Roadha Mihaaru
ޕެރަގުއޭ ކަޓުވާލުމަށް ފަހު އެމެރިކާ ކުއާޓާ އަށް

ޕެރަގުއޭ ކަޓުވާލުމަށް ފަހު އެމެރިކާ ކުއާޓާ އަށް

12 ޖޫން 2016

ހޫސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 12) - ކޮޕަ އެމެރިކާގައި ރޭ ޕެރަގުއޭ އަތުން 1-0 އިން މޮޅުވެ، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި މުބާރާތް ބާއްވާ ގައުމު އެމެރިކާ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ހޫސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 12) - ކޮޕަ އެމެރިކާގައި ރޭ ޕެރަގުއޭ އަތުން 1-0 އިން މޮޅުވެ، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި މުބާރާތް ބާއްވާ ގައުމު އެމެރިކާ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެމެރިކާ އަށް ގްރޫޕްގެ އެއް ވަނަ ލިބުނީ ރޭ ކޮލަމްބިއާ އަތުން 3-2 އިން ކޮސްޓަ ރިކާ މޮޅުވުމުންނެވެ. މި ގްރޫޕްގެ މެޗުތައް ނިމުނުއިރު އެމެރިކާ އެއް ވަނައިގައި އޮތީ ތިން މެޗުން ލިބުނު ހަ ޕޮއިންޓާއި ފައިދާ ތިން ލަނޑާ އެކު އެވެ. ދެ ވަނައިގައި އޮތް ކޮލަމްބިއާ އަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނުއިރު، ފައިދާ އޮތީ ދެ ލަނޑެވެ. ތިން ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދި ކޮސްޓަ ރިކާ އެވެ. އެންމެ ފުލުގައި އޮތް ޕެރަގުއޭ އަށް ތިން މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެމެރިކާ ވަނީ ކޮލަމްބިއާ އަތުން ބަލިވެފަ އެވެ. އެ މެޗަށް ފަހު އެމެރިކާގެ ކޯޗު ޔާގަން ކްލިންސްމަން ވަނީ ދެން ކުޅޭ ދެ މެޗުން މޮޅުވެގެން ކުއާޓާގެ ޖާގައެއް ހޯދާނެ ކަމުގެ ޔަގީންކަން އެޓީމުގެ ސަޕޯޓަރުންނަށް ދީފަ އެވެ.

ރޭގެ މެޗުން ޕެރަގުއޭ އަތުން އެމެރިކާ މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރީ ތަޖުރިބާކާރު ފޯވާޑް ކްލިންޓް ޑެމްޕްސީ އެވެ. މި މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކްލިންސްމަން ބުނީ މި މުބާރާތަށް އޭނާ ކަނޑައެޅި ފުރަތަމަ ޓާގެޓް ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށާއި ދެން އޮތީ ދެވެން އޮތް އެންމެ ދުރަކަށް ދިއުމަށް މަސައްކަތްކުރުން ކަމަށެވެ.