Roadha Mihaaru
ރައީސްގެ އަމާޒަކީ ބުރުންޏަށް އިގުތިސާދީފަހިކަން ގެނައުން

ރައީސްގެ އަމާޒަކީ ބުރުނީގައި ޓޫރިޒަމް ފުޅާކޮށް، އިގުތިސާދީ ފަހި ފުރުސަތުތަކެއް ހޯދައިދިނުން!

07 ފެބުރުއަރީ 2024

ތ. ބުރުނީގައި ލޯކަލް ޓޫރިޒަމަށް އިތުރަށް ދޮރު ހުޅުވައި، އިގުތިސާދީ ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ތަސައްވުރު ގެންގުޅުއްވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

އައިޝަތު ނުޒުހާ ތ. ބުރުނިން އައިޝަތު ނުޒުހާ

ތ. ބުރުނީގައި ލޯކަލް ޓޫރިޒަމަށް އިތުރަށް ދޮރު ހުޅުވައި، އިގުތިސާދީ ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ތަސައްވުރު ގެންގުޅުއްވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މިއަދު ބުރުންޏަށް ވަޑައިގެން ރައީސް ވިދާޅުވީ، މި ރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި މިހާރު ވެސް ރައްޔިތުން އިސްވެ ކުރަމުން އަންނަ ކަމަށާއި އެކަން އިތުރަށް ފުޅާވާ ތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ބުރުނީގައި ލޯކަލް ޓޫރިޒަމްގެ ހިދުމަތް އިތުރަށް ފުޅާކުރަން ސަރުކާރުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށާއި އެކަމަށް ހުރި ބައެއް ހުރަސްތައް ކަމަށްވާ ގޮނޑުދޮށް ގިރުމާއި ބަނދަރުގެ މައްސަލަ އަށް ވެސް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަަމަށެވެ.

އޭގެ އިތުރުން ރަށަށް އިގްތިސާދީ ކުރިއެރުން ގެނައުމަށް، ފަޅު ރަށްރަށް ކައުންސިލަށް ނަގައިގެން އިގްތިސާދީ ފައިދާ ނެގޭ ގޮތަށް ސަރުކާރުން މިހާރު ގެޒެޓު ކޮށްފައިވާ އުސޫލުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބުރުންޏަށް ޒިޔާރަތް ކޮށްގެން އުޅޭ ބައެއް ފަތުރުވެރިންނާއެކު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ބުރުންޏަށް ޒިޔާރަތް ކޮށްގެން އުޅޭ ބައެއް ފަތުރުވެރިންނާއެކު ފޮޓޯއަކަށް ހުއްޓިގެން -- ފޮޓޯ: ރައީސް އޮފީސް

ބުރުނީ ކައިރީގައި ފަޅު ރަށެއް އޮތްއިރު، ރަށުގެ މީހުން އެދޭ ގޮތަށް ކައުންސިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅައިގެން އެ ރަށުން ޓޫރިޒަމް ނުވަތަ އިގްތިސާދީ ފައިދާ ލިބޭނެ ކަންކަން ކުރުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސް މުއިއްޒު ބުރުންޏަށް މިއަދު ވަޑައިގެން ބައެއް މީހުންނާ ސަލާމް ކުރައްވަނީ.

ރައީސް މުއިއްޒު ބުރުންޏަށް މިއަދު ވަޑައިގެން ބައެއް މީހުންނާ ސަލާމް ކުރައްވަނީ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ބުރުންޏަށް ވަރަށް ބޮޑު އިގްތިސޯދީ ކުރިއެރުމެއް ރައްޔިތުންނަށް ބޭނުންވާ ލިބޭ ފެންވަރުގެ ފުރުސަތުތައް އޮތް އޭގެ ތެރެއިން ހޯދައިދޭނެ ވާހަކަ ދަންނަވަން. ކައުންސިލް އަތްމަތީގައި އެކަން އޮތީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މި ރަށުގައި މިދިޔަ ސަރުކާރުން ފަށާފައި އަދި މިހާރު ހުއްޓިފައި މުހިންމު ގިނަ މަޝްރޫއުތަކެއް ހުރިކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވަނީ ތަރުތީބު ކުރެވިގެން އެ މަޝްރޫއުތަކާއި އަދި އާ މަޝްރޫއުތައް ވެސް ފަށާނެ ކަމަށެވެ.