Roadha Mihaaru
ތ.އަތޮޅު ތަރައްގީގެ ކުރީ ސަފަށް ގެނެސްދޭނަން: ރައީސް

ތ. އަތޮޅަކީ ތަރައްގީގެ އެންމެ ކުރީ ސަފުގައި ގުނާލެވޭ އަތޮޅަކަށް ހަދައިދޭނަން: ރައީސް

07 ފެބުރުއަރީ 2024

ބާކީވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ތ. އަތޮޅަކީ ތަރައްގީގެ އެންމެ ކުރީ ސަފުގައި ފުރުސަތުތައް ލިބޭ އަތޮޅަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ބާކީވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ތ. އަތޮޅަކީ ތަރައްގީގެ އެންމެ ކުރީ ސަފުގައި ފުރުސަތުތައް ލިބޭ އަތޮޅަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި މިއަދު މެންދުރު މި އަތޮޅު ކަނޑޫދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ މި ދިގު މާޒީގައި މި އަތޮޅު މިހާ ބޮޑަށް ތަރައްގީގެ ރާޑަރުން ކައްސާލައި، ބާކީ ވެފައި ނުވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެކަން ނިމުމަކަށް ގެނެސް، މި އަތޮޅުގެ ރަށްތަކަކީ ތަރައްގީގެ ސަފުގައި ގުނާލެވޭ ރަށްތަކަކަށް މި ސަރުކާރުން ހަދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަތޮޅަކީ ތަރައްގީގެ އެންމެ ކުރީ ސަފުގައި ފުރުސަތުތައް ލިބޭ، ތަރައްގީ ވެފައި ހުރި ވެފައިހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް ހަދައިދޭނަމޭ،" ރައީސް ވިދާޅުވި އެވެ.

ކަނޑޫދޫއިން ރައީސަށް މަރުހަބާ ދެންނެވުން؛ -- ފޮޓޯ: ރައީސް އޮފީސް

ކަނޑޫދޫއިން ރައީސަށް މަރުހަބާ ދެންނެވުން؛ -- ފޮޓޯ: ރައީސް އޮފީސް

އިގްތިސާދީ ގޮތުން ގޮންޖެހުންތައް ހުރިކަމަށާއި އުނދަގޫ ފިޔަވަޅުތަކެއް އަޅަން ޖެހިފައި ވިޔަސް ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރަމުން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ބަހާލައިގެން ޕީއައިސްޕީ މަޝްރޫއުތައް ހިންގައި އާމްދަނީއިން ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން ހުރިހާ ކަމެއް ވެސް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކަނޑޫދޫގެ ތަރައްގީއަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، މި ރަށުގެ ސިއްހީ މަރުކަޒު ބަޔަކާ ހަވާލުކޮށްފައި އޮތްނަމަވެސް އެއްގޮތަކަށް ވެސް މަސައްކަތް ނުހިނގާ އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ކައުންސިލުން ބުނާއިރު އެކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"ޖުމްލަކޮށް ސިއްހީ ނިޒާމު ވަރުގަދަކުރުމަށް މި ރަށުގައި ގެންދަން ޖެހޭ ހެލްތް ސެންޓަރު މަޝްރޫއަށް ހާއްސަ އިސްކަމެއް ދީގެން އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ދަތުރަށްފަހު ގޮސް ކަމާ ގުޅޭ ހުރިހާ މަސައްކަތްތައް އަވަސް ކުރުވައި އެ މަސައްކަތް ރަނގަޅަށް ނިންމައިދޭނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ލެބޯރޭޓަރީއެއް ގާއިމްކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް މި ރަށުގައި ވެސް އެ ހިދުމަތް ގާއިމްކޮށް މީހުން ތަމްރީނު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކަނޑޫދޫއިން ރައީސަށް މަރުހަބާ ދެންނެވުން؛ ރައީސަށް އަރުވާފައިވަނީ ކަނޑޫދޫ މިރުހުން ތައްޔާރުކޮށްފައިވާ މާބޮނޑިއެއް-- ފޮޓޯ: ރައީސް އޮފީސް

ކަނޑޫދޫއިން ރައީސަށް މަރުހަބާ ދެންނެވުން؛ ރައީސަށް އަރުވާފައިވަނީ ކަނޑޫދޫ މިރުހުން ތައްޔާރުކޮށްފައިވާ މާބޮނޑިއެއް-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ، މި ރަށުގައި ނަރުދަމާ އާއި ބަނދަރުގެ މަޝްރޫއު ހުއްޓިފައި އޮތީ ބަލައިނުލައި ކުންފުނިތަކުން ހަރަދުތައް ކޮށް، އެތައް 100 މިލިއަނަކުން ދަރަނިވެފައި އޮތުމުން ކަމަށެވެ.

"އިންތިހާބެއް އައީމާ އިންތިހާބަށްޓަކައި ދަޅައެއް ދައްކާލުމަށް ކަޑަޖަހާ އުސޫލުް މިފަދަ ކިތަންމެ ކަމެއް ކޮށްފައި އެބަހުރި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެ މަޝްރޫއުތައް ހަގީގަތަކަށް ހަދައިދޭން އައިސް މި ތިބީ،" ރައީސް ވިދާޅުވި އެވެ.

ކަނޑޫދޫއަކީ ދަނޑުވެރިއެއް ރަށެއް ކަން ފާހަގަކުރައްވައި މި ރަށު ރައްޔިތުން އެދޭ ގޮތަށް ދަނޑުވެރިކަން ކުރުމަށް ރަށް ކައިރި ފަޅު ރަށް ހޯދައިގެން ކުރިއަށް ދިއުމުގެ ފުރުސަތު މިހާރު ފަހިކޮށްދެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ހުރިހާ ކަމަކުން ކަނޑޫދޫ ރައްޔިތުންގެ މާޔޫސްކަން ހައްލުކޮށްދެއްވާނެ ކަަމަށެވެ.