Roadha Mihaaru
ދުޅަހެޔޮ ދިރިއުޅުމަކަށް ދޮރު ހުޅުވާލި ޖިމަށް އަހަރެއް

ދުޅަހެޔޮ ދިރިއުޅުމަކަށް ދޮރު ހުޅުވާލި "ދަ ވެލްނަސް ކްލަބް" އަށް އަހަރެއް

07 ފެބުރުއަރީ 2024

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޮސްޕިޓަލެއްގައި ޖިމެއް ހުޅުވުން ވެގެން ދިޔައީ, އެކި ތަދުތަކާއި އިންޖަރީތައް އަދި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ވަށައިޖެހޭ ސިއްހީ ފަރުވާ ފުރިހަމައަށް ދިނުމަށް ހުޅުވުނު ދޮރަކަށެވެ. މި ޖިމް ހުޅުވިތާ އަހަރެއްވީ އިރު ގިނަ ބައެއްގެ ސިއްހީ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ދައުރެއް އަދާކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޮސްޕިޓަލެއްގައި ޖިމެއް ހުޅުވުން ވެގެން ދިޔައީ, އެކި ތަދުތަކާއި އިންޖަރީތައް އަދި ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ވަށައިޖެހޭ ސިއްހީ ފަރުވާ ފުރިހަމައަށް ދިނުމަށް ހުޅުވުނު ދޮރަކަށެވެ. މި ޖިމް ހުޅުވިތާ އަހަރެއްވީ އިރު ގިނަ ބައެއްގެ ސިއްހީ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ދައުރެއް އަދާކޮށްފި އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ހުންނަ ދަ ވެލްނަސް ކްލަބް ޖިމަކީ "ހީޓް" ހެލްތު އެންޑް ފިޓްނަސްއާ އެކު ގާއިމުކުރި މެނޭޖުމަންޓް ޕާޓްނާޝިޕްގެ ދަށުން ހުޅުވާ ހިންގަމުން އަންނަ ޖިމެކެވެ. އެ ޖިމަށް މި މަހު އެއް އަހަރު ފުރުން ފާހަގަކުރަމުން އަންނަނީ, މި ދާއިރާއަށް ކުރިއެރުވުން ގެނުވައި، ގިނަ ބަޔަކު ބޭނުންވި ހިދުމަތްތަކެއް ފޯރުކޮށްދެވޭ ކަމުގެ ހިތްހަމަޖެހުމާއި ކާމިޔާބީއާ އެކު އެވެ.

ޖިމްގެ އެތެރެ.

ޖިމްގެ އެތެރެ.

ފާއިތުވި އަހަރުގައި މި ޖިމުގައި ރިހިބެލިޓޭޝަނަށް، ހާއްސަކޮށް ރާއްޖެއިން ބޭރުގެ އެޑިއުކޭޓަރުންގެ އެހީގައި ތަމްރީނުތައް ފުރިހަމަކޮށްގެން ތިބި، އިންސްޓްރަކްޓަރުންގެ އެހީގައި ވަނީ އެތައް ބަޔަކު ތަހައްމަލުކުރަމުން ދިޔަ ތަދުތަކަށް ވަނީ ލުއި ހޯދައިދީފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކުޅިވަރުގެ އެކި ދާއިރާތަކުގައި އިންޖަރީވެ ކެރިއަރު މަޑުޖެހިފައި ތިބި އެތުލީޓުންނަށް ބޭނުންވާ ފުރިހަމަ ފަރުވާ މި ޖިމާ އެކު ވަނީ ދޭން ފަށައިފަ އެވެ. އެ ޖިމްގެ އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރަނީ, ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ އެތުލީޓުންނަށް އަނެއްކާ ވެސް އެނބުރި ފީލްޑަށް ނުކުމެވޭ ފެންވަރަށް އޭޑީކޭ ހޮސްޕިޓަލާއި އެ ޖިމާ ގުޅިގެން ދިން ފަރުވާ އާއި ސްޕޯޓްސް ރިހިބެލިޓޭޝަން އަދި ޕާފޯމަންސް އެންހޭންސިން ޓްރެއިނިންތަކެވެ.

