އިތުރުން އިންތިހާބަކާ ހަމަޔަށް ގެންދިއުމެވެ.