Roadha Mihaaru
މީހެއްގެ އެކައުންޓުން 200،000ރ. ނަގައިފި

ފްލެޓް ލިބިފައިވާ ކަމަށް ބުނެ މީހެއްގެ އެކައުންޓުން 200،000ރ. ނަގައިފި

09 ފެބުރުއަރީ 2024

ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ، އޮޅުވާޅައިގެން މީހެއްގެ އެކައުންޓުން 200،000ރ. ނެގި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ، އޮޅުވާޅައިގެން މީހެއްގެ އެކައުންޓުން 200،000ރ. ނެގި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ފްލެޓެއް ލިބިއްޖެ ކަމަށް ބުނެ އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ގއ. ވިލިނގިލީ މީހެއްގެ ބޭންކު އެކައުންޓުން 200،000ރ. މަކަރާއި ހީލަތުން ނަގާފައިވާ މައްސަލައެއް ބުދަ ދުވަހު ހަވީރު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށާއި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މިފަދަ އޮޅުވާލުންތަކާ ގުޅޭ ގޮތުން ފުލުހުން އެންމެ ފަހުން އާންމު ކުރި މައުލޫމާތުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ މިހާތަނަށް ސްކޭމްގެ މައްސަލަތަކުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކި މީހުންގެ އަތުން ގެއްލިފައިވާ ކަމަށެވެ. އޭގެ ތެރެއިން ރިކަވާކުރެވުނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ކަމަށް ވެސް ބުންޏެވެ.

ފުލުހުންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެކި ކަހަލަ ސްކޭމްތަކުގެ މައްސަލާގައި މީހުންގެ އަތުން 57 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވެ އެވެ. އެއީ 28،000 މައްސަލާގައި ހިމެނޭ ފައިސާ އެވެ.

ސްކޭމްތަކަށް ސަމާލުވުމަށް އާއްމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރިޔަސް މިފަދަ ކަންކަމުގައި ގެއްލޭ ފައިސާ މަދެއް ނުވެ އެވެ.