ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިއްޔެ ހަމަނުޖެހުން ހިންގައިގެން ފުރިހަމަ ނުކުރެވުނު މެޗުގެ ބާކީބައި ކުޑަހެންވޭރުން ކުޅެން ބޭނުން ނުވުމުން، ވިކްޓަރީއަށް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވެއްޖެ އެވެ.
08 ފެބުރުއަރީ 2024
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިއްޔެ ހަމަނުޖެހުން ހިންގައިގެން ފުރިހަމަ ނުކުރެވުނު މެޗުގެ ބާކީބައި ކުޑަހެންވޭރުން ކުޅެން ބޭނުން ނުވުމުން، ވިކްޓަރީއަށް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވެއްޖެ އެވެ.
މުބާރާތުގެ އިމަޖެންސީ ކޮމިޓީން ނިންމީ، 82 ވަނަ މިނެޓްގައި ހުއްޓާލި މެޗުގެ ފަހު އަށް މިނެޓް މާދަމާ ހަވީރު ކުޅުމަށެވެ. އެކަމަކު އޭގެ ފަހުން ކުޑަހެންވޭރުން ވަނީ މެޗު ކުޅެން ބޭނުން ނުވާކަން ހާމަކޮށް އެފްއޭއެމް އަށް ސިޓީއެއް ފޮނުވާފައި އެވެ.
އެ ސިޓީއާ ގުޅިގެން އެފްއޭއެމުން ނިންމީ، މެޗު ހުއްޓާލި އިރު އޮތް ނަތީޖާ ކަމަށްވާ 3-1 ން ވިކްޓަރީ މޮޅުވެފައިވާ ކަމަށެވެ.
މެޗުގައި ހަމަނުޖެހުން ހިންގީ ކުޑަހެންވޭރަށް ސަޕޯޓް ކުރަން ތިބި ބަޔަކު ވިކްޓަރީގެ ބިދޭސީ ކުޅުންތެރިޔާ އަނަޓޮލީ ވްލަޝިޗޭވް އަށް ހަމާލާ ދޭން ދަނޑަށް އެރުމުންނެވެ. އެއީ އަނަޓޮލީ ކުރި ފައުލަކާ ރަތްކާޑެއް ދެއްކުމުގެ ބަދަލުގައި ރީނދޫ ކާޑެއް ދައްކަން ރެފްރީ ނިންމުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. ދަނޑަށް އެރި މީހުންގެ ކިބައިން އަނޮޓޮލީ ސަލާމަތް ކުރަން މަސައްކަތް ކުރި، ވިކްޓަރީގެ ކޯޗު ސޮބާހް މުހައްމަދުގެ މޫނު މަތީގައި މީހަކު ވަނީ ގުށްމުށުން ޖަހައިފަ އެވެ. އެ ހަމަލާގައި އޭނާގެ އަނގަމަތި ފަޅައިގެން ދިޔަ އެވެ.
އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ ކުޑަ ހެންވޭރުން ފޮނުވި ސިޓީގައި، މެޗުގައި ހިނގާދިޔަ ކަންކަމާ މެދު ހިތާމަކުރާ ކަމަށާއި އަދި އެކަންކަމާ މެދު މައާފަށް އެދޭކަމަށް ބުނެފައިވާ ކަމަށެވެ.
އެކަމަކު ހަމަނުޖެހުންތަކާ ގުޅީގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ޑިސިޕްލިނަރީ ކޮމިޓީ އަށް ފޮނުވުމަށް މުބާރާތުގެ އިމަޖެންސީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ ކަނޑައެޅީ މިއަދުގެ ބޭއްވި ކޮންގްރެސްގަ އެވެ.
ސެމީ ފައިނަލުގައި ވިކްޓަރީއާ ދެކޮޅަށް ނުކުންނާނީ ކުރިން ފުރަތަމަ ޑިވިޝަނުގައި އެ ޓީމާ އެންމެ ވާދަވެރި ކްލަބް، ނިއު ރޭޑިއަންޓެވެ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ. މެޗުން މޮޅުވާ ޓީމަކަށް އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނެ އެވެ. މި ފަހަރު މުބާރާތުގެ ފައިނަލަށް ދަތުރުކުރާ ދެ ޓީމަށް އަންނަ ސީޒަނުގައި އެއްވަނަ ޑިވިޝަނުން ޖާގަ ލިބޭނެ އެވެ. ވިކްޓަރީ އާއި ނިއު މެޗުގެ ކުރިން ފުރަތަމަ ސެމީ ފައިނަލުގައި އަންނަ އަންގާރަ ދުވަހު މަސްއޮޑި އާ ދެކޮލަށް ލެގޫންސް ނުވަތަ ޓެންޓްގެ ތެރެއިން ކޮންމެ ވެސް އެއް ޓީމެއް ނުކުންނާނެ އެވެ.
ހުރިހާ މެޗަކުން މޮޅުވެ މަސްއޮޑިން ތަށި އުފުލާލައިފި
މެޗުގެ ހަމަނުޖެހުމާ ހެދި އަނަޓޮލީ ރާއްޖޭން ހިނގައްޖެ
ވިކްޓަރީއަށް ހިދުމަތެއް ކޮށްދެވުނުކަމުގެ އިހްސާސް ކުރެވޭ
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
މެޗުގައި ހަމަނުޖެހުން ހިންގައި ސޮބާއަށް ހަމަލާދީފި
މެޗު ދޫކޮށްލުން ގިނަވެ ފުޓްބޯޅައިގެ ސީރިއަސްކަން ނެތެނީ
ބަޖެޓް އޮވެ ވިކްޓްރީ މިހެދީ ކިހިނެއް؟
ޓީނޭޖް އަތުން ބަލިވެ ވިކްޓަރީގެ ބާރު ކެނޑިއްޖެ
ސޮބާ ބުނަނީ މިރޭ އޮތީ އެންމެ ފޯރިފަދަ މެޗު ކަމަށް
ވިކްޓަރީން ހިންނަވަރުގައި ކޭމްޕް ކޮށްފި