ދަ ވެލްނަސް ކްލަބްގެ މެނޭޖިން ޑިރެކްޓަރު ޝިފާނާ ވަޖީހް ވިދާޅުވި ގޮތުގައި އޭޑީކޭ އާއި އެ ޖިމުން، އިންޖަރީތަކުން އަރައިގަތުމަށް ދެމުން އަންނަ ފަރުވާގެ ސަބަބުން ގިނަ ކުޅިވަރު އެސޯސިއޭޝަންތަކެއްގެ އިތުބާރު ފާއިތުވި އަހަރު ވަނީ ލިބިފަ އެވެ.

"އެކި ސްޕޯޓްސްތަކުން އިންޖަރީވެގެން އަންނަ އެތުލީޓުންނަށް ބޭނުންވާ ރިހިބެލިޓޭޝަން އަޅުގަނޑުމެން އެބަ ދެން. އަޅުގަނޑުމެންގެ އެހީގައި ކެރިއާ މަޑުޖެހިފައި ހުރި އެތުލީޓުންގެ ކެރިއާ އަލުން ފެށުމަށް ބޭނުންވާ މިންވަރަށް އެނބުރި ރުޖޫއަކުރެވުމަކީ މި ދިޔަ އަހަރުގެ އެންމެ ބޮޑު އެއް ކާމިޔާބީ،" ޝިފާނާ ވިދާޅުވި އެވެ.

ޝިފާނާ ވަނީ ކުޅިވަރުގެ ދާއިރާއިން ސްޓްރެންތާއި ސްޓެމިނާ އިތުރުކުރުމަށް އެ ޖިމުގައި ހިންގަމުން އަންނަ ޕްރޮގުރާމުތަކަށް ބޮޑު ތަރުހީބެއް ލިބޭކަން ވެސް ފާހަގަކުރައްވައިފަ އެވެ.

"ހުނަރު ހުރެ, ހުންނަންޖެހޭ ފިޒިކަލް ފިޓްނަސް ނެތް ފަރާތްތަކަށް އެ ބޭނުންވާ ޓްރެއިނިންތައް ވެސް އަޅުގަނޑުމެން ދެން. އަދި މި ޕްރޮގުރާމަކީ ރިހިބެލިޓޭޝަނަށް ފަހު ވެސް ގިނަ އެތުލީޓުން, ޕާފޯމަންސް އެންހޭންސްކުރުމަށް ވެސް ބައިވެރިވާ ޕްރޮގްރާމެއް،" އޭނާ ވިދާޅުވި އެވެ.

ޝިފާނާ ވިދާޅުވި ގޮތުގައި ކުޅިވަރު އިންޖަރީގެ އިތުރުން, އެކްސިޑެންޓުތަކާއި އެކި ބަލިތަކުން ތަދުތައް ތަހައްމަލުކޮށް ފިޒިއޮތެރަޕީ ނަގާ ފަރާތްތަކަށް ބޭނުންވާ ރިހިބެލިޓޭޝަން ވެސް އެ ތަނުން ދޭ ކަމަށެވެ. އަދި ފާއިތުވި އަހަރު, އެ ފަދަ ގިނަ ބަޔަކަށް އާއްމު ހާލަތަށް ރުޖޫއަވެ, އެއްވެސް އުނދަގުލަކާ ނުލާ ހަރަކާތްތެރި ދިރިއުޅުމެއް އުޅެވޭ މިންވަރަށް ފިޓްނަސް ސަޕޯޓު ދީފައިވާކަން ފާހަގަކުރެއްވި އެވެ.

