Roadha Mihaaru

ކަނޑޫދޫ ކިޔަސް މާރުކޭޓުގައި އޮތީ ލާމު މިރުސް

ލޯކަލް މާރުކޭޓުގައި މިވަގުތު އެންމެ ގިނަ އަދަދަކަށް އޮތީ ލ. އަތޮޅުގެ މިރުސް ކަމަށް ވިޔަފާރިވެރިން ބުނެފި އެވެެ.

ކަނޑޫދޫ ކިޔަސް މާރުކޭޓުގައި އޮތީ ލާމު މިރުސް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

06 މާޗް 2025

ލޯކަލް މާރުކޭޓުގައި މިވަގުތު އެންމެ ގިނަ އަދަދަކަށް އޮތީ ލ. އަތޮޅުގެ މިރުސް ކަމަށް ވިޔަފާރިވެރިން ބުނެފި އެވެެ.

ލޯކަލް މާރުކޭޓުގެ ވިޔަފާރިވެރިއަކު ބުނީ، ތ.ކަނޑޫދޫގެ މިރުހުގެ ގޮތުގައި މަޝްހޫރުވީ ނަމަވެސް، އެ ތަނަށް ގިނައިން މިހާރު ގެންނަނީ ލ. އަތޮޅުގައި ހައްދާ "ކަނޑޫދޫ" މުޑުވަކުގެ މިރުސް ކަމަށެވެ.

އޭނާ ބުނީ، އެވްރެޖުކޮށް ކަނޑޫދު އިން ކޮންމެ ދުވަހަކު ގެންނަނީ 200 ކިލޯ ކަމަށެވެ. އެކަމަކު ލ. އަތޮޅުން އެކަނި 700 ކިލޯގެ މިރުސް ކޮންމެ ދުވަހަކު ވެސް މާރުކޭޓަށް ވައްދަ އެވެ.

"މިތަނުގައި ގިނައީ ލ އަތޮޅުގައި ހައްދާ މިރުސް. ކަނޑޫދޫ މިރުހޭ ކިޔައިގެން އެންމެން ވެސް ވިއްކަނީ ލާމު މިރުސް. ކަނޑޫދޫ މިރުހަކީ ބްރޭންޑްކޮށްފައި އޮންނަ ނަން މިހާރު،" އޭނާ ބުންޏެވެ.

އެހެން ވިޔަފާރިވެރިއަކު ބުނި ގޮތުގައި ކަނޑޫދޫގައި ހައްދާ، އެ ބާވަތުގެ މިރުސް ލިބެން ހުރި ނަމަވެސް، މިރުހުގެ އަގު މިހާރު ކޮންޓްރޯލް ކުރަނީ ލ އަތޮޅުގެ ދަނޑުވެރިންނެވެ. ސަބަބަކީ އެ ރަށުގައި ހައްދާވަރު މާ ބޮޑަށް އިތުރުވީމަ އެވެ.

މާރުކޭޓުގައި ގޮޅިއެއްގައި ވިއްކާ މިރުސްތަކެއް -- ފޮޓޯ: ނިޝާން އަލީ / މިހާރު

މާރުކޭޓުގައި ގޮޅިއެއްގައި ވިއްކާ މިރުސްތަކެއް -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބާޒާރުގައި މިރުސް ކިލޯއެއް 250ރ. އަށް ވިއްކާއިރު 100 ގްރާމު މިރުސް ލިބެން ހުރީ 25-30ރ. އާ ދެމެދުގެ އަގެއްގަ އެވެ. މީގެ ކުރީ ރޯދަ މަސްތަކުގައި މިރުސް ކިލޯއެއްގެ އަގު 500-1،000ރ. އާ ދެމެދުގެ އަގުތަކަށް ވެސް މައްޗަށް އަރައިގެން ދިޔަ އެވެ. އެކަމަކު މި ރޯދަ މަސް ފެށުނީއްސުރެ މިއަދާ ހަމައަށް މިރުހުގެ އަގު ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.

"ކަނޑޫދޫ" މިރުސް ލާމު އަތޮޅުގައި ވެސް ހައްދާ އިރު ތ. ކަނޑޫދޫން މިދިޔަ ހަފްތާ ތެރޭ މާލެއަށް ތިން ޓަނުގެ މިރުސް ފޮނުވާފައި ކަމަށް އެރަށު ކައުންސިލުން ބުންޏެވެ. އަދި ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ވެސް އެ އަދަދަށް މިރުސް މާލެއަށް ފޮނުވާނެ ކަމަށް ބެލެވޭ ކަމަށް ކައުންސިލުން ބުންޏެވެ.

ލޯކަލް މާރުކޭޓުގައި ހުރި ގޮޅިއަކުން މިރުސް ބަސްތާއެއް އޮއްސާލަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ލޯކަލް މާރުކޭޓުގައި ހުރި ގޮޅިއަކުން މިރުސް ބަސްތާއެއް އޮއްސާލަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ލ އަތޮޅު ގަމާއި އިސްދޫ އާއި ކަލައިދޫގައި ވެސް ފުޅާ ދާއިރާއަކަށް ދަނޑުވެރިކަން ކުރެ އެވެ.

އެންމެ ފުޅާކޮށް ދަނޑުވެރިކަން ކުރާ އެ އަތޮޅު ގަން ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ، ކަނޑޫދޫގައި ހައްދާ ވައްތަރުގެ މިރުސް އެ ރަށުގައި ހައްދާތާ ފަސް ވަރަކަށް އަހަރުވެއްޖެ ކަމަށެވެ. އެ ރަށުން މިދިޔަ ފަސް ދުވަހުގެ ތެރޭގައި ފަސް ޓަނު މިރުސް މާލެއަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ވެސް އެ އަދަދަށް [ފަސް ޓަނު] ގެ މިރުސް މާލެ ފޮނުވޭނެ. މިކޮޅުގައި ދަނޑުވެރިކަން ކުރަން 20،000 ސްކޮއާ ފީޓުގެ 350 ދަނޑު އެބަ އޮތް ރަޖިސްޓާކޮށްފައި. އޭގެއިން ގިނަ ވާނީ މިރުސް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިރުހުގެ އިތުރަށް މިދިޔަ ފަސް ދުވަހުގެ ތެރޭގައި 15 ޓަނުގެ ކަރާ ވެސް އެ ރަށުން މާލެއަށް ފޮނުވާފައިވާ ކަމަށެވެ.