Roadha Mihaaru
"ހަރަދު ކުޑަ ކުރަން ރިފޯމުގެ މަސައްކަތް ފަށައިފިން"

ހަރަދުތައް ކުޑަ ކުރަން ރިފޯމުގެ މަސައްކަތް ފަށައިފިން: ސައީދު

07 ފެބުރުއަރީ 2024

ހަރަދުތައް ކުޑަ ކުރަން ރިޕޯމުގެ މަސައްކަތްތައް ސަރުކާރުން ފަށާފައިވާ ކަމަށާއި، އެކަން ހާސިލުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހަރަދުތައް ކުޑަ ކުރަން ރިޕޯމުގެ މަސައްކަތްތައް ސަރުކާރުން ފަށާފައިވާ ކަމަށާއި، އެކަން ހާސިލުވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ސައީދު ވިދާޅުވީ، މިއަހަރު ހަރަދުތައް ކުޑަ ކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ފިޔަވަޅުތައް އައިއެމްއެފް އިން ބަލައިގަތުމުން މަރުހަބާ ކިޔާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ހަރަދުތައް ކުޑަ ކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

މިއަހަރު ޖެނުއަރީން ފެށިގެން އެމްއެމްއޭއިން ފައިސާ ޗާޕުކުރުން ވަނީ ހުއްޓާލައިފަ އެވެ. އަދި އޮފީސްތަކުގެ ޕްރޮކިއުމަންޓް ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ބަލްކް ޕްރޮކިއުމަންޓް އުސޫލުން ހަރަދުތައް ހަމަޖައްސަން ރާވާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"ރިޕޯމުގެ މަސައްކަތް ފައްޓާފައި މިހާރު ވެސް މިހުރީ. މިއީ އޯވަނައިޓުން ކުރެވޭނެ ކަމެއް ނޫން. ވަރަށް ވިސްނުންތެރިކަމާ އެކު ކުރަން ޖެހޭ ކަމެއް. އިންޓަނޭޝަނަލް އެކްސްޕަޓީޒް ބޭނުންކޮށްގެން ސަރުކާރުން ބައިވެރިވެގެން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

ސައީދު ކުރެއްވި ޓްވީޓު

ބަޖެޓުގައި ކަނޑައަޅާފައިވާ ހަރަދުތައް ކުރުމަށް އާޅާނެ ފިޔަވަޅުތަކަށް މިއަހަރު އަމަލު ކުރެވޭނެތޯ ސުވާލު ކުރުމުން ސައީދު ވިދާޅުވީ، ހަރަދު ކުޑަ ކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ވާހަކަ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވި ކަމަށާއި އެއަށް ވުރެ ބޮޑު ކޮމިޓްމެންޓެއް ނުދެވޭނެ ކަމަށެވެ.

ސައީދު ވިދާޅުވީ، ސަރުކާރުން ރީފޯމުގެ މަސައްކަތްތައް ވަރަށް ސީރިއަސް ކޮށް ނަގާ ކަމަށާއި ކުރިއަށް އޮތްތަނުގައި ރީފޯމުތަކަށް އަޅާ ފިޔަވަޅުތަކުގެ ތަފްސީލުތައް ދެއްވާނެ ކަމަށެވެ.

މިއަހަރުގެ ބަޖެޓުގައި ސަބްސިޑީ ޓާގެޓު ކުރުމަށްޓަކައި 600 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ބަޖެޓު ފޮތުގައިވާ ގޮތުން އަންނަ އަހަރުގެ ޖުލައި މަހުގައި އެ ފިޔަވަޅުތައް އަޅަން ޖެހެ އެވެ. އަދި އާބާދީގެ 65 ޕަސެންޓަށް ސަބްސިޑީގެ ފައިދާ ލިބޭ އެވެ. ޓާގެޓު ކުރަން ކަނޑައާޅާފައިވަނީ ފިއުލް އާއި ކަރަންޓާއި ނަރުދަމާ އާއި ކާޑުގެ ބާވަތްތަކަށް ދޭ ސަބްސިޑީ އެވެ.