ދަ ވެލްނަސް ކްލަބަކީ ހަމައެކަނި ރިހިބެލިޓޭޝަނަށް ހާއްސަ ޖިމެއް ނޫނެވެ. މި ޖިމުގައި ދުޅަހެޔޮކޮށް ހުރުމުގެ ގޮތުން ކަސްރަތުކުރުމަށް ދާ ފަރާތްތަކާއި, ހިކެން އަދި ހަށިގަނޑުގެ ބައްޓަން ރީތިކޮށް ވަކި ގޮތަކަށް ބެލެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ޓްރެއިނިން ދޭނެ ޓްރެއިނަރުން ތިބެ އެވެ. މި ތަނަކީ އަންހެނުންނަށް އަދި ފިރިހެނުންނަށް ވެސް, ސްޓްރެންތު ޓްރެއިނިންގެ އިތުރުން, އެކި އޭރިއާތަކަށް ފޯކަސްކޮށް ޓްރެއިނިން ދިނުމުގެ ގާބިލުކަން ހުރި ސެޓިފައިޑް ޓްރެއިނަރުން ހިމެނޭ ޖިމެކެވެ. މި ތަނުގައި ޕާސަނަލް ޓްރެއިނަރުންގެ އެހީގައި ޓްރެއިންކުރަމުން ދާނީ އެ ކްލައިންޓެއް ބޭނުންވާ ގޯލަށް ވާސިލްވުމަށް ހާއްސަ މީލް ޕްލޭނަކާއި ޓްރެއިނިން ޕްލޭނަކާ އެކު އެވެ.

މި ޖިމަކީ ކުޑަކުދިންނަށް ހާއްސަކޮށް ޕްރޮގްރާމުތަކެއް ވެސް ހިންގަމުން އަންނަ ޖިމެކެވެ. ޖިމްގެ ޕްރޮގުރާމުތަކަކީ ކުޑަކުދިންގެ އުމުރާގުޅޭ ގޮތަށް އެ ކުދިންގެ ދުޅަހެޔޮކަމަށް އަމާޒުކޮށް ކުރިއަށް ގެންދާ ޕްރޮގުރާމުތަކެކެވެ.

ޖާގަ ތަނަވަސް, ވޯކްއައުޓް ކުރުމަށް ހާއްސަ ޖިމް އޭރިއާއެއްގެ އިތުރުން މި ތަނުގައި ގްރޫޕް ކްލާސްތަކަށް ހާއްސަ ބޮޑު ސްޓޫޑިއޯއެއް ހިމެނެ އެވެ. މި ސްޓޫޑިއޯއަކީ ފިޓްނަސްގެ ދާއިރާއިން ދުނިޔޭން ފާހަގަކޮށްލެވޭ "ލެސްމިލް"ގެ އެކި ކްލާސްތައް ނަގާ ދީ, ފޯރިގަދަ ޒުމްބާ ކްލާސްތަކެއް ނަގާދެމުންދާ ޖިމެކެވެ. މެދުކެނޑުމެއް ނެތި "ހީޓް"ގެ ދުވަސްވަރުން ފެށިގެން 21 އަހަރު ވަންދެން މި ކްލާސްތައް ކުރިއަށް ގެންދެވުމަކީ ވެސް އެ ޖިމްގެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެ އެވެ.

ދަ ވެލްނަސް ކްލަބްގެ ޕޯސްޓެއް.

ކުރިއަށް އޮތް އަހަރު ވެސް ދުޅަހެޔޮ ދިރިއުޅުމަކަށް ފަހިކުރުވާނެ އާ ދޮރުތަކެއް ހުޅުވުމުގައި ދަ ވެލްނަސް ކްލަބްގެ ޓީމު އޮތީ ތައްޔާރަށެވެ. ޝިފާނާ ވިދާޅުވި ގޮތުގައި ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށް ވަރަށް އަވަހަށް ޕްރޮގްރާމުތަކެއް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހަކުރުބައްޔާއި ކޮލެސްޓްރޯލް މަތިވުންފަދަ, ނޮން-ކޮމިއުނިކޭބަލް ބަލިތަކަށް ހާއްސަކޮށް ޕްރޮގުރާމުތަކެއް ހިންގާ, އެ ފަދަ އާއްމު ބަލިތަކާއި މެދު ހޭލުންތެރިކުރުވާ, ސިއްހީ ދުޅަހެޔޮކަން ޕްރޮމޯޓުކުރުމުގެ މުހިންމު މަސައްކަތްތަކެއް ވެސް ވަނީ ރާވައިފަ އެވެ.

ދަ ވެލްނަސް ކްލަބުން ފާއިތުވި އަހަރު ވަނީ ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް ހުރިހާ އުމުރެއްގެ މީހުންނަށް ބޭނުންވާ ހެލްތާއި ސަޕޯޓު ފޯރުކޮށްދިނުމުގައި ތަފާތު ދައްކައިފަ އެވެ.